މާލޭގައި ކޮވިޑް-19 ފެތުރޭ މިންވަރު މަދުކުރުމަށް އަޅަމުން އައި ފިޔަވަޅުތަކުގެ ތެރެއިން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ނަގަމުން ގެންދިޔަ ރެންޑަމް ސާމްޕަލްތަކުން އެކަކު އެބައްޔަށް ޕޮޒިޓިވްވެއިވާ ކަމަށް ޑރ. އިބްރާހީމް އަފްޒަލް ވިދާޅުވެއްޖެ އެވެ.
ޑރ.އަފްޒަލް ވިދާޅުވީ ރެންޑަމް ސާމްޕްލިން ތެރެއިން އެކަކު ޕޮޒިޓިވްވެފައި ވިޔަސް ސާމްޕަލް ނެގުމުގެ މަސައްކަތް ވަރަށް ފުޅާކޮށް ކޮށްފައިވާތީ ކުރިއަށް އޮތްތަނުގައި އަދަދު އިތުރުވުން އެކަށީގެންވާ ކަމަށެވެ.
”ރެންޑަމް ސާމްޕަލް އިން އަދި އެންމެ ބޭފުޅަކު ޕޮޒިޓިވްވީ، އެކަމަކު އެއީ ވަރަށް ފުޅާކޮށް ކުރެވޭ ކަމަކަށް ވާތީ އަޅުގަނޑުމެން އެކްސްޕެކްޓް ކުރަން އިތުރު ފޯކަސްތައް އޭގެ ތެރެއިން ފެނިގެން ދިއުން،“ ޑރ. އަފްޒަލް ވިދާޅުވި އެވެ.
އެޗްޕީއޭ އިން ވަނީ ރެންޑަމްކޮށް ވަރަށް ގިނަ ބަޔެއް ސާމްޕަލްތައް ނަގާފައެވެ. އޭގެ ތެރޭގައި ދިވެހިންނާއި ބިދޭސީން ވެސް ހިމެނެއެވެ.
ރެންޑަމްކޮށް ނެގި ބައެއް ސާމްޕަލްތަކުގެ ނަތީޖާ މިވަގުތު ލިބިފައިނުވިޔަސް ބައެއް ސަބަބުތަކާއިހުރެ، ރެންޑަމްކޮށް ސާމްޕަލް ނެގުން ހުއްޓާލަން އެޗްޕީއޭ އިން ވަނީ ނިންމާފައެވެ.
ޓެގު ޓީމުގައި ހިމެނިވަޑައިގަންނަވާ ޑރ. އަލީ ލަތީފު ވިދާޅުވީ މާލޭގެ އެކި ސަރަހައްދުތަކުން ރެންޑަމް ސާމްޕަލްތަކެއް ނަގަމުން އަންނަ ކަމަށާއި ނަމަވެސް ޓެސްޓު ކުރާ މިންވަރު އިތުރު ނުކުރެވޭއިރު ސާމްޕަލް ނެގުމުގެ މާނައެއް ނެތް ކަމަށެވެ.
ރެންޑަމްކޮށް ސާމްޕަލްތައް އެޗްޕީއޭ އިން ނެގީ ކޮމިއުނިޓީ ތެރޭގައި ވައިރަސް ކިހާވަރަކަށް ފެތުރިފައި ވޭތޯ ބެލުމަށް ކަމަށް ލަތީފް ވިދާޅުވިއެވެ. އަދި އެގޮތައް ރެންޑަމް ސާމްޕަލް ނަގާނަމަ ކޮންމެ ޓެސްޓެއްގެ ނަތީޖާ އައުން ލަސްވެގެންދާނެ އޭނާ ވިދާޅުވިއެވެ.

