މި ސެޕްޓެމްބަރު މަހުގެ 15 އިން ފެށިގެން ވިސާއާ ނުލައި ދިވެހީންނަށް ތައިލޭންޑުގައި ތިބެވޭނީ 30 ދުވަހަށް ކަމަށް ފޮރިން މިނިސްޓްރީން ބުނެފިއެވެ.
މި އަހަރުގެ މެއި މަހުގެ ތެރޭގައި ތައިލޭންޑް ސަރުކާރުގެ ކެބިނެޓުން ވަނީ އެ ގައުމުގެ ވިސާ ޕޮލިސީއަށް ބޮޑެތި ބަދަލުތަކެއް ގެނެސް، 93 ގައުމެއްގެ ފަތުރުވެރިންނަށް ވިސާއާ ނުލައި އެ ގައުމުގައި ތިބެވޭ މުއްދަތު 60 ދުވަހަށްވުރެ ކުޑަކުރުމަށް ނިންމާފައެވެ. އެގޮތުން ރާއްޖެ ހިމެނިގެން ދިޔައީ ވިސާއާ ނުލައި އެ ގައުމުގައި 15 ދުވަސް މަޑުކުރުމަށް ފުރުސަތު ލިބޭ ގައުމުތަކުގެ ލިސްޓުގައެވެ.
ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ، 29 ޖޫން 2026 ގައި ފޮރިން މިނިސްޓަރު އިރުތިޝާމް އާދަމް، ތައިލޭންޑްގެ ޑެޕިއުޓީ ޕްރައިމް މިނިސްޓަރ އަދި މިނިސްޓަރ އޮފް ފޮރިން އެފެއާޒް، ހިޒް އެކްސަލަންސީ ސީހާސަކް ފޫވަންގްގެޓްގޭއޯ އާ ފޯނުން ގުޅުއްވައި، އެކަމާ ގުޅޭގޮތުން ވާހަކަފުޅު ދެއްކެވި ކަމަށެވެ.
ދެ ވަޒީރުންގެ ވާހަކަފުޅަށްފަހު، ޖުލައި މަހުގެ 14 ގައި ވިސާ ޕޮލިސީ އަނެއްކާ ވެސް މުރާޖާކޮށް އާންމުކުރި ނިންމުމުގައި، ތައިލޭންޑްއަށް ވިސާ އާ ނުލައި ދިވެހީންނަށް ދަތުރުކުރެވޭ މުއްދަތު 15 ދުވަހުން 30 ދުވަހަށް އިތުރުކޮށްދީފައިވާ ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.
ތައިލޭންޑްގެ ސަރުކާރުން އެ ގައުމުގެ ވިސާ ޕޮލިސީއަށް ގެނައި ބަދަލުތައް 31 އޮގަސްޓް 2026 ގައި ރަސްމީކޮށް ގެޒެޓްކުރުމާ ގުޅިގެން، މި ސެޕްޓެމްބަރު މަހުގެ 15 އިން ފެށިގެން އެ ބަދަލުތަކަށް އަމަލުކުރަން ފެށިގެންދާނެއެވެ.
ތައިލޭންޑްގެ ވިސާއަށް ގެނައި ބަދަލާގުޅިގެން 15 ސެޕްޓެމްބަރުން ފެށިގެން އެ ގައުމަށް ޒިޔާރަތްކުރާ ދިވެހި ފަތުރުވެރިންނަށް ވިސާއާ ނުލައި، އެ ގައުމުގައި ތިބެވޭނީ 30 ދުވަހަށް ކަމަށް ވާތީ އެކަމަށް ސަމާލުވުމަށް މިނިސްޓްރީން ވަނި އެދިފައެވެ.

