ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ތިނަދޫގެ ހަގީގީ ތަރައްގީއަކީ ޑިމޮކްރަސީ، އުމްރާނީ ތަރައްގީއެއް ނޫން: ރައީސް ނަޝީދު

އެމްޑީޕީގެ ޗެއާ އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު
ޝެއާރކޮށްލާ ކަހަލަދޯ؟

ތިނަދޫއަށް ތަރައްގީ ގެނެސްދިނީ ކޮންކްރިޓު ނޫން ކަމަށާއި ހަގީގީ ތަރައްގީ އައީ ޑިކްރަސީގެ ސަބަބުން ކަމަށް އެމްޑީޕީގެ ޗެއާޕާސަން އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ތިނަދޫގެ ”އާބާދީ 60“ ރަސްމީ ޖަލްސާގައި ރައީސް ނަޝީދު ވިދާޅުވީ މާޒީގައި ލާމަރުކަޒީ ނިޒާމު ނެތުމުގެ ސަބަބުން ކުރެވުނު އިހުތިޖާޖުތައް އެންމެ ފަހުން ބަދަލުވެގެން ދިޔައީ ދެކުނުގެ ތިން އަތޮޅު ދިވެހި ދައުލަތާ ވަކިވެގެން ދިޔުމަށް ކަމަށެވެ. ނަމަވެސް، ލާމަރުކަޒީ ނިޒާމު ތައާރަފްވެ، ތިނަދޫ ރައްޔިތުންނާއެކު ކުރެވުނު މަސައްކަތުން ރާއްޖެއަށް ޑިމޮކްރެޓިކް ނިޒާމެއް ގެނެވުނު ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ޑިމޮކްރެޓިކް ނިޒާމުގެ ތެރެއިން ދައުލަތުގެ އާމްދަނީ އިތުރުކުރެވޭނެކަން ތިނަދޫ ރައްޔިތުންނަށް ސާފުވެފައިވާކަން ފާހަގަކުރައްވަމުން އެމަނިކުފާނު ވިދާޅުވީ، 2008 ވަނަ އަހަރުގެ ކުރިން ދައުލަތުގެ އަހަރީ ބަޖެޓަކީ ގާތްގަނޑަކަށް ހަތް ބިލިއަން ރުފިޔާ ކަމަށެވެ. ނަމަވެސް ޑިމޮކްރަސީއަށް ފަހު ވޭތުވެދިޔަ 18 އަހަރުގެ ތެރޭގައި އެ އަދަދު އެތައް ގުނައަކަށް އިތުރުވެ، ފަނަރަ ބިލިއަނަށް ވުރެ މައްޗަށް އަރައިގެން ގޮސްފައިވާ ކަމަށް ވިދާޅުވިއެވެ.

”ތިނަދޫގައި ތިބޭފުޅުން މިއަދު ދެކޭ ހުރިހާ ތަރައްގީއެއްގެ އަސްލަކީ އެ ޑިމޮކްރެޓިކް ނިޒާމް. ކޮންކްރީޓެއް ނޫން ތިބޭފުޅުންގެ ތަރައްޤީއަކީ. ތިބޭފުޅުންގެ ތަރައްޤީއަކީ ތިބޭފުޅުންގެ ވިސްނުމަށް ތިޔަ އައި ބަދަލު. މިނިވަންކަމަށް ތިބޭފުޅުން ކުރާ ޤަދަރު،“

ނަޝީދު ވިދާޅުވީ، ދައުލަތަށް އާމްދަނީ ލިބޭ މިންވަރު އިތުރުވުމުން އަޅަންވީ މަގުތަކާއި، ހަދަންވީ އިމާރާތްތަކާއި، ބަނދަރުތަކާއި އަދި ނަރުދަމާތައް ވެސް ހަދަންވީ ކަމަށެވެ. އަދި އެ ހުރިހާ ކަމެއް ކުރާއިރު ހަމައެކަނި ނުކުރަންވީ ކަމަކީ ”ވައްކަން“ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މީގެ އިތުރުން ލާމަރުކަޒީ ގާނޫނަށް ގެނެސްފައިވާ އިސްލާހަށް އިޝާރާތް ކުރައްވާ ރައީސް ނަޝީދު ވަނީ ސަރުކާރަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒު ކުރައްވާފައެވެ. ރައީސް ޑރ. މުއިއްޒުއަށް އިޝާރާތްކުރައްވައި ނަޝީދު ވިދާޅުވީ ތިނަދޫގެ ރައްޔިތުންގެ އަތުން ބިންތައް އަތުލާއިރު ރަށްރަށުގެ ތާރީހަށް ވިސްނާލުން މުހިންމު ކަމަށެވެ. ރަށްރަށް ތެދުވެ، އިހުތިޖާޖަށް ނިކުމެ ވެރިކަންތައް ބަދަލުކުރަނީ ކޮންހާލެއް ޖެހުނީމާތޯ ބަލަންޖެހޭ ކަމަށް ނަޝީދު ވިދާޅުވިއެވެ.

ލާމަރުކަޒީ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހަށް އިޝާރާތްކުރައްވާ ނަޝީދު ވިދާޅުވީ ރައީސް މުއިއްޒު ފައްޓަވަން އުޅުއްވަނީ ރަނގަޅު ބަޣާވާތެއް ކަމަށެވެ. ރައީސް   މަސައްކަތް ކުރައްވަނީ ރާއްޖެ ރޫޅާލަން ކަމަށާއި އެގޮތުން އަތޮޅު ކައުންސިލްތައްވެސް މިއަދު އުވާލައިފި ކަމަށް ނަޝީދު ވިދާޅުވިއެވެ.

”މިތަނުގައި އަތޮޅު އުވާލައިފި. ހުވަދު އަތޮޅެއް ނެތް. މިއީ ދުނިޔޭގައި އޮތް އެންމެ ބޮޑު އަތޮޅު. އެކަމަކު ގާނޫނަށް ގެނެއި ބަދަލަކުން އަތޮޅު އުވާލައިފި. މިއަދު ތި ވިދާޅުވަނީ ގާނޫނަށް ގެންނަ ބަދަލަކުން މި ރަށްރަށުގެ ބިން އެ ރަށުގެ އިހުތިސޯސުން ވަކިކުރައްވާނަމޭ. ނޫން! ރާއްޖޭގެ ރައްޔިތުން ތެދުވާނެ. މި ގައުމު ފަހަތަށް ދިޔަކަށް ނުދޭނެ މި ރާއްޖޭގެ ރައްޔިތުންނެއް،“

ރައީސް ނަޝީދު ވިދާޅުވީ ރައްޔިތުންގެ އެދުމާއި ރައްޔިތުންގެ ރުހުމާއެކު ނޫން ގޮތަކަށް ދިވެހިރާއްޖޭގެ އެއްވެސް ކަމެއް ހިންގައިގެން ނުވާނެ ކަމަށާއި އަދި ހިންގިޔަ ދީގެންވެސް ނުވާނެ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: