ހިމަބި ފެތުރެން ފެށުމުން އެޗްޕީއޭއިން ވަނީ ވެކްސިން ޖެހުމުގެ ޕްރޮގްރާމެއް ފަށާފައެވެ. އެގޮތުން މި ޕްރޮގްރާމްގެ ދަށުން މިހާތަނަށް 16،368 މީހަކަށް ވެކްސިން ޖަހާފައިވާކަމަށް އެޗްޕީއޭއިން ބުނެއެވެ. އަދި ވެކްސިން ނުޖަހާ މީހުން ވެކްސިން ޖެހުމަށް އެޗްޕީއޭއިން އެދެއެވެ.
މި އަހަރުގެ މެއި މަހު ރާއްޖޭގައި ހިމަބިހި ފެތުރެން ފެށި ދުވަސްވަރާ އަޅާބަލާއިރު، މިހާރު ހަފުތާއަކު ބަލިޖެހިގެން ރިޕޯޓްކުރާ މީހުންގެ އަދަދު ވަނީ ވަރަށް ދަށްކުރެވިފައެވެ.
އެޗްޕީއޭއިން ބުނި ގޮތުގައި ބަލި ކޮންޓްރޯލް ކުރުމަށްޓަކައި ކުރެވުނު މަސައްކަތުގެ ދަށުން، މިހާތަނަށް 16،320 އަށް ވުރެ ގިނަ މީހުން ވަނީ ހިމަބިހިން ރައްކާތެރިވުމަށް ޖަހާ އެމްއާރު ވެކްސިން ފުރިހަމަކޮށްފައެވެ.
ހިމަބިއްސަކީ ”މީސްލްސް ވައިރަސް“ ގެ ސަބަބުން ޖެހޭ، ގައިންގަޔަށް ވަރަށް ފަސޭހައިން އަރާ ބައްޔަކަށް ވާތީ، ވެކްސިންގެ ދެ ޑޯޒް ހަމަކުރެވުނުކަން ޔަގީންނުވާ ފަރާތްތަކުން ވީ އެންމެ އަވަހަކަށް ކަނޑައެޅިފައިވާ މަރުކަޒުތަކުން ވެކްސިން ޖެހުމަށް އެޗްޕީއޭ އިން ވަނީ އިލްތިމާސްކޮށްފައެވެ. އަދި ބަލިޖެހިފައިވާ މީހަކާ ކޮންޓެކްޓްވި ފަރާތްތަކަށް ހުޅުމާލެ ހޮސްޕިޓަލުންނާއި އާބަން ޕްރައިމަރީ ހެލްތު ކެއާ ސެންޓަރުން ވެކްސިން ޖެހުމުގެ އިންތިޒާމު ވަނީ ހަމަޖައްސައިފައެވެ.
މީގެއިތުރުން މާލެ ސަރަހައްދުގެ ބޮޑެތި ހޮސްޕިޓަލްތަކުގެ އިތުރުން، އަތޮޅުތަކުގެ ހޮސްޕިޓަލްތަކާއި ރަށްރަށުގެ ސިއްހީ މަރުކަޒުތަކުން ވެސް ކަނޑައެޅޭ ވަކި ގަޑިތަކެއްގައި މި ވެކްސިން ދިނުމުގެ އިންތިޒާމުތައް ވަނީ ހަމަޖައްސާފައެވެ.
ހުމާއެކު ހަށިގަނޑުގައި ރަތް ބިހިތަކެއް ނަގަން ފަށައިފިނަމަ، ލަސްނުކޮށް ސިއްހީ އެހީތެރިކަން ހޯދުމަށް އެޗްޕީއޭއިން ވަނީ އިރުޝާދު ދީފައެވެ.

