ހުޅުމާލެ ދެވަނަ ފިޔަވަހީގެ ޓަވަރުތަކުގެ ބެލްކަނި އަދި ކުޑަދޮރު ފަދަ ހާމަ ތަންތަން ސަލާމަތީ ކަންކަން ވަރުގަދަކުރަން އެ ތަންތަން ބަންދުވާނެހެން ރޭލިން ހަރުކުރަން، ހުޅުމާލޭގެ މުނިސިޕަލް ކަންކަން މަތިކޮށްފައިވާ އެޗްޑީސީއަށް އަންގަން މާލޭ ސިޓީ ކައުންސިލުން މިއަދު ފާސްކޮށްފިއެވެ.
މިއަދު އޮތް މާލޭ ސިޓީ ކައުންސިލުގެ 5 ވަނަ ދައުރުގެ 15 ވަނަ ރަސްމީ އާންމު ޖަލްސާއަށް ކުއްލި މައްސަލައެއްގެ ގޮތުގައި މި މައްސަލަ ހުށަހެޅުއްވީ ހުޅުމާލެ އުތުރު ދާއިރާގެ އެމްޑީޕީ ކައުންސިލަރު ފާތިމަތު ޒަހިއްޔާއެވެ.
އެ މައްސަލައިގައި ޒަހިއްޔާ ވިދާޅުވީ، ފަހަކަށް އައިސް ހުޅުމާލެ ދެވަނަ ފިޔަވަހީގެ ރެސިޑެންޝަލް ޓަވަރުތަކުން ކުޑަކުދިން ވެއްޓޭ އަދަދު އިތުރުވެފައިވާ ކަމަށެވެ. އަދި އުސް އިމާރާތްތަކުން ވެއްޓުން ފަދަ ހާދިސާތަކަށް ދާއިމީ ހައްލެއް ގެންނަންޖެހޭކަމަށް އޭނާ ވިދާޅުވިއެވެ.
އެފަދަ ހާދިސާތައް ހުއްޓުވުމަށް ދުނިޔޭގެ ކުރިއަރާފައިވާ ގައުމުތަކުގައި އަޅާ ފިޔަވަޅުތަކުގެ ތެރޭގައި އުސް ޓަވަރުތަކުގެ ކުޑަދޮރުތަކާއި ބެލްކަނީ ފަދަ ހުޅުވިފައި ހުންނަ ތަންތަނުގައި ރޭލިން ހަރުކޮށްފައި ހުންނަ ކަމަށާއި އެފަދަ އުސޫލުތަކަށް ރާއްޖޭގައި ވެސް އަމަލުކުރަން ޖެހޭކަން ފާހަގަކުރައްވައި އޭނާ ވިދާޅުވީ ކުރިއަށް އޮތް ތަނުގައި އެކަން ނުކޮށްފިނަ އެތައް ފުރާނައެއް ގެއްލުމުގެ ފުރުސަތު އެބަ އޮތް ކަމަށެވެ.
މީގެ އިތުރުން، ހުޅުމާލޭގައި ނުރައްކާތެރި އެކްސިޑެންޓުތައް ވެސް ގިނަވެފައިވާތީ، ހުޅުމާލޭގެ ޓްރެފިކް ބެލެހެއްޓުން އިތުރަށް ވަރުގަދަކުރަން ފުލުހުންނާއި ގުޅިގެން ހާއްސަ މަސައްކަތްތަކެއް ކުރުމަށް އެޗްޑީސީއަށް އަންގަން ވެސް އޭނާ ހުށަހެޅުއްވިއެވެ.
އެކަން އެގޮތަށް ކުރަން އެޗްޑީސީއަށް އަންގަން ފާސްވީ މިއަދުގެ ބައްދަލުވުމުގައި ބައިވެރިވި ހުރިހާ މެމްބަރުންގެ އިއްތިފާގުންނެވެ.

