ވެރިކަންކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ އަސާސީ ގަވާއިދަށް ގެނެސްފައިވާ މުހިންމު ބަދަލުތަކާއެކު، އެ ޕާޓީގެ އައު އަސާސީ ގަވާއިދު ޕާޓީގެ މަތީ މަޖިލީހުން މިއަދު އެންޑޯސްކޮށްފިއެވެ.
މި އިސްލާހުތައް ފާސްކޮށްފައިވަނީ މިއަދު ފެށިގެން ކުރިއަށްދާ ޕީއެންސީގެ އެންމެ މަތީ މަޖިލީހުގެ ބައްދަލުވުމުގެ ފުރަތަމަ ސެޝަނުގެ ތެރޭގައެވެ. މި އިސްލާހުތަކާއެކު އަލަށް އެކުލަވާލެވުނު އަސާސީ ގަވާއިދު މިހާރު ވަނީ އާންމުކޮށްފައެވެ.
އަސާސީ ގަވާއިދަށް ގެނެވުނު އިސްލާހުތަކާ ގުޅޭ ޕްރެޒެންޓޭޝަން ހުށަހަޅުއްވައިދެއްވަމުން ޕާޓީގެ ސެކްރެޓަރީ ޖެނެރަލް އަލްއުސްތާޛު މޫސާ ފަތުހީ އާދަމް ވިދާޅުވީ، އަސާސީ ގަވާއިދަށް ގެނެވިފައިވާ ބަދަލުތަކަކީ ޕާޓީގެ މެންބަރުންގެ އަދަދު އިތުރުވެފައިވާ މިންވަރަށް ބަލައި ގެންނަންޖެހޭ ބަދަލުތައް ކަމަށެވެ. އަދި އެކި ދާއިރާތަކަށް އަމާޒުކޮށްގެން ޕާޓީގެ ހަރަކާތްތައް ފުޅާކުރުމާއެކު، ގައުމަށް ލާބަހުރި ގޮތަށް ޕާޓީގެ ހިންގުން ހަރުދަނާކުރުމަށްޓަކައި ގެންނަންޖެހޭ އިސްލާހުތައްވެސް ހިމަނާފައިވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
މީގެއިތުރުން، ޕާޓީގެ އިސް ސަފުގައި މެންބަރުންގެ ޝާމިލުވުން އިތުރުކުރުމުގެ ގޮތުން މުޅިން އާ ގުނަވަންތަކަކާއި ހަރަކާތްތަކެއް ވަނީ ތައާރަފުކޮށްފައެވެ. އެގޮތުން ޒުވާނުންގެ ހަރަކާތްތަކާއި އިސްރަށްވެހިންގެ ހަރަކާތްތައް އުފެއްދުމުގެ އިތުރުން، ޕާޓީގެ ހަރަކާތްތައް އިތުރުކުރުމަށް ޖުމްލަ 15 ކޮމިޓީއެއް ވަނީ އެކުލަވާލާފައެވެ. އޭގެ ތެރޭގައި އިގުތިސާދީ މުހިއްމު ދާއިރާތަކާއި ގައުމީ ސަލާމަތާއި ސިއްހަތާއި އިޖުތިމާއީ ކަންކަމުގެ އިތުރުން ސައެންސާއި ޓެކްނޮލޮޖީ ފަދަ އެކި ދާއިރާތަކުގެ ކޮމިޓީތައް ހިމެނެއެވެ.
ސެކްރެޓަރީ ޖެނެރަލް އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ޕާޓީގެ ދާއިރާތަކުގެ ރައީސުންނާއި ނައިބުރައީސުންގެ ދައުރާއި، ސްޓިއަރިން ކޮމިޓީތަކުގެ މަސައްކަތްތަކާއި އެ ފަރާތްތަކުން އަދާކުރަންޖެހޭ ދައުރުތައްވެސް އަލަށް ގެނައި އިސްލާހުތަކާއެކު އަސާސީ ގަވާއިދަށް ވަނީ އިތުރުކޮށްފައެވެ. މިއީ ސިޔާސީ މައިދާނުގައި ޕާޓީގެ ހަރަކާތްތައް ފުޅާ ދާއިރާއެއްގައި ކުރިއަށް ގެންދިއުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ.
މި އަސާސީ ގަވާއިދު އެންޑޯސްކުރުމަށް ބޭއްވި ސެޝަނުގައި ޖުމްލަ 1,064 މަންދޫބުން ބައިވެރިވެވަޑައިގެންނެވިއެވެ. އަދި އަސާސީ ގަވާއިދަށް ގެނެވުނު ހުރިހާ އިސްލާހެއް ހިމެނޭހެން މުޅި ގަވާއިދު އެންޑޯސްކޮށް ފާސްކޮށްފައިވަނީ ސެޝަނުގައި ބައިވެރިވެވަޑައިގެންނެވި ހުރިހާ މަންދޫބުންގެ އިއްތިފާގުންނެވެ.

