ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އާޒިމްގެ އާއިލީ މީހަކަށް ކައުންސިލުގެ މަޝްރޫއެއް: ”ބިޑްތަކަށް ކުރިމަތިލަނީ ކޮން ބައެއް ކަމެއް ނުބަލަން“

މާލެ ސިޓީގެ މޭޔަރ އާދަމް އާޒިމް
ޝެއާރކޮށްލާ ކަހަލަދޯ؟

ބިޑުތަކަށް ކުރިމަތިލުމުގެ ހައްޤު ހުރިހާ އެންމެނަށްވެސް އޮންނާނެކަމަށާއި ސިޓީ ކައުންސިލުގެ ބިޑުތަކަށް ކުރިމަތިލަނީ ކޮން ބައެއް ކަމެއް ނުބައްލަވާ ކަމަށް މާލެ ސިޓީގެ މޭޔަރ އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.

އާޒިމް މިހެން ވިދާޅުވީ، މާލެ ސިޓީ ކައުންސިލުން ބޭއްވި ރަސްމިއްޔާތުތަކެއް ތައްޔާރުކޮށްދިނުމުގެ މަސައްކަތް އާޒިމްގެ ކޮއްކޮ މޫސާ އިޒުމީލުގެ ހިއްސާ އޮންނަ ކުންފުންޏެއް ކަމަށްވާ ޔުނިކާ ޕްރައިވެޓް ލިމިޓެޑްއާ ހަވާލުކޮށްފައިވާކަމަށް ބުނެ އޭނާއަށް އަމާޒުވެފައިވާ ފާޑުކިޔުންތަކާ ގުޅިގެން ”ސަންގުން“ މިއަދު ސުވާލުކުރުމުންނެވެ.

މިކަމާއި ގުޅޭގޮތުން ސަންގުން ސުވާލުކުރުމުން އާޒިމް ވިދާޅުވީ، ބިޑުތަކަށް ކުރިމަތިލުމުގެ ހައްޤަކީ ވަކި ފަރާތަކަށް އޮންނަ ކަމެއް ނޫންކަމަށާއި ބިޑަށް ކުރިމަތިލާ ފަރާތްތަށް ހޮވުމަކީވެސް ސިޓީ ކައުންސިލުން އޭނާ ނިންމާ ނިންމުމެއް ނޫންކަމަށެވެ. އާޒިމް ފާހަގަކުރެއްވީ، އެކަން ނިންމާނީ ބިޑު ކޮމިޓީން ކަމެވެ.

”އަޅުގަނޑުމެނެއް ޑީސައިޑެއް ނުކުރަމޭ ކާކަށްތޯ ބިޑަށް ކުރިމަތިލެވެނީ. އަދި ބޮޑުތަކަށް އައީމަ ކާކަށްތޯ ދެނީ ކާކަށްތޯ ނުދެނީކީވެސް އެއީ އަޅުގަނޑުމެން ޑިސައިޑްކުރާ ކަމެއްނޫނޭ. މިތާ އޮންނާނެ ބިޑު ކޮމިޓީއެއް، އެ ކޮމިޓީން ނިންމާނެ އެކަން. އަޅުގަނޑުމެނެއް ނުބަލާނެ ކާކަށްތޯ ލިބެނީ ކާކަށްތޯ ނުލިބެނީ، އެގޮތަށް ބަލަންޏާ ވަރަށް އަންފެއާ ނޫންތޯ؟“ އާޒިމް

އާޒިމް ވިދާޅުވީ ބިޑު ކޮމެޓީން ނިންމާ ނިންމުމަށް ނުފޫޒު ފޯރުވުމަކީ ސިޔާސީ މީހުން ކުރަންޖެހޭކަމެއް ނޫންކަމަށެވެ. އާޒިމް އިތުރަށް ވިދާޅުވީ، ސިޓީ ކައުންސިލުގެ ނިޒާމު މިހާރު ވަނީ ވަރަށް ބޮޑަށް ހަރުދަނާކުރެވިފައި ކަމަށާއި ކޮރަޕްޝަންގެ އަމަލުތައް ހިންގުމުގެ ފުރުސަތުތައް ކުޑަވާނެކަމަށެވެ.

”މިތަނުގައި މިހާރު ނިޒާމު ހަރުދަނާ ކުރެވިފައި މިހާރު މިހިރީ، މިތާ އެތެރޭގައި ގޯސްކަންކަން ކުރުމުގެ ފުރުސަތު ވަރަށް ކުޑަވާނެ، ވަރަށް ބޮޑަށް ސްޓީރީމްލައިން ކުރެވިފައި މިހާރު ހުންނާނީ. މިތަނުގައި ގޯސްކަމެއް ހިނގާނަމަ ތަހުގީގީ އިދާރާތަކަށް ހަމަ ފޮނުވަންވީ،“ މޭޔަރު

އޭނާ ވިދާޅުވީ، މިހާރުވެސް އަދި ކުރިއަށް އޮތްތަނުގައިވެސް ވަކި މީހަކަށް ވަކި ކުންފުންޏަކަށް ބަލައިގެން ކަންކަން ނުނިންމާނެކަމަށެވެ. އަދި އޭނާ ސިޓީ ކައުންސިލުގެ މޭޔަރުކަމުގައި ހުންނަވައިގެން ގޯސްކަމެއް ނުކުރާނެކަމުގެ ފުރިހަމަ ޔަޤީންކަން އޭނާ ވަނީ ދެއްވާފައެވެ. އަދި ކަމެއް ގޯސްކޮށް ހިނގާފައިވާނަމަ އެކަމުގެ ފުރިހަމަ ޒިންމާ ނަންގަވާނެކަމަށް އޭނާ ތަކުރާރުކުރެއްވިއެވެ.

އެނގިފައިވާ ގޮތުގައި މޫސާ އިޒުމީލުގެ ހިއްސާ އޮންނަ ކުންފުންޏެއް ކަމަށްވާ ”ޔުނިކާ ޕްރައިވެޓް ލިމިޓެޑް“އަށް، މާލޭ ސިޓީ ކައުންސިލުގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއަށް ހަތަރު އަހަރު ފުރުމުގެ ރަސްމިއްޔާތުގެ އިތުރުން ރައްޔިތުންގެ ބައްދަލުވުމުގެ އިވެންޓް މެނޭޖްމަންޓުގެ މަސައްކަތް ވެސް ވަނީ ހަވާލުކޮށްފައެވެ.

ރައްޔިތުންގެ ބައްދަލުވުންތަކަށް ކުރި ހަރަދާ ގުޅިގެން ވެސް އާޒިމްއަށް ފާޑުކިޔުން އަމާޒުވެފައިވާއިރު، އިއްޔެ އެ ބައްދަލުވުމުގެ ޚަރަދުތަކާ ގުޅޭގޮތުން ވާހަކަދައްކަވަމުން  އާޒިމް ވިދާޅުވީ، ކައުންސިލުން އަބަދުވެސް މަސައްކަތް ކުރަމުންދަނީ ދައުލަތުގެ ފައިސާ އިސްރާފު ނުކޮށް، ޚަރަދުތައް ވީހާވެސް ކުޑަކުރުމަށް ކަމަށެވެ.

އެގޮތުން ތަފާސްހިސާބުތައް ހިއްސާކުރައްވަމުން މޭޔަރ ފާހަގަކުރެއްވި ގޮތުގައި، 2023 ވަނަ އަހަރު ރައްޔިތުންގެ ބައްދަލުވުމަށް 2،050،520.00 (ދެ މިލިއަން ފަންސާސް ހާސް ފަސްސަތޭކަ ވިހި) ރުފިޔާ ޚަރަދުވެފައިވެއެވެ. ނަމަވެސް، މިހާރުގެ ކައުންސިލުން ޚަރަދު ކުޑަކުރުމަށް އެޅި ހަރުދަނާ ފިޔަވަޅުތަކާއެކު އެ ޚަރަދުތައް ވަރަށް ބޮޑަށް ކުޑަކުރެވިފައިވާ ކަމަށް ވިދާޅުވިއެވެ.

މިއަހަރުގެ ފެބުރުއަރީ މަހު ބޭއްވި ފުރަތަމަ ރައްޔިތުންގެ ބައްދަލުވުމަށް ޚަރަދުވީ 567,839.34 (ފަސްސަތޭކަ ފަސްދޮޅަސް ހަތް ހާސް އަށްސަތޭކަ ތިރީސްނުވަ ރުފިޔާ ތިރީސްހަތަރު ލާރި) ކަމަށާއި ޖުލައި މަހު ބޭއްވި ދެ ވަނަ ރައްޔިތުންގެ ބައްދަލުވުމަށް ޚަރަދުވެފައިވަނީ 585,137.34 (ފަސްސަތޭކަ އަށްޑިހަ ފަސް ހާސް އެއްސަތޭކަ ތިރީސްހަތް ރުފިޔާ ތިރީސްހަތަރު ލާރި) ކަމަށާއި، މި ދެ ބައްދަލުވުމުގެ ޚަރަދުވެސް އެހެން، އަހަރުތަކާ އަޅާބަލާއިރު ވަރަށް ބޮޑަށް ކުޑަ ކަމަށް ވެސް އާޒިމް ވިދާޅުވެފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 100%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: