މިއަދަކީ މުޅި ކައުނަށް ރަހްމަތެއް ކަމުގައި މާތް ﷲ ފޮނުއްވި އެންމެ ފަހުގެ ނަބިއްޔާ އަދި ރަސޫލާ މުހައްމަދު صلى الله عليه وسلم ދުނިޔޭގެ އަލިކަން ދެކެވަޑައިގެންނެވި މަތިވެރި އީދު މީލާދީ ދުވަހެވެ.
ތާރީހު އިލްމުވެރިން ބަޔާންކުރައްވާ ގޮތުގައި ކީރިތި ރަސޫލާ އުފަންވެވަޑައިގަތީ ”ޢާމުލް ފީލް“ގެ ނަމުން މަޝްހޫރުވެފައިވާ އަހަރުގެ ރަބީއުލްއައްވަލް މަހުގެ 12 ވީ ހޯމަ ދުވަހު، މައްކާގެ މާތް ބިމުގައެވެ. މިއީ މުޅި އިންސާނީ ތާރީހު ބަދަލުކޮށްލި އެންމެ މުހިންމު އަދި އެންމެ ބަރަކާތްތެރި ހާދިސާއެވެ.
ކީރިތި ރަސޫލާ صلى الله عليه وسلم ދުނިޔެއަށް ވަޑައިގެންނެވި ދުވަސްވަރަކީ މުޅި ދުނިޔެ، ހާއްސަކޮށް އަރަބި ކަރަ، ޖާހިލިއްޔަ ކަމުގެ އަނދިރިކަމާއި، ބާތިލު މަގުތަކުގެ ތެރެއަށް ގެނބިފައި އޮތް ޒަމާނެކެވެ. އަންހެން ދަރިން ދިރިތިއްބައި ވަޅުލުމާއި، ޝިރުކާއި، ބޭއިންސާފާއި، އަނިޔާވެރިކަން މުޖުތަމައުގައި އިންތިހާއަށް އޮތް ވަގުތެކެވެ.
އެކަލޭގެފާނު އުފަންވެވަޑައިގަތުމާއެކު، އެ ޖާހިލީ އަނދިރިކަން ނައްތާލައި، ތައުހީދުގެ އަލިގަދަ ނޫރު ފެތުރިގެންދިޔުމުގެ ބިންގާ އެޅިގެންދިޔައެވެ. މާތް ނަބިއްޔާ صلى الله عليه وسلم އުފަންވެވަޑައިގަތީ ޤުރައިޝް ވަންހައިގެ އެންމެ މާތް އާއިލާ ކަމުގައިވާ ބަނޫ ހާޝިމް ވަންހައަށެވެ. އެކަލޭގެފާނުގެ ބައްޕާފުޅަކީ ޢަބްދުﷲ އެވެ. އަދި މަންމާފުޅަކީ އާމިނަތުގެފާނެވެ. ރަސޫލާ ދުނިޔެއަށް ވަޑައިގަތުމުގެ ކުރިން ބައްޕާފުޅު އަވަހާރަވެ، ޅަފަތުގައި ޔަތީމު ހާލުކޮޅުގައި އުޅުއްވަން ޖެހިވަޑައިގެންނެވި ނަމަވެސް، އެކަލޭގެފާނު ބޮޑުފުޅުވެގެން އައީ ރިވެތި އަހްލާޤާއި، ތެދުވެރިކަމާއި، އަމާނާތްތެރިކަމުގައި މުޅި މައްކާގެ އަހުލުވެރިންގެ ލޯތްބާއި އިހްތިރާމް ހޯއްދަވަމުންނެވެ.
އެހެންކަމުން، ނަބީކަން ލިބިވަޑައިގަތުމުގެ ކުރިންވެސް މައްކާގެ މީހުން އެކަލޭގެފާނަށް ”އަލްއަމީން“ (އަމާނާތްތެރިޔާ) ގެ ލަޤަބު ދިނެވެ. އުމުރުފުޅުން 40 އަހަރުފުޅުގައި އެކަލޭގެފާނަށް މާތް ﷲ ގެ ހަސްރަތުން ވަހީ ބާވައިލައްވައި، ރަސޫލުކަމުގެ މަތިވެރި މަސްއޫލިއްޔަތު ހަވާލުކުރެއްވުމާއެކު، މުޅި އިންސާނިއްޔަތަށް ހައްގުގެ މަގު ދައްކަވައިދެއްވިއެވެ. އެކަލޭގެފާނު ގެނެސްދެއްވި އިސްލާމްދީނަކީ އޯގާތެރިކަމާއި، އަދުލުއިންސާފާއި، އެކުވެރިކަމާއި، އިންސާނީ ކަރާމާތް ރައްކާތެރިކުރުމުގެ މަތިވެރި ދީނެވެ.
ރަސޫލާގެ އީދު މީލާދީ ދުވަހަކީ ކޮންމެ މުސްލިމަކުވެސް އެކަލޭގެފާނު މުޅި އިންސާނިއްޔަތަށް ވެވަޑައިގެންނެވި ގުރުބާނީތަކާއި، ގެނެސްދެއްވި މަތިވެރި ހިދާޔަތް ހަނދާންކޮށް، އެކަލޭގެފާނުގެ މައްޗަށް ސަލަވާތާއި ސަލާމް ގިނަކުރުމަށް ލިބޭ އަގުހުރި ފުރުސަތެކެވެ. މިއަދު އަޅުގަނޑުމެން މި ދެކޭ އިސްލާމީ ތެދުމަގާއި އަލިކަމަކީ، އެ މާތް ނަބިއްޔާ ދުނިޔެއަށް ވަޑައިގެން، ކުރެއްވި ބުރަ މަސައްކަތްޕުޅުގެ ނަތީޖާއެވެ.

