ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދައުވާކުރުމުން މޭޔަރު ސައުދު ފަހަތަށް ޖެހޭނެ ކަމަށް ހީވުމަކީ ކުށް ހީއެއް: ޝާހިދު

ފޮޓޯ: ސޯޝަލް މީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

ތިނަދޫ ސިޓީގެ މޭޔަރު ސައުދު އަލީގެ މައްޗަށް އުފުލާފައިވާ ދައުވާތަކަކީ ސިޔާސީ ދައުވާއެއްކަމަށް އެމްޑީޕީގެ ކުރީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ޝާހިދު ވަނީ ތިނަދޫ ސިޓީގެ މޭޔަރު ސައުދުގެ މައްޗަށް ކުރާ ދައުވާތަކަކީ ސިޔާސީ ދައުވާތަކެއް ކަމަށް ވިދާޅުވެ އެ ދައުވާތައް ހުއްޓާލުމަށް ސަރުކާރަށް ގޮވާލާފައެވެ.

މި ސަރުކާރުން ދައުވާތަކެއް ކޮށްގެން އޭނާ ފަހަތަށް ޖެހިވަޑައިގަންނަވާނެ ކަމަށް ހީކުރުމަކީ ވަރަށް ބޮޑު ކުށް ހީއެއްކަމަށް ޝާހިދު ވިދާޅުވިއެވެ. ތިނަދޫ ސިޓީއަށް ސައުދު ގެންނަވަމުންދާ ތަރައްގީގެ މަސައްކަތްތައް ފާހަގަކުރައްވައި ޝާހިދު ވިދާޅުވީ، މި ސަރުކާރަށް އޭނާ ކުރައްވަމުން ގެންދަވާ މަސައްކަތްތައް ނުހުއްޓުވޭނެ ކަމަށެވެ. އަދި ލާމަރުކަޒީ ނިޒާމުން ރައްޔިތުންނަށް ދީފައިވާ ބާރުތައް މި ސަރުކާރުން ނިގުޅައިނުގަނޭވެނެ ކަމަށް ޝާހިދު ވިދާޅުވިއެވެ.

ޝާހިދު ވަނީ މި ސަރުކާރުން ނުފޫޒާއި ބާރުގެ ބޭނުންކޮށްގެން ދައްކަމުންދާ ބިރަށް ފަހަތަށް ނުޖެހި ހިތްވަރާއެކު ކުރިއަށް ދިއުމަށް އެދިވަޑައިގެންފައެވެ. އަދި ސައުދުގެ މައްޗަށް ކުރާ ދައުވާތައް ވަގުތުން ހުއްޓާލުމަށް ސަރުކާރަށް ވަނީ ގޮވާލައްވާފައެވެ.

ޝާހިދު މިހެން ވިދާޅުވެފައިވާއިރު، ސައުދުގެ މައްޗަށް އުފުލާފައިވާ ދައުވާތަކަކީ ސިޔާސީ ނުފޫޒުން އުފުލާފައިވާ ދައުވާތަކެއް ކަމަށް ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެސް ވަނީ ވިދާޅުވެފައެވެ. އަދި އިންތިޚާބީ މަންދޫބުންނަށް ބިރުދެއްކުމާއި، ލާމަރުކަޒީ ނިޒާމު ބަލިކަށިކޮށް، ބާރުތައް މަރުކަޒުކުރުމަށް ކުރަމުންދާ މަސައްކަތްތަކަށް ދެބޭފުޅުންވެސް ވަނީ ފާޑުވިދާޅުވެފައެވެ.

ސައުދުގެ މައްޗަށް ކުރާ ތުހުމަތުތައް ފުލުހުން ތަހުގީގުކޮށް ނިމިގެން ދައުވާކޮށްދިނުމަށް އެދި ޕީޖީ އޮފީހަށް ފޮނުވައިގެން މައްސަލަ ބަލައިގަތީ މިދިޔަ މަހުގެ 19ގައެވެ. ޕީޖީ އޮފީހުގެ ވެބްސައިޓްގައި މިހާރު އެ މައްސަލަ އަދާހަމަކޮށްފައިވާއިރު، ސައުދުގެ މައްޗަށް ދެ ދައުވާއެއް ވަނީ އުފުލައިފައެވެ.

އެގޮތުން އުފުލާފައިވާ ދައުވާތަކަކީ:

  • އެނގިހުރެ ސައްހަ ނޫން ލިޔުމެއް ދިނުމުގެ ކުށުގެ ދައުވާ: ކުށުގެ އަސާސީ އަދަބަކީ 1 އަހަރާއި 7 މަހާއި 6 ދުވަހުގެ މުއްދަތަކަށް ޖަލަށް ލުން
  • ރަސްމީ އިދާރާއަކަށް ދޮގު މައުލޫމާތު ދިނުމުގެ ކުށުގެ ދައުވާ: ކުށުގެ އަސާސީ އަދަބަކީ 4 މަހާއި 24 ދުވަހުގެ މުއްދަތަކަށް ޖަލަށް ލުން

މި ދެ ކުށުގެ އަސާސީ އަދަބުގެ ޖުމުލައަކީ 2 އަަހަރާއި 1 މަސްދުވަހަށް ޖަލަށް ލުމެވެ.

ތިނަދޫ، ސިޓީއަކަށް ބަދަލުކުރުމުގެ މަރުހަލާގައި ސަރުކާރު އިދާރާތަކަށް ދޮގު މައުލޫމާތު ދިން ކަމަށް ބުނާ މައްސަލައެއްގައި އޭނާގެ މައްޗަށް ދެ ދައުވާއެއް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން އުފުލާފައިވާއިރު ލޯކަލް ކައުންސިލް އިންތިހާބުގެ ކުރިން، މިދިޔަ އަހަރު ސައުދު ސަސްޕެންޑު ވެސް ކުރިއެވެ. އޭރު ވެސް ސައުދު ވިދާޅުވެފައި ވަނީ، އޭނާ ސަސްޕެންޑުކުރީ ސިޔާސީ ބޭނުމެއްގައި ކަމަށެވެ.

މި މައްސަލައިގައި ތިނަދޫގެ އާބާދީ އޮޅުވާލި ކަމަށް ބުނެ ރައްޔިތުންގެ މަޖިލީހުގެ ތިނަދޫ އުތުރު ދާއިރާގެ ޕީއެންސީ މެންބަރު ސަޢުދުﷲ ޙިލްމީ ފޭސްބުކްގައި އާންމުކުރެއްވި އާބާދީއާ ގުޅޭ ލިސްޓެއްގެ މައްސަލަ ބަލައިދިނުމަށް ތިނަދޫ ސިޓީ ކައުންސިލުން ދިވެހި ފުލުހުންގެ ހިދުމަތުގައިވެސް ވަނީ އެދިފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: