ފުވައްމުލައް ސިޓީގެ ފެނަކަ ކޯޕަރޭޝަން އަދި ވެސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) ގެ ބްރާންޗްތަކުގައި މަސައްކަތްކުރާ ބައެއް މުވައްޒަފުން ކުއްލި ގޮތަކަށް ވަޒީފާއިން ވަކިކުރަމުންދާތީ އެކަން ކުށްވެރިކޮށް، ފުވައްމުލައް ސިޓީ ކައުންސިލުން ކަންބޮޑުވުން ފާޅުކޮށްފިއެވެ.
ފުވައްމުލައް ސިޓީ ކައުންސިލުން މިރޭ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މިގޮތަށް މުވައްޒަފުން ކުއްލިއަކަށް ވަޒީފާއިން ވަކިކުރުމަކީ އެ މީހުންގެ އާމްދަނީގެ މަގު ބަންދުވެ، އެ މުވައްޒަފުންނާއި އެމީހުންގެ އާއިލާތަކުގެ އިގްތިސާދީ އަދި އިޖުތިމާއީ ރައްކާތެރިކަމަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވާނެ ކަމެއް ކަމަށެވެ. އަދި ކުންފުނިތައް ”ރައިޓް ސައިޒް“ ކުރުމުގެ ނަމުގައި މިފަދަ ފިޔަވަޅުތައް އަޅަމުންދަނީ މުވައްޒަފުންގެ މަސައްކަތުގެ ފެންވަރަށް ބެލުމެއް ނެތި، ވަކި ސިޔާސީ ފިކުރަކަށް ނިސްބަތްވާތީ ނުވަތަ ވަކި ވިސްނުމަކަށް ތާއީދު ނުކުރާތީކަމަށް ފާހަގަކުރެވޭކަމަށް ސިޓީ ކައުންސިލުން ބުންޏެވެ.
ބަޔާނުގައި އިތުރަށް ފާހަގަކޮށްފައިވާ ގޮތުގައި، މިއީ ވަޒީފާގެ ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް ވެފައިވާ ވައުދުތަކާއި، އިންސާފުވެރިކަމާއެކު ވަޒީފާގެ ފުރުސަތުތައް ފަހިކޮށްދޭނެ ކަމަށް ބުނާ ސަރުކާރުގެ އުސޫލުތަކާ ފުށުއަރާ ކަމެކެވެ. އަދި އެއްކޮޅުން އާދައިގެ މުވައްޒަފުން ވަޒީފާއިން ވަކިކުރަމުންދާއިރު، މަތީ ފަންތީގެ މަގާމުތަކާއި ސިޔާސީ މަގާމުތައް އިތުރުކުރަމުން ދާތީ ރައްޔިތުންގެ މެދުގައި ބޮޑެތި ކަންބޮޑުވުންތަކެއް އުފެދިފައިވާކަމަށް ވަނީ ބުނެފަ އެވެ.
މީގެއިތުރުން، މި ހިނގާ އޮގަސްޓު މަހު ކައުންސިލުން މާލެއަށް ކުރި ދަތުރުގައި ވެމްކޯ އަދި ފެނަކައާއެކު ބޭއްވި ބައްދަލުވުންތަކުގައި، ފުވައްމުލައް ސިޓީގައި ހިނގަމުންދާ މަޝްރޫއުތައް ހުއްޓާނުލައި ކުރިއަށް ގެންދާނެ ކަމުގެ ޔަގީންކަން އެ ދެ ކުންފުނިން ދިން ނަމަވެސް، އެއާ ހިލާފަށް ކުއްލި ގޮތަކަށް ޕްރޮޖެކްޓްތައް ހުއްޓާލުމަށްފަހު، އެކަމާ ގުޅުވައިގެން މުވައްޒަފުން ވަކިކުރަމުންދާތީ އެއީ ސަރުކާރުގެ ބަހާއި އަމަލާ ދިމާނުވުންކަމަށް ބަޔާނުގައި ވްނީ ބުނެފަ އެވެ.
ފުވައްމުލައް ސިޓީ ކައުންސިލުން ވަނީ، މި ހާލަތުގައި ނިކަމެތިވަމުންދާ އާއިލާތަކުގެ ހައްގުތައް ހިމާޔަތްކުރުމަށާއި، މި މައްސަލަ ކަމާބެހޭ މުއައްސަސާތަކާއި މިނިވަން ކޮމިޝަންތަކުން ބަލައިދިނުމަށް ވެސް އެދިފަ އެވެ. އަދި ވަޒީފާއިން ވަކިކުރި ފަރާތްތަކުގެ ވަޒީފާތައް އަލުން އިޔާދަކުރުމަށް ވެސް ވަނީ ގޮވާލާފަ އެވެ.
ރަށްރަށުގައި ގާއިމުކޮށްފައިވާ ފެނަކައިގެ ބްރާންޗުތަކަށް އެކަށީގެންވާ މުވައްޒަފުންގެ އަދަދު ކަނޑައަޅައި، ކުންފުނީގެ އާ އޮނިގަނޑެއް އެކުލަވާލުމަށް މިދިޔަ ޖުލައި މަހުގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުން ވަނީ ފެނަކައަށް އަންގާފަ އެވެ. މީގެއިތުރުން، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ޖުމްލަ މުވައްޒަފުންގެ އަދަދު 33 އިންސައްތައަށް ކުޑަކުރުމަށް ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން ވެސް ވަނީ ކުންފުނިތަކަށް އަންގާފަ އެވެ.

