ގދ ތިނަދޫއަށް ސިޓީއެއްގެ ދަރަޖަ ދިނުމަށް ފެންނަކަމަށް ލާމަރުކަޒީ ކޮމެޓީގެ މެމްބަރުން ވިދާޅުވެއްޖެއެވެ.
ތިނަދޫއަށް ސިޓީއެއްގެ ދަރަޖަ ދިނުމަށް އެދި ތިނަދޫގެ ކައުންސިލުން ވަނީ ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ)އަށް ސިޓީއެއް ފޮނުވާފައެވެ. ސިޓީގައިވާ ގޮތަށް ތިނަދޫއަށް ސިޓީއެއްގެ ދަރަޖަ ދިނުމަށް އެލްޖީއޭއިން މަސައްކަތް ފަށައި މަޖިލީހުގެ ލާމަރުކަޒީ ކޮމެޓީއަށް އެމައްސަލަ ހުށައެޅުމުން ލާމަރުކަޒީ ކޮމެޓީއިން މިއަދު ވަނީ އެލްޖީއޭއާއި ބައްދަލުކޮށްފައެވެ.
އެލްޖީއޭއިން މިއަދު ލާމަރުކަޒީ ކޮމެޓީއާއި ބައްދަލުކުރުމުން އެލްޖީއޭގެ ސީއީއޯ އަފްޝަން ލަތީފް ވިދާޅުވީ ތިނަދޫގެ ރެޖިސްޓްރޭޝަން އާބާދީ ސިޓީއެއްގައި ހުންނަންޖެހޭ އާބާދީއާއި ހަމަނުވާ ކަމަށެވެ. ލާމަރުކަޒީ ގާނޫނުގައިވާ ގޮތުން ސިޓީއެއްގެ ދަރަޖަ ލިބެނީ ރަށެއްގެ ރަޖިސްޓްރީކޮށްފައިވާ އާބާދީ މަދުވެގެން 10،000އަށް އަރާކަމުގައިވާނަމައެވެ. ތިނަދޫ ކައުންސިލާއި ހަވާލާދީ އަފްޝަން ވިދާޅުވީ ރަށުގެ ރަޖިސްޓްރޭޝަން އާބާދީ މަދުކަމުގައިވިޔަސް ރަށުން ހިދުމަތް ހޯދާ މީހުންގެ އާބާދީ 12،000އަށް އަރާ ކަމަށެވެ. އަދި ރަށުގައި ރަޖިސްޓަރ ކޮށްފައިވާ އާބާދީ މަދުކަމުގައިވިޔަސް ސިޓީއެއްގައި ހަމަވާންޖެހޭ އެހެން ޝަރުތުތައް ހަމަވާކަމަށް ސިޓީ ކައުންސިލުން ބުނާކަމަށް އަފްޝަން ވިދާޅުވިއެވެ. ސިޓީ ކައުންސިލުން ފާހަގަކުރާ ބައެއް ޚިދުމަތްތަކުގެ ތެރޭގައި ސިއްހީ ޚިދުމަތްތަކާއި ރަށުގައި ހުރެގެން ޑިގްރީއަށް ކިޔެވުމުގެ ފުރުސަތު ފަހިވެފައިވާކަން ސިޓީ ކައުންސިލުން ފާހަގަކުރަކަމަށް އަފްޝަން ވިދާޅުވިއެވެ.
ތިނަދޫއަށް ނިސްބަތްވާ މެމްބަރުންވެސް ވަނީ ތިނަދޫއަށް ސިޓީއެއްގެ ދަރަޖަ ދޭންޖެހޭކަން ފާހަގަކުރައްވާފައެވެ. ތިނަދޫ އުތުރު ދާއިރާގެ މެމްބަރު އަބްދުލްމުޣުނީ ވިދާޅުވި ގޮތުގައި ރާއްޖޭގައި މިފަހުން ބޯހިމެނުން ކުރިއަށްގެންގޮސްފައިނުވާތީ އެންމެ ސައްހަ އާބާދީގެ މައުލޫމާތު ލިބިފައި ނެތެވެ. އެހެންނަމަވެސް ތިނަދޫއިން ހިދުމަތް ހޯދާ މީހުންގެ އާބާދީ 12،000އަށް އަރާކަމަށް މުޣުނީ ވިދާޅުވިއެވެ. ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސަނީފްވެސް ވަނީ މިވާހަކަތަކަށް ތާއީދުކުރައްވާފައެވެ.
”ތިނަދޫއަށް ސީޓީއެއްގެ ދަރަޖަ ލިބެންޖެހޭ. ތިނަދޫގައި އެފަދަ ހުރިހާ ޚިދުމަތެއް އެބަހުރި“ ސަނީފް
ލާމަރުކަޒީ ކޮމެޓީގެ މުގައްރިރު އަލީ ނިޔާޒް ވިދާޅުވީ ސިޓީގެ ޝަރުތުތައް ފުރިހަމަވާ ރަށްތަކަށް ސިޓީއެއްގެ ދަރަޖަ ދިނުމަށް ތާއީދު ކަމަށެވެ. އެހެންނަމަވެސް ގާނޫނުގައި ވަކި ޝަރުތުތަކެއް ބަޔާންކޮށްފައިވާއިރު ގާނޫނަށް ބަދަލުތަކެއް ގެންނައިރު ރަނގަޅު ދިރާސާއެއް ކުރަންޖެހޭ ކަމަށް ނިޔާޒް ވިދާޅުވިއެވެ. އަދި ސިޓީއެއްގެ ދަރަޖަ ދޭއިރު ބަލާ އާބާދީއަށް ބަދަލުތަކެއް ގެންނަކަމުގައިވާނަމަ ވޯޓު ދިނުމުގެ ހައްގުގައި ބަޔާންކުރާ ބައެއް ކަންތައްތައްވެސް ބަދަލުކުރަންޖެހޭނެ ކަމަށެވެ. ގާނޫނަށް ބޮޑެތި ބަދަލުތަކެއް މިކަމުގައި ގެންނަން ޖެހޭކަމަށް ވިދާޅުވިއެވެ.
އިތުރު މެމްބަރުން ކޮމެޓީގައި ދެއްކެވި ވާހަކަތަކަށް ބަލައިލާއިރު މިހާރު އިންތިހާބުތަކުގައި ވޯޓުލާން ގެންގުޅޭ އުސޫލުތަކަކީ އެންމެ ރަނގަޅު އުސޫލުތަކެއް ނޫންކަމަށް ވިދާޅުވިއެވެ. އެހެންކަމުން އެއުސޫލުތައްވެސް ބަދަލުކުރުމަށް ފެށުމެއްގެ ގޮތުގައި ބަލައިގެން ކުރިއަށްގެންދެދިދާނެކަން ފާހަގަކުރައްވައި ތިނަދޫއަށް ސިޓީއެއްގެ ދަރަޖަ ދިނުމަށް މެމްބަރުން ވަނީ ތާއީދުކުރައްވާފައެވެ.
ތިނަދޫއަށް ސިޓީއެއްގެ ދަރަޖަ ދިނުމަށް އެންމެ ބޮޑަށް ވަކާލާތުކުރީ ތިނަދޫ ކައުންސިލުންނެވެ. އެފެންވަރުގެ ހިދުމަތްތައް އެރަށުން ލިބޭކަން ފާހަގަކޮށް ތިނަދޫ ކައުންސިލުން ވަނީ އެރަށުން އެހެން ރަށްރަށުގެ ރައްޔިތުންނަށް ގޯތި ދޫކުރުމަށްވެސް އިއުލާންކޮށްފައެވެ.

