ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޕާޓީ ވިސްނުމެއްގައި މަޝްރޫއުތަކަށް ހުރަސް އެޅޭގޮތަށް އެއްވެސް ގާނޫނެއް، ގަވައިދެއް އޮވެގެން ނުވާނެ: މަމްދޫހު

ރައްޔިތުންގެ މަޖިލީހުގެ ފުނަދޫ ދާއިރާގެ މެމްބަރު މުހައްމަދު މަމްދޫހު/ ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ޕާޓީ ވިސްނުމެއްގެ ސަބަބުން ރައްޔިތުން އެދޭ މަޝްރޫއުތަކަށް ހުރަސް އެޅޭގޮތަށް އެއްވެސް ގާނޫނެއް، ގަވައިދެއް އޮވެގެން ނުވާނެ ކަމަށް ފުނަދޫ ދާއިރާގެ މެމްބަރު މުހައްމަދު މަމްދޫހު ވިދާޅުވެއްޖެއެވެ.

އޭނާ އެހެން ވިދާޅުވީ ކައުންސިލުގެ ބިންތައް ވަޒީރުންގެ މަޖިލީހުގެ ނިންމުމަކުން އަތުލެވޭ ގޮތަށް ލާމަރުކަޒީ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހާ ދެކޮޅު ޕެޓިޝަނަށް ބަހުސްކުރައްވަމުންނެވެ. އެ މައްސަލައިގައި ބިލު އަނބުރާ ގެންދިޔުމަށް ގޮވާލާ ޕެޓިޝަނާއި ބިލު އޮތް ގޮތަށް ފާސްކުރަން ގޮވާލާ ޕެޓިޝަނަށް ބަހުސްކުރުން މިއަދުގެ ޖަލްސާއަށް ވަނީ އެޖެންޑާކޮށްފައެވެ.

އެ ބަހުސްގައި މަމްދޫހު ސުވާލު އުފެއްދެވީ، އެމްޑީޕީގެ ފަރާތުން ވާހަކަ ދެއްކެވި މެމްބަރަށް ވަކި އީޕެޓިޝަނަށް ސޮއިކޮށްފައިވަނީ ދިވެހި ރައްޔިތުން ކަމަށް ގަބޫލުކުރެވޭނަމަ، ދެން އޮތް ޕެޓިޝަނުގައި ސޮއިކުރީ ދިވެހި ރައްޔިތުން ކަމަށް ގަބޫލުނުކުރެވެނީ ކީއްވެގެންތޯއެވެ. އަދި އިސްލާހު ފާސްކުރަން ގޮވާލާ ޕެޓިޝަނުގައި ސޮއިކުރަމުންދަނީ ވެސް ދިވެހި ލޮބުވެތި ރައްޔިތުން ކަމަށް އޭނާ ވިދާޅުވިއެވެ.

މަމްދޫހު ވިދާޅުވީ، ދިވެހި ރައްޔިތުންނަކީ ހަމައެކަނި އެ ބޭފުޅުން ގަބޫލުކުރާ ގޮތަށް ބަސް ބުނާ މީހުން ކަމަށް އެމްޑީޕީގެ މެމްބަރުން ގަބޫލުކުރައްވާނަމަ، 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ދިވެހި ރާއްޖޭގެ މެޖޯރިޓީއަށް އައިސްފައިވަނީ ދިވެހި ރައްޔިތުން ކަމަށް ވެސް ގަބޫލުނުކުރާނެ ކަމަށެވެ.

ރާއްޖޭގެ ގާނޫނުތަކާއި ގަވައިދުތައް އޮންނަން ޖެހޭނީ ރައްޔިތުން އެދޭ މަޝްރޫއުތައް ހިންގޭނެ ގޮތަށް ކަމަށާއި ކައުންސިލެއްގައި އޮންނަނީ ކޮން ޕާޓީއެއް ކަމެއް ސަރުކާރުން ބަލާކަށް ނުޖެހޭނެ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ޕާޓީ ވިސްނުމެއްގައި ތަރައްގީގެ މަޝްރޫއުތަކަށް ހުރަސްއެޅޭ ގޮތަށް އެއްވެސް ގާނޫނެއް އަދި ގަވައިދެއް ވެސް އޮވެގެން ނުވާނެ ކަމަށް ވިދާޅުވިއެވެ.

”ރައްޔިތުން ބޭނުންވާ ކަންކަން ކުރެވެން ޖެހޭނެ. ސިޔާސީ ވިސްނުމެއްގައި ޕާޓީ ވިސްނުމަކަށް ގޮސް ތަރައްގީގެ މަޝްރޫއުތަކަށް ހުރަސްއެޅޭ ގޮތަށް ދިވެހިރާއްޖޭގައި އެއްވެސް ގާނޫނެއް ގަވައިދެއް އޮވެގެން ނުވާނެ،“ މަމްދޫހު

އޭގެ އިތުރުން، ޕެޓިޝަންތަކާ ބެހޭ ގަވައިދަށް، އެއް މައްސަލައެއްގައި ދެ ޕެޓިޝަން ވެސް ހުށަހެޅޭހެން އިސްލާހު ގެނެސްފައިވާއިރު، އެކަމުގެ ސަބަބުން އީޕެޓިޝަންގެ ކަންކަންމަުގައި ރައްޔިތުންނަށް އިތުރު ފުރުސަތުތަކެއް ހުޅުވިގެން ގޮސްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

އޭނާ ސިފަކުރެއްވީ، ލާމަރުކަޒީ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހަކީ ތަރައްގީއަށް ހުރަސް ނޭޅޭނެ ގޮތަށް ހުށަހަޅާފައި އޮތް އިސްލާހެއް ކަމަށެވެ.

ކައުންސިލުތަކުގެ ބިންތައް އަތުލެވޭ އިސްލާހު ފާސްކުރަން ގޮވާލާ ޕެޓިޝަނަށް 10،000 އަށް ވުރެ ގިނަ ސޮއި ހަމަކޮށްފައިވާއިރު، އިދިކޮޅު އެމްޑީޕީގެ ޗެއާޕާސަން މުހައްމަދު ނަޝީދު ވިދާޅުވެފައިވަނީ އެ ޕެޓިޝަނުގައި ސޮއިކުރުވަނީ ސަރުކާރުގެ މުވައްޒަފުންނަށް މަޖުބޫރުކޮށްގެން ކަމަށެވެ.

ކައުންސިލުތަކުގެ ބިން އަތުލެވޭ ގޮތަށް އިސްލާހުގައި ހިމަނާފައިވާއިރު، ސަރުކާރުގެ މަޝްރޫއުއަކާ ދެކޮޅު ހެދުމަކީ ކައުންސިލަރުންގެ ސުލޫކާ ހިލާފު، ކައުންސިލަރުން ކޮށްގެން ނުވާނެ ކަމެއްގެ ގޮތުގައި ހިމެނުމަށް ވެސް އިސްލާހުގައި ވަނީ ހިމަނައިފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: