ލޯކަލް ކައުންސިލްތަކުގެ އިހުތިސޯސްގައި ހިމެނޭ ބިންތަކާއި މިލްކިއްޔާތުގައި ހިމެނޭ ތަންތަން ސަރުކާރަށް އަތުލެވޭ ގޮތަށް ލާމަރުކަޒީ ގާނޫނަށް އިސްލާހު ގެންނަ ބިލުގެ މަސައްކަތް ކުރިއަށް އޮތް ފަސް ދުވަހުގެ ތެރޭގައި ނިންމާލުމަށް ރައްޔިތުންގެ މަޖިލީހުގެ ލާމަރުކަޒީ ކޮމިޓީން ނިންމައިފިއެވެ.
މި ބިލަކީ އަމިއްލަ ގޮތުން މަޖިލީހުގައި އިންނަވާ ތުޅާދޫ ދާއިރާގެ މެންބަރު އަބްދުއްހަންނާން އަބޫބަކުރު ހުށަހެޅުއްވި ބިލެކެވެ.
ބިލު ދިރާސާކުރުމަށް އަންގާރަ ދުވަހު ބޭއްވި ލާމަރުކަޒީ ކޮމިޓީގެ ބައްދަލުވުމުގައި، ފަސް ދުވަހުގެ ތެރޭގައި ބިލުގެ މަސައްކަތް ނިންމުމަށް ހުށަހެޅުއްވީ ކޮލަމާފުށި ދާއިރާގެ ޕީއެންސީ މެންބަރު އިބްރާހީމް ދީދީއެވެ. އޭނާގެ ހުށަހެޅުއްވުމުގައި ބިލަށް ހިޔާލު ހުށަހެޅުމަށް އަންނަ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 2:00 އާ ހަމައަށް ފުރުސަތު ހުޅުވާލުމަށާއި، އަންނަ އާދީއްތަ ދުވަހުގެ މެންދުރު 12:00 ގެ ނިޔަލަށް މުޅި ބިލުގެ މަސައްކަތް ނިންމުމަށް ވަނީ ހުށަހަޅުއްވާފައެވެ.
ވިލުފުށި ދާއިރާގެ ޕީއެންސީ މެންބަރު ހަސަން ވަހީދު ތާއީދުކުރެއްވި މި ހުށަހެޅުން ފާސްވީ ކޮމިޓީގައި ތިއްބެވި ޕީއެންސީގެ 6 މެންބަރެއްގެ ވޯޓުންނެވެ. އޭގެ ތެރޭގައި އިބްރާހީމް ދީދީ އާއި ހަސަން ވަހީދުގެ އިތުރުން ބިލެތްދޫ ދާއިރާގެ މެންބަރު އަހުމަދު އަސްލަމް، ނިލަންދޫ ދާއިރާގެ މެންބަރު ފާތިމަތު ސައުދާ، ހެންވޭރު އުތުރު ދާއިރާގެ މެންބަރު އަހުމަދު އައިފާން އަދި އުނގޫފާރު ދާއިރާގެ މެންބަރު އިބްރާހީމް ޝިފާޒް ހިމެނިވަޑައިގަންނަވައެވެ.
މި ބައްދަލުވުމުގައި ކެޔޮދޫ ދާއިރާގެ އެމްޑީޕީ މެންބަރު މުހައްމަދު ނިއުޝާދު ވަނީ އަންނަ މަހުގެ 30 ގެ ނިޔަލަށް ބިލުގެ މަސައްކަތް ނިންމުމަށާއި، ލޯކަލް ގަވަރުމަންޓް އޮތޯރިޓީ (އެލްޖީއޭ)، ކައުންސިލްތަކުގެ ޖަމިއްޔާ އަދި ސިޔާސީ ޕާޓީތައް ކޮމިޓީއަށް ހާޒިރުކޮށްގެން ހިޔާލު ހޯދުމަށް ހުށަހަޅުއްވާފައެވެ. ނަމަވެސް އެ ހުށަހެޅުމަށް ތާއީދުކުރެއްވީ އައްޑޫ ހިތަދޫ އުތުރު ދާއިރާގެ މެންބަރު އަބްދުﷲ ސޯދިގު އާއި އައްޑޫ މީދޫ ދާއިރާގެ މެންބަރު އަބްދުއްރަހްމާން އެކަންޏެވެ.

