މާލެއިން ފުރައިގެން ށެ. އަތޮޅަށް ދަތުރު ކުރި އަމާޒު ބޯޓުގެ ކައްޕިއާއި ކޮންޓެކްޓު ވެ ށ. ނަރުދޫއިން ހަ މީހަކު ކޮރޯނާ ވައިރަހަށް ޕޮޒިޓިވްވެއްޖެ އެވެ.
ނަރުދޫއިން ބައްޔަށް ޕޮޒިޓިވް ވެފައިވަނީ، ބޯޓުގެ ކްރޫއިންތަކަކާއި ކައްޕީގެ އާއިލާގެ މެމްބަރުންތަކެކެވެ. ވައިރަހަށް ޕޮޒިޓިވްވި ނަރުދޫ މީހުން އައިސޮލޭޝަން ފެސިލިޓީތަކަަށް ގެންދިއުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ.
ރާއްޖެއިން ކޮރޯނާ ވައިރަސްއަށް ޕޮޒިޓިވް ވި ކޭސްތަކުގެ ތެރޭގައި ހިމެނޭ ކޭސް 133 އަކީ، ށ. ނަރުދޫ އަމާޒް ބޯޓުގެ ކެޕްޓަންއެވެ. ބޯޓު ހއ، ށ އަދި ނ. އަތޮޅުގެ ރަށްތަކަށް ދަތުރު ކުރި އެވެ. އަދި އެ ބޯޓްގެ ކެޕްޓަން ޕޮޒިޓިވް ވެފައި ވުމުން، އޭނާއާއި ކޮންޓެކްޓުވެފައިވާ ގިނަ ކޭސްތަކެއް ފެނުމުގެ ބިރު އެބަ އޮތެވެ.
ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތްތައް ވަރަށް ބާރު ސްޕީޑެއްގައި ކުރިޔަށް ދާ ކަމަށް ޑރ. އަފްޒަލް ވިދާޅުވިއެވެ. ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޑރ. އިބްެރާހިމް އަފްޒަލް މީގެ ކުރިން ވިދާޅުވީ އަމާޒު ބޯޓުގައި 98 މީހަކު ދަތުރުކޮށްފައިވާ ކަމަށެވެ. އަދި އެ ބޯޓު 13 ރަށެއްގައި ޖައްސާފައިވާ ކަމަށް ވިދާޅުވިއެވެ.
އޭގެ ތެރޭގައި ނ. މާފަރާއި އެ އަތޮޅު ހެނބަދޫ އާއި މިލަދޫ އާއި ކެނދިކުޅުދޫ އާއި ވެލިދޫ އާއި ހޮޅުދޫ އަށް ދަތުރު ކޮށްފައި ވެއެވެ. މީގެ އިތުރުން ށ. އަތޮޅުން ނަރުދޫ އާއި ފުނަދޫ އާއި މިލަންދޫ އާއި ފީވަކާއި މާއުނގޫދޫ އަށް ވެސް އަމާޒު ދިޔަ އެވެ. މީގެ އިތުރުން ހއ. ދިއްދޫ އާއި އުތީމަށްވެސް އަމާޒު ބޯޓު ވަނެވެ.
ބޯޓާއި ބެހޭ ތަފްސީލުތައް ދެއްވަމުން ޑރ. އަފްޒަލް ވިދާޅުވީ އަމާޒު ބޯޓު މާލެއިން ފުރާފައިވަނީ މި މަހުގެ 15 ވަނަ ދުވަހު ކަމަށެވެ. އަދި އޭގެ ޖެހިގެން އައި 16 ވަނަ ދުވަހު ގިނަ ރަށްތަކަށް ދަތުރުކޮށްފައިވާ ކަމަށެވެ. ރަށްތަކުގެ ތެރޭގައި ހިމެނެނީ، ނ. މާފަރާއި، ނ. ހެނބަދޫ، ނ. މިލަންދޫ އަދި އެ އަތޮޅު މިލަދޫ އާއި ކެނދިކުޅުދޫ އަދި ވެލިދޫ އާއި ހޮޅުދޫއަށް ދަތުރުކޮށްފައިވާ ކަމަށެވެ.
މީގެ އިތުރުން އެ ބޯޓު ވަނީ ށ އަތޮޅު ނަރުދޫ އާއި އެ އަތޮޅު ފުނަދޫ އާދި މިލަންދޫ އަދި ފީވަކާއި މާއުނގޫދޫއަށް ވެސް ދަތުރުކޮށްފައެވެ. ހއ ގެ ރަށްތަކުން ދިއްދޫއާއި އުތީމަށް އަމާޒު ބޯޓު ވަނީ ގޮސްފައެވެ. ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. އަފްޒަލް ވިދާޅުވީ އަމާޒު ބޯޓުން 98 މީހަކު ދަތުރުކުރިއިރު 51 މީހަކު ދެނެގަނެވިފައިވާ ކަމަށެވެ. އަދި އޭގެ ތެރެއިން ފަސް މީހެއްގެ ކިބައިން އަލާމާތްތައް ފެނިފައިވާކަން ފާހަގަކުރެއްވިއެވެ.
އަމާޒު ބޯޓުގެ ކައްޕި ވައިރަހަށް ޕޮޒިޓިވް ވީއިރު، މިއީ ބޮޑު ކަލަސްޓާއެއްގެ ގޮތުގައި ވެދާނެކަމަށް ޑރ. އަފްޒަލް ވަނީ ވިދާޅުވެފައެވެ.

