ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސަރުކާރަށް ހަތަރު އަހަރު: އިސްލާމް ދީނާއި ގުޅުވާ ވެފައި ހުރި ވައުދުތައް ފުއްދުނު މިންވަރު

ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ޞާލިހު ----
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހިރާއްޖޭގެ ހުންގާނު ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ސާލިހާއި ހަވާލުކުރެވުނުތާ، 4 އަހަރު ފާއިތުވެގެންދިޔައިރު، އެމަނިކުފާނު ވެރިކަމަށް އައުމަށްޓަކައިވީ އެންމެ ބޮޑު އެއްވައުދަކީ ދައުލަތުގެ އެންމެހާކަންކަން ހިނގަމުން ދަނީ އިސްލާމްދީނުގެ ތަރަހައިގެ ތެރޭގައިކަން ކަށަވަރުކުރުމެވެ. އިސްލާމްދީނުގެ މަތިވެރި ޢަޤީދާ ވަރުގަދަކޮށް، ދީނީ ހޭލުންތެރިކަން އިތުރުކުރުމުގެ މަސައްކަތްކޮށް، ދީނުގެ ދަންމަރު ފަޑުވިޔަ ނުދީ ވަރުގަދަކުރުމަކީ އެމަނިކުފާނުގެ ރިޔާސީ ވައުދެއްގެ އިތުރުން، ގާނޫނު އަސާސީއިންވެސް ރާއްޖޭގެ ރައީސުލްޖުމްހުރިއްޔާގެ މަގާމުގައި ހުންނަވާ ބޭފުޅެއްގެ މައްޗަށް މަތިކުރާ ޒިންމާއެކެވެ.

މި ޒިންމާ މައިގަނޑުު ގޮތެއްގައި ބިނާކުރެވިފައި އޮންނަނީ އިސްލާމީ ޝަރީއަތާއި، އިޖްތިމާއީ އަހުލާގާއި އަމިއްލަ ނަފްސުގެ ރިވެތި އަހުލާގުގެ މައްޗަށެވެ. އެއީ އިސްލާމީ ޝަރީއަތާއި އިސްލާމީ އަހުލާގުން ބޭރުގައި އެއްވެސްކަމެއް ހިނގަމުންދާނަމަ ނުވަތަ އެއްވެސް މުއާމަލާތަކާއި އަމަލަކާއި ގުޅިގެން ކުރެވޭ ހުކުމްތަކާއި ކަނޑައެޅޭ ސިޔާސަތުތައް އިސްލާމީ މައިގަނޑު އަސާސްތަކުން ބޭރުވާނަމަ ފަރުދުންގެ ހައްގުތައް ގެއްލި އާއިލާތަކާއި މުޖުތަމައު ފަސާދަވެގެން ދިއުމުގެ ހުރިހާ މަގެއް ފަހިވާނެތީއެވެ.

މި މަގުން ގައުމު ހިންގުމަށްޓަކައި ރައީސް ސާލިހު ވެވަޑައިގެންފައިވާ ވައުދުތަކުގެ ތެރޭގައި ސައްތައިން ސައްތަ އިސްލާމީ ގައުމެއްގެ ގޮތުގައި ދިވެހި ދައުލަތް ދެމެހެއްޓުމާއި، އިސްލާމްދީން ނޫން އެހެން ދީނަކަށް މިފަސްގަނޑުން ޖާގަ ނުލިބޭނެކަން ކަށަވަރުކުރުން ހިމެނެއެވެ.

ދިވެހިންގެ އިސްލާމީ ވަޙުދަތު ވަރުގަދަކޮށް، އިސްލާމްދީނުގެ މަތިވެރި ޢަޤީދާ ދެމެހެއްޓުމާއި، އަނިޔާވެރިކަމާއި ފަސާދައާއި ހަރުކަށިކަން ނައްތާލައި، އިޤްތިޞާދީ އަދި އިޖުތިމާޢީ ނުހަމަކަން ކުޑަކުރުމަށްޓަކައި މުޅި ދައުލަތުގެ އެންމެހައި ސިޔާސަތުތައް ރާވައި ހިންގުމުގައި އިސްލާމްދީނުގެ މަތިވެރި އުސޫލުތަކާއި ރިވެތި އަދަބުތަކަށް ރިޢާޔަތްކުރުންމަކީވެސް އެމަނިކުފާނުގެ 5 އަހަރުގެ ދައުރުގެ ތެރޭގައި ފުރިހަމަކުރާނެކަމަށް ވައުދުވެލެއްވި ކަންތައްތަކެވެ. އަދި ކުރިއަށް އޮތް ޖީލުތަކަށް މިކަން ފޯރުކޮށްދިނުމަށް އަޅަންހުރި ފިޔަވަޅުތައް އެޅުމަކީ މި ސަރުކާރުގެ އަމާޒެވެ.

ދިވެހި ރައްޔިތުންގެ މެދުގައި ދީނީ ހޭލުންތެރިކަން އިތުރުކޮށް ދިވެހިރާއްޖޭގައި އިސްލާމްދީނުގެ މަތިވެރި ޝިޢާރުތައް ދަމަހައްޓައި ކުރިއެރުވުންވެސް މި ވެރިކަމުގެ ދައުރުތެރޭގައި ކުރުމަށް ނިންމާފައިވާއިރު، ސުވާލަކީ މިކަންކަން ހާސިލްކުރެވުނީ ކިހާ މިންރަކަށްތޯއެވެ.

  • 4 އަހަރުގެ ތެރޭގައި މި ދާއިރާއިން ސަރުކާރަށް ހާސިލްކުރެވިފައިވާ ކަންތައްތައް

ފާއިތުވެދިޔަ އަހަރުތަކުގައި ކުރެވިފައިވާ މަސައްކަތްތަކުގެ ތަފާސްހިސާބުގެ ގޮތުގައި ހިއްސާކޮށްފައިވާ މައުލޫމާތަށް ބަލާއިރު، ދީން ކުރިއެރުވުމަށްޓަކައި ވެވަޑައިގެން ވައުދާއި އެއްގޮތަށް، ސަރުކާރަށް ފާއިތުވެދިޔަ ހަތަރު އަހަރުގެ ތެރޭގައި ކުރެވިފައިވާ، ކަންކަމަށް ބަލާއިރު، ދައުރުގެ ތެރޭގައި މަދުވެގެން އަހަރަކު އެއްފަހަރު ކޮންމެ ރަށަކަށް ދީނީ އިލްމްވެރިއަކު ޒިޔާރާތްކޮށްފައިވެއެވެ. ހަރުކަށިކަމާއި ދީނުގައި ނަހީކުރައްވާފައިވާ ކަންތައްތަކަށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހަރުކަށިކަމާއި ދެކޮޅަށް، ވޯކްޝޮޕްތައް ހިންގާފައިވެއެވެ. މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒާއި މޯލްޑިވްސް ޕޮލިސް ސާވިސް ގުޅިގެން ”އޯގާކޭމްޕް“ 8 އަތޮޅެއްގައި ހިންގާފައިވާއިރު މީގެ 296 ޕްރޮގްރާމް ކުރިއަށް ގެންދެވިފައިވެއެވެ.

ދިވެހި ރައްޔިތުންގެ މެދުގައި ދީނުގެ ނަމުގައި ފަތުރަމުންދާ ހަރުކަށި ފިކުރުތަކާއި ދީނާއި ދެކޮޅު ފިކުރުތަކަކީ ކޮބައިކަން އާންމުންނަށް އަންގައިދީ، އެފަދަ ފިކުރުތަކުގެ ނުރައްކާތެރިކަން ބުނެދީ، ދިވެހިން އެފަދަ ފިކުރުތައް ގަބޫލުކުރުން ހުއްޓުވުމާއި އެފަދަ ފިކުރުތަކުގައި ޖެހިފައިވާ ފަރާތްތަކަށް ނަސޭހަތްދީ އެމީހުން މާތްވެގެންވާ އިސްލާމްދީނުގެ އަދުލުވެރިކަން މެދުމިނުގައި ސީދާ މަގަށް އަނބުރާ ގެނައުމަށް ދީނީ ކަންކަމަށް ހޭލުތެރިކުރުވުމަށްޓަކައި 7 އަތޮޅެއްގައި ޖުމްލަ 33 ޕްރޮގްރާމް ހިންގާފައިވެއެވެ.

މިސްކިތްތައް ބިނާކޮށް ނިޒާމާއި ހިދުމަތްތައް ހަރުދަނާކުރުމަށް ރައީސް ސާލިހުވެފައިވާ ވައުދާއި އެއްގޮތަށް މި ދައުރުގެ ތެރޭގައި 15 މިސްކިތެއް ބިނާކޮށް އަޕްގްރޭޑްކުރުމުގެ މަސައްކަތްކޮށްފައިވެއެވެ. އަދި ރޯދަ މަހާއި ދިމާކޮށް މިސްކިތްތަކުގެ އާބާތުރަ ފިލުވައި މަރާމާތަށް 15 މިލިއަން ރުފިޔާ ހަރަދުކޮށްފައިވެއެވެ.

މީހުން ބިނާކުރުމަށްޓަކައި ”ނަފާ“ ޕްރޮގްރާމުގައި އިފްތިތާހުކުރުމާއި، ހައްޖުގެ މަތިވެރި އަޅުކަން އަދާކުރަން ބޭނުންވާ މީހާއަށް ފުރަތަމަ ހައްޖަށް ދިއުމަށްޓަކައި ޕެންޝަން ފަންޑުގައިވާ ފައިސާ ބޭނުންކުރެވޭ ގޮތް ހެދުމާއި، އަދި އޭގެ އިތުރުން، މި ވެރިކަމުގެ ދައުރުގައި ފާއިތުވީ އަހަރުތަކުގައި ވަނީ އިސްލާމީ ޔުނިވާރސިޓީގެ ފަޜާތުން ހިންގާ ޑިގްރީ ފެންވަރުގެ އިމާމް ކޯސްތަކެއްވެސް ހިންގާފައެވެ. މި ކޯހުގައި 241 އިމާމުން މިހާރުވެސް ދަނީ ކިޔަވަމުންނެވެ.

ވެފައިވާ ވައުދާއި އެއްގޮތަށް އިސްލާމިކް މިނިސްޓްރީ އާއި ތަފާތު ރޮނގުތަކުގެ އިލްމުވެރިންނާއި، މުޖްތަމައަށް ފައިދާކުރާ މަސައްކަތްތައް ހިންގާ ޖަމްއިއްޔާތައް ގުޅިގެން އިސްލާމް ދީނާމެދު ރައްޔިތުން ހޭލުންތެރިކަން އިތުރުކުރުމުގެ މަސައްކަތްތަކެއް ކުރެވުނެވެ. އެގޮތުން ދުނިޔޭގެ ފެންވަރުގައި ބަލައިގަންނަ އިލްމްވެރިން ރާއްޖެ ގެނައިސް ދީނީ ދަރުސްތަކެއް ކުރިއަށް ގެންދިޔައެވެ.

މި ފާހަގަކޮށްލެވުނީ ރައީސް ސާލިހުގެ ސަރުކާރަށް 4 އަހަރުވެގެން ދިޔައިރުގައި ހާސިލްކުރެވިފައި ހުރި ކަންތައްތަކެވެ. މިއީ ވައުދުވެ ވަޑައިގެންނެވި ގޮތަށް ދިވެހިރާއްޖޭގައި އިސްލާމީ ދަންމަރު ވަރުގަދަކޮށް، އިސްލާމްދީނުގެ މަތިވެރި ޢަޤީދާ ހަރުދަނާކޮށް، ދީނީ ހޭލުންތެރިކަން އިތުރުކުރުމުގެ ގޮތުން ކުރެވިފައިވާ ކަންތައްތަކެވެ.

  • ގާނޫނު ތަންފީޒުކުރެވުނީ ކިހާ މިންވަރަކަށް

އުފެދޭ ސުވާލަކީ މި ދެންނެވި މަގްސަދުތަަށް ހާސިލްކުރުމަށްޓަކައި ގާނޫނު އަސާސީ އާއި ގާނޫނުތަކުގެ ތަރަހައިގެ ތެރޭގައި ރައީސް ސާލިހަށް މަސައްކަތްކުރެވުނީ ކިހާ މިންވަރަކަށްތޯއެވެ. އިސްލާމީ އަގީދާ ވަރުގަދަކުރުމަށް އެކަށައަޅާފައިވާ ގާނޫނުތައް ރައީސް ސާލިހަށް ތަންފީޒްކުރެވުނީ ކިޙާ މިންވަރަކަށްތޯއެވެ. ފެންނަ ހުރި ކަންތައްތަކާއި ރައީސް ސާލިހުގެ އަމަލުފުޅުތައް ބައްޓަން ކުރެވިފައިވާގޮތަށް ބަލާއިރުގައި އިސްލާމީ އަގީދާ ވަރުގަދަ ކުރުމަށް އެކަށައަޅާފައިވާ ގާނޫނުތަކަށް، އެމަނިކުފާނަށް އެންމެ އެދެވޭ ގޮތެއްގައި ތަބާވެވިފައެއްނެތެވެ. ގާނޫނު ތަންފީޒް ކުރެވިފައެއް ނެތެވެ.

ދީނީ އެއްބައިވަންތަކަން ހިމާޔަތް ކުރުމަށް ގާނޫނީ ގޮތުން ޒިންމާ އޮންނަ ފަތުވާ މަޖިލީހުގެ ބަދަލުގައި، ފިގުހު އެކަޑަމީއެއް އެކުލަވާލައި އެ އެކަޑަމީ އާއި މަސްއޫލިއްޔަތު ހަވާލު ކުރުމުގެ މަސައްކަތް ކުރަމުންދާއިރު، ފަތުވާ މަޖިލީސް ހުސްކަމެއްގެ ތެރޭގައި އޮންނަތާ އެތައް ދުވަހެއްގެ ވެގެން ހިގައްޖެއެވެ. ފަތުވާ މަޖިލީހުގެ މެމްބަރުންގެ ދައުރު ހަމަވާތާ 30 ދުވަހުގެ ތެރޭގައި އައު މެމްބަރުން އައްޔަނު ކުރަން ޖެހޭނެކަމަށް ގާނޫނުގައި ބަޔާންކޮށްފައިވީ ނަމަވެސް، އަދި މި ސަރުކާރަށް އެ މަސައްކަތްކުރެވިފައެއް ނެތެވެ. އަދި ހަމައެއާއިއެކު ގާނޫނުގައި ބަޔާކޮށްފައިވާ މުއްދަތު ހަމަވެގެން ދިޔައިރު މައްސަލައަށް ހައްލެއްވެސް ނުހޯދެއެވެ. އެހެންކަމުން މިއީ ރައީސް ސާލިހު ގާނޫނާއި ހިލާފުވީކަމުގައި ބުނެވިދާނެއެވެ. ސަބަބަކީ ގާނޫނުގައި ވަކިކަމެއް ވަކިގޮތަކަށް ވަކި މުއްދަތެއްގައި ކުރަން ބުނެފައި ވަނިކޮށް އެކަން އެގޮތަށް ނުކޮށް ދޫކޮށްލުމަކީ އެއްވެސް މީހަކަށް ކުރެވޭނެ ކަމަކަށް ނުވާތީއެވެ. ގާނުނުގައި ބުނެފައިވާ ގޮތަށް ނޫން އެހެން ގޮތަކަށް ކަމެއް ކުރުމުގެ ބާރެއް އެއްވެސް މީހަކަށް ލިބިގެނެއް ނުވެއެވެ.

ސަރުކާރަށް 4 އަހަރުވެގެން ދިޔައިރުުވެސް، އެކުލަވާލެވިފައިނުވާ މި މަޖިލީހުގެ ޒިންމާއަކީ ރައްޔިތުންނަށް އެނގެންޖެހޭ ދީނުގެ މުހިއްމު ޙުކުމްތަކުގައި ފަތުވާދިނުމާއި، ޚިޔާލުތަފާތުވުން ހުރި ދީނީ މައްސަލަތަކުގައި ދައުލަތުން އަމަލުކުރާނެ ގޮތެއް ކަނޑައެޅުމާއި، ސަރުކާރުގެ އިދާރާތަކަށާއި، މިނިވަން މުއައްސަސާތަކަށާއި ޝަރުޢީ ކޯޓުތަކަށާއި ރައްޔިތުންގެ މަޖިލީހުން ހަދާ އެންމެހައި ޤާނޫނުތަކަށް ދީނީ ލަފާދީ، ސަރުކާރުގެ އޮފީސްތަކާއި މިނިވަން މުއައްސަސާތަކުން ހިންގާ ކަންކަމުގައި ހުރި ދީނާ ފުށުއަރާ ކަންތައްތައް ބަލައި އިޞްލާޙުކުރަން އިރުޝާދު ދިނުމުގެ މަސްއޫލިއްޔަތު ފިޤްޙު އެކެޑަމީ އާއި ޙަވާލުކުރުމެވެ. އަދި މިއީ ސަރުކާރުގެ ގުޅިފައިވާ މެނިފެސްޓޯގައިވެސް ހިމެނޭކަމެކެވެ.

  • އިސްލާހު ކުރަން ހުރި ކަންތައްތައް

ރައްޔިތުންނަށް ލިބިދޭންޖެހޭ މައުލޫމާތުތައް ފޯރުކޮށްދީ، ދީނުގެ ކަންކަން ސާފުކޮށްދިނުމުގައި މި ސަރުކާރު މިވަނީ ނުކުޅެދިފައިވާކަމަށް ބުނެވިދާނެއެވެ. ފުޅާ ދާއިރާއެއްގައި ދީނީ ހިޔާލުތަފާތުވުން މުޖުތަމައުގެ ތެރޭގައި އޮތްއިރު، ސަރުކާރުން ހިދުމަތެއްގެ ގޮތުގައި ފޯރުކޮށްދޭންޖެހޭ މިކަން، 4 އަހަރު ވެގެން ދިޔައިރު ރައްޔިތުންނަށް ފޯރުކޮށްދެވިފައި ނެތުން މިއީ އިސްލާމީ އަގީދާ ވަރުގަދަކޮށް، ދީނުގެ ކަންކަން އުގެނުމުގައި އާންމުނަނަށް އޮތް ވަރަށް ބޮޑު ހުރަހެކެވެ. ގޮންޖެހުމެކެވެ.

މި ސަރުކާރުގެ ހަތަރު އަހަރުގެ ތެރޭގައި ހިނގާފައިވާ އަދި ކޮށްފައިވާ ބައެއް ކަންތައްތަކަކީ އިސްލާމީ ދަންމަރު ފަނޑުވިޔަނުދިނުމަށްޓަކައި، މުހިންމު އަދި ބިނާކުރަނިވި ކަންތައްތަކެއް ނަމަވެސް، މި ހަތަރު އަހަރުގެ ތެރޭގައި އިސްލާމީ އުސޫލުތަކާއި، އިސްލާމީ ޝަރީއަތާއި ހިލާފުވާ ކަންތައްތަކެއް ހިނގައި ގޮސް، ގައުމުގެ މަސްލަހަތު ގެއްލުނު ކަންތައްތަކުގައި ސިޔާސަތު ކަނޑައެޅުމާއި، ޝަރުއީ ހުކުމްތަކަށް އަމަލުކުރުމުގައި މި ސަރުކާރަށް ސީދާ ކާމިޔާބު ހާސިލް ނުކުރެވޭކަމަށް ބުނެވިދާނެއެވެ.

އެގޮތުން އިސްލާމް ދީނަށް  ފުރައްސާރަކޮށް، ހަޖޫޖެހައި، އިސްލާމް ދީނާއި ހިލާފު ފަލްސަފާތައް ފެތުރުން ނުހުއްޓުވުމާއި، އިސްލާމީ އަގީދާ ގެއްލި ފަނޑުވެގެންދާފަދަ އިސްލާމް ދީނާއި ހިލާފު އަހެންދީންތަކުގެ އަޅުކަންތައް ފެތުރިގެންދާފަދަ ކަންކަން ހިނގާފައިވާއިރު، އެކަންކަމަށް ޝަރުއީ ގޮތުންނާއި، އިސްލާމީ އަސާސްތަކުގެ ތެރެއިން އަމަލުކުރެވިފައެއް ނުވެއެވެ. މީހުންގެ އަބުރަށް ފާޅުގައި އަރައިގަތުމާއި، ތަހުޒީބުވުންކަމަށް ބުނެ ދީނާއި ހިލާފު ވާހަކަތަކެއް ދެކެވިގެންދިޔައިރު، އިސްލާމީ އަސާސްތައް ދަމަހައްޓާ ޝަރީއަތަށް އަމަލުކުރުމުގައި ފަރުދީ މިންގަނޑުން ތަފާތުކުރުންތަކާއި، ހައްގު ގޮތުގައި ވާޖިބާއި ޒިންމާ އަދާކުރުމުގައި ބޮޑެތި ހިިލާފުތަކާއި، ތަފާތުރުކުންތައް ހުރިކަމަށް ބުނެވިދާނެއެވެ. އިސްލާމްދީނުގައި ހަރާމް ކުރައްވާފައިވާއެތައް ކަމެއް ހިނގައި ސާބިތުވެގެން ދިޔައިރުވެސް ކުރެވުނު އަދި ކުރި މާ ބޮޑު ކަމެއް ނެތެވެ.

އިސްލާމީ މަސްދަރުތަކާއި، ޝަރީއަތާއި ހިލާފު ގިނަ ކަންތައްތަކެއް ރައީސް ސާލިހުގެ ވެރިކަމުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފެންމަތިވި އިރުވެސް އެދެވޭ ފިޔަޅުތަކެއް އެޅުންތަނެއް ނުފެނެއެވެ. އެހެންކަމުން އިސްލާމް ދީން ފަނޑުވިޔަ ނުދިނުމަށްޓަކައި މި ސަރުކާރުން ފާއިތުވެ މިދިޔަ ހަތަރު އަހަރު ކުރި މަސައްކަތްތަކަކީ، މިފަދަ މައްސަލަތަކަށް ހައްލު ހޯދުމަށްޓަކައި އެދެވޭ މަސައްކަތްތަކެކޭ ބުނެވޭކަން ނެތެވެ. އަޅުގަނޑު ފާހަގަނުކުރި ނަމަވެސް، މިއީ ދިވެހި ރައްޔިތުންނަށް އެނގި ސާފު ކަންތައްތަކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 100%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: