ތިނަދޫ ސިޓީގައި 5000 ފުލެޓް އަޅަން ހުއްދައަށް އެދި ކައުންސިލުން ސަރުކާރަށް ހުށަހަޅާފައިވާ އިރު ހުއްދަ ނުލިބިގެން އުޅެނީ ތިނަދޫއަށް ނިސްބަތްވާ މަޖިލިސް މެމްބަރެއްގެ ސަބަނުން ކަމަށް ތިނަދޫ ސިޓީގެ މޭޔަރ ސައުދު އަލީ ވިދާޅުވެއްޖެއެވެ.
އެ މަޝްރޫއަށް ތިނަދޫއަށް ނިސްބަތްވާ މަޖިލިސް މެމްބަރަކު ހުރަސްއަޅުއްވާ ކަމަށް ސައުދު ސޯޝަލް މީޑިއާގައި ވިދާޅުވުމާ ގުޅިގެން އިތުރު މައުލޫމާތު ހޯދުމަށް ”ސަންގުން“ ގުޅުމުން ސައުދު ވިދާޅުވީ، އެ ހައުސިންގ މަޝްރޫއުއަކީ މުޅި ތިނަދޫ ސިޓިގެ ރައްޔިތުންނާއި ގުޅިފައިވާ މަޝްރޫއެއް ކަމަށެވެ. އަދި ރަށަށް ހިޖުރަކުރަން ބޭނުންވާ ފަރާތްތަކާވެސް ވަރަށް ބޮޑަށް ގުޅިފައިވާ މަޝްރޫއެއް ކަމަށް އޭނާ ވިދާޅުވިއެވެ.
އެގޮތުން ތިނަދޫގައި 5000 ފްލެޓް އަޅަން ސަރުކާރަށް އެދިފައިވާއިރުގައި ސަރުކާރުން މިހާތަނަށް އެކަމުގައި ހުއްދަ ދީފައިނުވާ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި އެ މައްސަލައިގެ ފަހަތުގައި ހުންނެވީ ތިނަދޫއަށް ނިސްބަތްވެ ވަޑައިގަންނަވާ މަޖިލިސް މެމްބަރެއް ކަމަށް ކުރެއްވި ތުހުމަތު ތަކުރާރުކުރެއްވި ނަމަވެސް އެއީ ސީދާ ކޮން މެމްބަރެއް ކަމެއް އޭނާ ހާމައެއް ނުކުރައްވައެވެ.
މޭޔަރ ސައުދު ވިދާޅުވީ، މަޖިލީހުގެ މެމްބަރުންނަކީ އަބަދުވެސް އެފަދަ ކަންކަމުގައި ބާރުގެ ބޭނުންކޮށްގެން ނުފޫޒު ފޯރުވަމުން އަންނަ ފަރާތްތަކެއް ކަމަށާއި އެހެންކަމުން ފްލެޓް އެޅުމަށް ސަރުކާރުގެ ހުއްދައަށް އެދިފައިވާއިރު އެކަމުގައި ހުރަސްތަކެއް އެބަހުރި ކަމަށެވެ.
”ދެން މަޖިލީހުގެ މެމްބަރުންނަކީ އަބަދުވެސް ކަންކަމުގައި ނުފޫޒު ފޯރުވާ ފަރާތްތަކެއްތާ. އެހެންވީމަ އެގޮތަށް ހުރަސްތަކެއް އަޅާތީ އެކަމުގައި އަޅުގަނޑުމެންނަށް ހުއްދަ ނުލިބިގެން މިއުޅެނީ،“ ސައުދު
ސައުދުގެ ވާހަކަ ކުރިއަށް ގެންދަވަމުން ވިދާޅުވީ، ސަރުކާރުން ހުއްދަ ދިންހާ އަވަހަކަށް ފްލެޓް އެޅުމުގެ މަސައްކަތް ފައްޓަވާނެ ކަމަށެވެ. އަދި ތިނަދޫގެ އާބާދީގައި 10،000 މީހުން ތިބި އިރު، އެޅިގެންދާ ފްލެޓްތައް ހައްގު ފަރާތްތަކަށް އެއް ހަމައަކާއި އެއް އުސޫލެއްގެ ތެރެއިން ލިބިގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ތިނަދޫއަށް ސިޓީގެ ދަރަޖަ ދިނީ އާބާދީ އޮޅުވާލައިގެން ކަމަށް ސައުދުގެ މައްޗަށް ތުހުމަތުކުރާއިރު، އެއީ ލާމަރުކަޒީ ގާނޫނާ ހިލާފަށް ކުރި ކަމެއް ކަމަށް ވިދާޅުވެ އެ މައްސަލަ ބަލައިދިނުމަށް އެދި ތިނަދޫ އުތުރު ދާއިރާގެ މެންބަރު، ސައުދުﷲ ހިލްމީ މީގެ ކުރިން މަޖިލީހަށް ވެސް ހުށަހަޅުއްވާފައިވެއެވެ. މަޖިލީހަށް އޭރު ފޮނުއްވި ސިޓީގައި ސައުދުﷲ ވިދާޅުވެފައިވަނީ 2022 އިން ފެށިގެން ތިނަދޫ ކައުންސިލުން އެ ރަށުގެ އާބާދީއާ ގުޅޭ ތަފާސްހިސާބުތައް އޮޅުވާލާފައިވާ ކަމަށެވެ.
ތިނަދޫ، ސިޓީއަކަށް ބަދަލުކުރުމުގެ މަރުހަލާގައި ސަރުކާރު އިދާރާތަކަށް ދޮގު މައުލޫމާތު ދިން ކަމަށް ބުނާ މައްސަލައެއްގައި ސައުދުގެ މައްޗަށް ދައުވާ ކޮށްދިނުމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުގައި ފުލުހުން އެދިފައިވާކަން ފާހަގަކޮށްލެވެއެވެ. އެ މައްސަލަތައް ވަކިކޮޅެއްގައި ނުޖެހި އޮއްވައި، ލޯކަލް ކައުންސިލް އިންތިހާބުގެ ކުރިން، މިދިޔަ އަހަރު ސައުދު ސަސްޕެންޑު ވެސް ކުރިއެވެ. އޭރު ވެސް ސައުދު ވިދާޅުވެފައި ވަނީ، އޭނާ ސަސްޕެންޑުކުރީ ސިޔާސީ ބޭނުމެއްގައި ކަމަށެވެ.

