ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރޭވިގެން ހިންގާ މާލީ ކުށްތަކުން ލިބޭ ފައިސާ ލޯންޑާކުރުމަށް ކުޅިވަރުގެ ދާއިރާ ނިވާފަތްގަނޑަކަށް ބޭނުންކުރޭ: އޭސީސީ

އޭސިސީން މީގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ކޮމިޝަނުގެ ރައީސް ވާހަކަ ދައްކަވަނީ
ޝެއާރކޮށްލާ ކަހަލަދޯ؟

ރޭވިގެން ހިންގާ މާލީ ކުށްތަކުން ލިބޭ ފައިސާ ލޯންޑާކުރުމަށް ކުޅިވަރުގެ ދާއިރާ ނިވާފަތްގަނޑަކަށް ބޭނުންކުރާ ކަމަށް އޭސީސީން ތައްޔާރުކުރި ކުޅިވަރު އިންތިޒާމުކޮށް ބެލެހެއްޓުމުގެ ނިޒާމުގައި ކޮރަޕްޝަނަށް ހުރި ހިރާސް ދެނެގަތުމުގެ ދިރާސާ ރިޕޯޓުގައި ބުނެފިއެވެ.

އެއް އެންޓި-ކޮރަޕްޝަން ކޮމިޝަނުން ތައްޔާރުކޮށް ދިރާސާގެ ރިޕޯޓު އާންމުކޮށްފައިވާއިރު، އޭސީސީން ބުނީ އެ ދިރާސާގެ މައިގަނޑު މަޤްޞަދަކީ ދައުލަތުގެ ބަޖެޓުން ޚަރަދުކުރާ ކުޅިވަރު ޖަމުޢިއްޔާ ޖަމާޢަތްތަކުން ފައިސާ އަދި ފަންޑު ހޯދާ ގޮތާއި، މުދަލާއި ފައިސާ ބަލަހައްޓައި ޚަރަދުކުރާގޮތް ބެލުމާއި، ކުޅިވަރު އިދާރާތަކާއި ޖަމުޢިއްޔާ ޖަމާޢަތްތަކުގެ ޤާނޫނީ އަދި މުއައްސަސީ އޮނިގަނޑު އެކުލެވިފައިވާ ގޮތް ދެނެގަނެ އެކަންކަމުގައި ކޮރަޕްޝަނަށް އޮތް ހިރާސްތައް ދެނެގަތުމަށާއި، އިސްލާހުކުރަންޖެހޭ ކަންކަން ފާހަގަކޮށް އެފަދަ މައްސަލަތައް ހައްލުކުރުމަށް އެޅޭނެ ފިޔަވަޅުތަކާ ގުޅޭގޮތުން ލަފާދިނުން ކަމަށެވެ.

ކުޅިވަރުގެ ނިޒާމުގައި ހުރި މައްސަލަތައް ހައްލުކުރަން ލަފާދީފައިވާ އެ ރިޕޯޓުގައި ފާހަގަކޮށްފައިވަނީ، ކުޅިވަރަކީ ބިލިއަން ޑޮލަަރުގެ އިންވެސްޓްމެންޓް ހިމެނޭ، ގިނަ ބައެއްގެ މަސްލަހަތު އެކުލެވޭ ދާއިރާއަކަށް ވާއިރު، އެ ސިނާއަތްތަކުގައި ކޮރަޕްޝަނަށް ހުޅުވިފައިވާ ދޮރުތަކުގެ ސަބަބުން ގައުމީ ފެންވަރުގައި އަދި ބައިނަލްއަގުވާމީ ފެންވަރުގައި ރާވައިގެން ހިންގާ ކުށްތަކުގެ ސަމާލުކަން ކުޅިވަރުގެ ދާއިރާއަށް ލިިބޭ ކަމެވެ.

އެގޮތުން އޮގަނައިޒްޑް ކްރައިމްގެ ތެރޭގައި ހިންގާ މާލީ ކުށްތަކުން ލިބިދޭ ފައިސާ ލޯންޑާކޮށް ފޮރުވުމަށް ކުޅިވަރުގެ ދާއިރާ ނިވާފަތްގަނޑަކަށް ބޭނުންކުރާކަން ހާމަވެފައިވާކަމަށް އެ ރިޕޯޓުގައިވެއެވެ.

ކުޅިވަރު އިންތިޒާމުކޮށް ހިންގާ ކްލަބް ޖަމުޢިއްޔާތައް ޒިންމާދާރުކުރުވާނެ ފަރާތެއް އަދި ޖަވާބުދާރީ ކުރުވާނެ ނިޒާމެއް ނެތުމީ، އެކަމުގެ ސަބަބުން ކޮރަޕްޝަންގެ ކުށްތަކަށް އަރައިގަތުމަށް މަގުފަހިވެގެންދާ ކަމެއް ކަމަށް ވެސް އޭސީސީގެ ރިޕޯޓުގައިވެއެވެ.

ކުޅިވަރު ހަރަކާތްތަކުގެ ތެރެއިން ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ނުވަތަ ވަކި ބަޔަކަށް ނާޖާއިޒު މަަންފާ ހޯދައިދިނުމުގެ މައްސަލަތައް އިތުރުވެގެން ގޮސްފައިވާ ކަމަށް އދ. ޔުނައިޓްޑް ނޭޝަންސް އޮފީސް އޮން ޑްރަގް އެންޑް ކްރައިމް (ޔޫއެންއޯޑީސީ) އިން ވެސް ފާހަގަކުރާކަމަށް އެ ރިޕޯޓުގައިވެއެވެ. އަދި އެގޮތަށް އެކަން ދިމާވާން މެދުވެރިވަނީ، އެ ދާއިރާގައި ކޮރަޕްޝަންގެ އަމަލުތައް ހުއްޓުވުމަށް މަސައްކަތްކުރާނެ ފަރާތްތައް މަދުވުމާއި ގާނޫނުން އެ ޒިންމާ ވަކި އިދާރާއަކާ ހަވާލުނުކޮށް އޮތުމުގެ ސަބަބުން ދިމާވާ ގާނޫނީ ހުސްކަމެއްގެ ސަބަބުން ކަމަށް ޔޫއެންއޯޑީސީން ފާހަގަކުރާކަމަށް ވެސް އެ ރިޕޯޓުގައިވެއެވެ.

އެ ދިރާސާއަށް މަޢުލޫމާތު ހޯދުމަށްޓަކައި ކުޅިވަރު އިދާރާތަކާއި ޖަމުޢިއްޔާ ޖަމާޢަތްތަކުގެ މާލީ ނިޒާމާ ގުޅޭގޮތުން ލިބެންހުރި ލިޔެކިޔުންތައް މުރާޖަޢާކުރުމުގެ އިތުރުން، ކުޅިވަރު އިދާރާތަކާއި ޖަމުޢިއްޔާ ޖަމާޢަތްތަކުގެ ކަމާބެހޭ މުވައްޒަފުންގެ ފަރާތުން މަޢުލޫމާތު ހޯދިފައިވެއެވެ.

އެ ދިރާސާގެ ނަތީޖާގައި މާލީ ޖަވާބުދާރީކުރުވުން ހީނަރުވުމާއި ކްލަބް ޖަމުޢިއްޔާތަކުގެ ދަށުން ހިންގާ އެކަޑަމީތައް ރެގިއުލޭޓް ނުކުރެވުމުގެ މައްސަލައާއި ނުފޫޒު ފޯރުވުމާއި މަސްލަހަތު ފުށުއެރުން އަދި ގަވަރނަންސް ހަރުދަނާ ނުވުމުގެ ސަބަބުން ކޮރަޕްޝަނަށް ހުރި ހިރާސްތަކަށް އަލިއަޅުވާލައި އެ މައްސަލަތައް އިސްލާޙް ކުރުމަށް 18 ލަފާ ހިމަނާފައިވެއެވެ.

މިގޮތުން ފާހަގަކުރެވޭ މައިގަނޑު ލަފާތަކުގެ ތެރޭގައި މާލީ ޖަވާބުދާރީވުން ހަރުދަނާކުރުމުގެ ގޮތުން ކުޅިވަރު އެސޯސިއޭޝަންތަކަށް ލިބޭ އެންމެހާ އާމްދަނީއާއި ކުރާ ޚަރަދުތައް ހާމަކުރުން ޤާނޫނުން ލާޒިމްކުރުމަށާއި، ހަރުދަނާ ފައިނޭންޝަލް ރިޕޯޓިންގ ފްރޭމްވަރކެއް އެކުލަވާލުމަށް ވާނީ ލަފާދީފައެވެ. އަދި ޤަވާޢިދުން މިނިވަން މާލީ އޮޑިޓްތައް ހެދުމާއި، ވެރިންނާއި ހިރާސް ބޮޑު މަޤާމުތަކުގައި ތިބޭ ފަރާތްތަކުގެ މާލީ ބަޔާން ވެބްސައިޓުގައި ޝާއިޢުކުރުން ލާޒިމްކުރުން ހިމެނެއެވެ. މީގެ އިތުރުން، އެކަޑަމީތަކުގެ ފެންވަރާއި، ކޯޗުންގެ ޝަރުތުތަކާއި ސަލާމަތީ މިންގަނޑުތައް ކަނޑައަޅައި، ކުޅިވަރާބެހޭ ވުޒާރާއިން ޕީރިއޮޑިކް އިންސްޕެކްޝަންތައް ހިންގުމަށް ވެސް ވަނީ ހުށަހަޅާފައެވެ.

އޭގެ އިތުރުން ކުޅިވަރު އެސޯސިއޭޝަންތަކުގެ އިންތިޚާބީ ނިޒާމު ހަރުދަނާކޮށް، މަޤާމުތަކަށް ނަޒާހަތްތެރި އަދި ޤާބިލް ފަރާތްތައް އައްޔަންކުރުމަށާއި، ޝަކުވާ ހުށަހަޅައި ފިޔަވަޅު އެޅޭނެ ނިޒާމެއް ޤާއިމުކުރުމަށް ރިޕޯޓުގައި ބާރުއަޅާފައިވެއެވެ. ހަމައެއާއެކު، ދަނޑުތަކުން ލިބެންޖެހޭ ފައިސާގެ އޮޑިޓެއް ހެދުމާއި، ސްކޮލަރޝިޕް ދިނުމާއި ޕްރޮކިއުމަންޓްގެ ކަންކަން ދެފުށްފެންނަ ގޮތަށް ގެންދިއުމަށްވެސް ލަފާދީފައިވެއެވެ. އަދި ކުޅިވަރާބެހޭ ޤާނޫނުގައި ހުރި ގޮންޖެހުންތައް ދެނެގަނެ، މަސްއޫލިއްޔަތުތަކާ ގުޅިގެން ޕަރފޯމަންސް އޮޑިޓް ފުރިހަމަކުރުމަށް ވެސް އިރުޝާދު ދީފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: