ދުންފަތުގެ އިސްތިއުމާލުކުރުމާ ދެކޮޅަށް ހޭލުންތެރިކަން އިތުރުކުރުމަށް މަސައްކަތްކުރާ އަމިއްލަ ޖަމުޢިއްޔާތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމާ ބެހޭ އުސޫލެއް ހެލްތު ޕްރޮމޯޝަން އޭޖެންސީ (އެޗްޕީއޭ) އިން އާންމުކޮށްފިއެވެ.
އެޗްޕީއޭއިން ނެރުނު އުސޫލުގައިވާ ގޮތުން، މިފަދަ ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތަކަށް އެހީތެރިވުމުގެ ގޮތުން ޕަބްލިކް ހެލްތު ފަންޑުން ކޮންމެ އަހަރަކު 3 މިލިއަން ރުފިޔާގެ ބަޖެޓެއް ކަނޑައެޅުމަށް ވަނީ ނިންމާފައެވެ.
މި އެހީއަށް ހުށަހަޅާ ޕްރޮޕޯސަލްތަކަކީ ދުންފަތުގެ ސަބަބުން ލިބޭ ސިއްހީ ގެއްލުންތަކަށް ހޭލުންތެރިކުރުވުމާއި، ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓުވުމަށް އަމާޒުކުރެވިފައިވާ ކަންކަމަށް ވާންޖެހޭނެއެވެ.
މި އެހީ ދިނުމަށް ހަމަޖެހިފައިވަނީ މަދުވެގެން 12 މަސްދުވަސް ކުރިން ރަސްމީކޮށް ރަޖިސްޓްރީވެގެން ހިންގަމުންދާ ޖަމްއިއްޔާތަކަށެވެ. އަދި ލިބޭ ބަޖެޓުގެ ތެރެއިން އިދާރީ ޚަރަދުތަކަށް ބޭނުންކުރެވޭނީ އެންމެ ގިނަވެގެން %20 ކަމަށްވެސް އެޗްޕީއޭއިން މައުލޫމާތުދެއެވެ.
މި ފަންޑުގެ ދަށުން އެހީ ދޫކުރުން ވަނީ ޖިއޮގްރަފީ އަދި މަސައްކަތުގެ ނިސްބަތަށް ބަލައި ތިން ކެޓަގަރީއަކަށް ބަހާލާފައެވެ. އެއީ ވަކި ރަށްރަށަށް އަމާޒުކޮށްގެން ހިންގާ ޕްރޮގްރާމްތަކާއި، ގައުމީ ފެންވަރުގައި ހިންގާ ޕްރޮގްރާމްތަކުގެ އިތުރުން ސަރަހައްދީ ބޮޑެތި ޕްރޮގްރާމްތަކެވެ.

