ދިވެހި ރާއްޖޭގެ އިގްތިސާދު ރަނގަޅު މިސްރާބަކަށް އަނބުރާލެވުނީ ރައީސް ޑރ. މުއިއްޒުގެ ހިތްވަރުގަދަ ކެރޭ ނިންމެވުންތަކުގެ ސަބަބުންކަމަށް ފުނަދޫ ދާއިރާގެ މެމްބަރު މުހައްމަދު މަމްދޫހު ވިދާޅުވެއްޖެއެވެ.
މަމްދޫހު މިހެން ވިދާޅުވީ، ރައީސް ޑރ. މުހައްމަދު މުއިއްޒަށް 2028 ވަނަ އަހަރުގެ ރިޔާސީ ޓިކެޓު ދިނުމަށް ޕީއެންސީގެ މަތީ މަޖިލީހަށް ހުށައަޅާފައިވާ ގަރާރަށް ފުރިހަމައަށް ތާއީދުކުރައްވައި، ބަހުސް ކުރައްވަމުންނެވެ.
މަމްދޫހު ވިދާޅުވީ، ރައީސް ޑރ. މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު ދިވެހިރާއްޖޭގައި ބޭނުންކުރެވޭ ރިޒާވްގައި ހުރީ 2 މިލިއަން ޑޮލަރުކަމަށާއި އެހެންނަމަވެސް އެ އުނދަގޫ ހާލަތުން އަރައިގަނެ މިއަދު ރާއްޖޭގެ އިގްތިސާދު ހަމަ މަގަށް އަޅުވާ މާލީ ގޮތުން އޭރު ދިމާވެފައިވާ ދަތިތަކުން އަރައިގަނެ މިއަދު ރާއްޖޭގެ އިގްތިސާދު ރަނގަޅު މިސްރާބަކަށް އަނބުރާލެވުނީ ރައީސް ޑރ. މުއިއްޒުގެ ފުރިހަމަ ނިންމެވުންތަކުގެ ސަބަބުންކަމަށް އޭނާ ވިދާޅުވިއެވެ.
އެމްޑީޕީގެ ވެރިކަން ބަދަލު ކުރެވުނީ ވަރަށް ބުރަ މަސައްކަތުންކަމަށާއި އެ މަސައްކަތް އެގޮތަށް ކުރީ ގައުމު ހަމަ މަގަށް އަޅުވާ ދިވެހީންނަށް ދިވެހީންގެ ގައުމު އަނބުރާ ހޯދައިދިނުމަށް ކަމަށާއި މިއަދު އެކަން ހާސިލުވެ އެ މަންޒަރު ފެންނަމުންދާކަމަށް އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން ރައީސް ޑރ. މުއިއްޒުގެ ވެރިކަމުގައި ބޮޑެތި މައްސަލަތަކަށް ހައްލު ގެނެސްދީފައިވާކަން މަމްދޫހު ފާހަގަކުރެއްވިއެވެ. މީގެ ކުރިން ވެރިކަން ކޮށްފައިވާ އެއްވެސް ބޭފުޅަކަށް މަސްތުވާތަކެތީގެ މައްސަލައިގައިވެސް އެއްވެސް ފިޔަވަޅެއް އަޅާފައިނުވާކަމަށާއި އެހެންނަމަވެސް އަދުގެ ރައީސް އެކަން ކުރައްވާފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން ކަޅު ބާޒާރުގައި ޑޮލަރު ވިއްކުމުގެ މައްސަލާއި ބިދޭސީންގެ މައްސަލަ ހައްލުކުރައްވައި، އެފަދަ ހުރިހާ މައްސަލަތަކަށް ހައްލު ގެނެސްދެއްވި ފުރަތަމަ ރައީސަކީ ރައީސް ޑރ. މުއިއްޒުކަމަށް އޭނާ ވިދާޅުވިއެވެ. އެހެންކަމނުން އޭނާވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒަށް 2028 ވަނަ އަހަރުގެ ރިޔާސީ ޓިކެޓު ދިނުމަށް ޕީއެންސީގެ މަތީ މަޖިލީހަށް ހުށައަޅާފައިވާ ގަރާރަށް ފުރިހަމައަށް ތާއީދުކުރައްވާނެކަން ތަކުރާރުކުރައްވާފައެވެ.
ސޯޝަލް ސެންޓަރުގައި ކުރިއަށްދާ ޕީއެންސީގެ މަތީ މަޖިލިސް ކޮންގްރެސްއަށް މި ގަރާރު ހުށަހަޅާފައި ވަނީ ޕާޓީގެ މެމްބަރު އަބްދުﷲ އިބްރާހީމެވެ. އޭނާ ހުށަހެޅި ގަރާރުގައި ވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން ގައުމުގެ މިނިވަންކަމާއި އިގްތިސާދާއި އިޖުތިމާއީ ދުޅަހެޔޮކަމަށްޓަކައި ކޮށްދެއްވަމުން ގެންދަވާ އަގުހުރި ހިދުމަތްތައް ބަލައިގަނެ، އެކަންކަން ފާހަގަކުރުމުގެ ގޮތުން އެމަނިކުފަނަށް ޕްރައިމެރީއަކާ ނުލައި ޓިކެޓު ދޭން ޖެހޭ ކަމަށެވެ.

