ޓްރެފިކް ބަލަހައްޓަން ހުރި ފުލުހެއްގެ ގައިގައި ސައިކަލުން ޖައްސައި ފިލަން މަސައްކަތްކުރި ޒުވާނަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
މި މައްސަލައިގައި ފުލުހުން ހައްޔަރުކޮށްފައިވަނީ ގދ. ފަރެސްމާތޮޑާ، ހަތި، އުމުރުން 23 އަހަރުގެ ސާއިން އަބްދުލްގައްޔޫމެވެ.
ފުލުހުން އާންމު ކުރި ބަޔާނެއްގައި ބުނީ މި ހަދިސާ ހިނގާފައި ވަނީ އިއްޔެ ހަވީރު 5:30 ހާއިރު، މަޖީދީ މަގާއި ޗާންދަނީ މަގު ގުޅޭ ކަންމަތީ ކަމަށެވެ. އެގޮތުން އެ ވަގުތު އެ ސަރަހައްދުގައި ޓްރެފިކް ޑިއުޓީގައި ހަރަކާތްތެރިވަމުން ދިޔަ ފުލުސް މީހާގެ ގައިގައި ސައިކަލުން ޖެއްސުމަށްފަހު ސާއިން ވަނީ އެތަނުން ފިލަން މަސައްކަތް ކުރިކަމަށް ފުލުހުން ބުންޏެވެވެ.
މި ހާދިސާގައި ފުލުސް މީހާއަށް އެކިވަރުގެ އަނިޔާތައް ލިބުނު ނަމަވެސް، ސީރިއަސް އަނިޔާއެއް ލިބިފައި ނުވެ އެވެ.
މި މައްސަލައިގައި އޭނާ ދުއްވި ސައިކަލު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް ޓޯކޮށްފައިވާއިރު، އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ވަނީ 15 ދުވަހުގެ މުއްދަތެއް ބަންދަށް ދީފައެވެ.
ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

