ކޮވިޑް-19 ގެ ސަބަބުން ރާއްޖެއަށް އޮތް ނުރައްކާ ކުޑަނުވާ ކަމަށާ އެ ބަލި ޖެހޭ މީހުންނާއި މަރުވާ މީހުންގެ އަދަދު އިތުރުވެގެން ހިނގައިދާނެ ކަމަށް ހެލްތް މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވެއްޖެއެވެ.
ރާއްޖެއިން ކޮވިޑް ޖެހިގެން އުމުރުން 83 އަހަރުގެ އަންހެނަކުވަނީ ނިޔާވެފައެވެ. ނިޔާވި މީހަކީ ރާއްޖެއިން 126 ވަނަ އަށް ޕޮޒިޓިވްވި މީހާގެ ކޮންޓެކްޓްރޭސިންގެ ތެރެއިން ފާހަގަ ކުރެވި ސާމްޕަލް ނަގާފައި ވަނިކޮށް ނިޔާވި މީހެކެވެ.
މިނިސްޓަރު އަމީން ވިދާޅުވީ ކޮވިޑްގެ ހާލަތު ގޯހަށްދާއިރު ކުރިއަށް އޮތްތަނުގައިވެސް ބައްޔަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އިތުރުވާނެ ކަމަށެވެ. އެހެންވެ ރައްކާތެރިކަމަށްޓަކައި އަޅަންޖެހޭ ހުރިހާ ފިޔަވަޅުތަކަށް ހާއްސަ ސަމާލުކަމެއް ދިނުމަށް އަމީން އިލްތިމާސްކުރެއްވިއެވެ.
ރާއްޖޭގެ ހާލަތު ގޯސްވެގެންދާއިރު ހާލު ބޮޑުވާ ބަލި މީހުންގެ އިތުރުވެ މަރުވާ މީހުންގެ އަދަދު ވެސް މަތިވެދާނެ ކަމަށް އަމީން ވިދާޅުވިއެވެ.
އަމީން ވިދާޅުވީ ބަލި ކޮންޓްރޯލް ކުރަން ބޮޑެތި ގޮންޖެހުންތަކެއް އެބަހުރި ކަމަށެވެ. އެގޮތުން އެންމެ ބޮޑު ގޮންޖެހުމަކީ މާލޭގައި ބިދޭސީން ގިނަކަމުންނާއި އެމީހުންގެ ދިރިއުޅުން އޮތް ގޮތުން ކަމަށެވެ.
”އަދިވެސް އަޅުގަނޑުމެންގެ ތެރެއިން ޕޮޒިޓިވްވާ މީހުންގެ އަދަދު އިތުރުވާނެ. އަޅުގަނޑުމެންގެ ތެރެއިން ކްރިޓިކަލް ހާލަތަށް ވެސް ދާނެ، ކްރިޓިކަލް ފަރުވާގެ ތެރޭގައި މީހުން ދުނިޔެ ދޫކުރާ އަދަދު ވެސް މިއަށްވުރެ އިތުރު ވެގެން ހިނގައި ދާނެ. މި ހާލަތު މިއީ ހުރިހާ ގައުމެއްވެސް ތަޖުރިބާކޮށްފައިވާ ހާލަތެއް“ އަމީން ވިދާޅުވިއެވެ.
މީގެ އިތުރުން އަމީން ވިދާޅުވީ މިހާރު އެންމެ އިސްކަން ދެނީ ވީހާވެސް ގިނަ ބައެއްގެ ސާމްޕަލްތައް ނެގުމަށް ކަމަށެވެ. އަދި ނެގޭ ސާމްޕަލްތަކުގެ ނަތީޖާތައް އަވަހަށް ހޯދާ ބަލިޖެހޭ މީހުން އެކަހެރިކޮށް ފަރުވާ ދިނުމަށް ކަމަށް އަމީން ވިދާޅުވިއެވެ.
އަމީން ވިދާޅުވީ ކޮވިޑް ފެތުރެން ފެށުމާއެކު ރާއްޖެއިން އެ ވަގުތަކަށް މުނާސަބު ވަރަށް ގިނަ ފިޔަވަޅުތައް އަޅަމުން ކަމަށެވެ. ނަމަވެސް ކުރިއަށް އޮތީ އަދިވެސް ދަތި އުނދަގޫ ދުވަސްކަމެއް ކަމަށް އަމީން ވިދާޅުވިއެވެ.

