އަމީނީ މަގު ޒަމާނީ ފެންވަރަކަށް އަލުން މަރާމާތުކުރުމަށް ސަރުކާރުން ކުރިއަށްގެންދާ މަޝްރޫއުގެ ދަށުން،ފުރަތަމަ ސެގްމެންޓުގައި ތާރުއެޅުމުގެ އަމަލީ މަސައްކަތް އެމްޓީސީސީން ފަށައިފިއެވެ.
މި މަސައްކަތް ކުރިއަށްގެންދިއުމަށް އެމްޓީސީސީއާ ހަވާލުކުރީ މިދިޔަ ޖޫން މަހުގެ 15 ގައެވެ. މިހާރު ތާރުއަޅަމުންދާ ސެގްމެންޓަކީ ދިވެހިރާއްޖޭގެ އަޑު ކުރިމަތީގައި އޮންނަ އިއްޒުއްދީން މަގު ގުޅޭ ހިސާބުން ފެށިގެން ދަރުމަވަންތަ ހޮސްޕިޓަލު ކައިރީގައިވާ ޕާކާ ދެމެދު އޮތް ސަރަހައްދުގަ އެވެ.
އެމްޓީސީސީން މައުލޫމާތު ދިން ގޮތުގައި މި މަޝްރޫއުގެ ތެރެއިން ހަމައެކަނި ތާރުއެޅުމުގެ އިތުރުން، ބަސް ހުއްޓާ ސަރަހައްދުތަކުގެ ޕޭވްމަންޓްތަކުގެ ޑިޒައިނަށް ވެސް ޒަމާނީ ބަދަލުތަކެއް ގެނައުމަށް ވަނީ ހަމަޖެހިފައެވެ. އަދި މިހާރު މަސައްކަތް ހިނގަމުންދާ ސަރަހައްދު ނިމި، އާންމު ދަތުރުފަތުރަށް ހުޅުވާލުމަށްފަހު، ދެވަނަ ސެގްމެންޓްގެ މަސައްކަތް ފެށިގެންދާނެ އެވެ. އަދި ދެވަނަ ސެގްމެންޓުގައި ހިމެނެނީ ދިވެހިރާއްޖޭގެ އަޑުން ފެށިގެން ޣިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލާ ހަމައަށް އޮތް ބައެވެ.
އަމީނީ މަގުގެ އިތުރުން، ބޮޑުތަކުރުފާނު މަގުގެ ތާރުއަޅާފައިވާ ސަރަހައްދުތަކުން ހަލާކުވެފައިވާ ބައިތައް މަރާމާތުކުރުމުގެ މަސައްކަތް ވެސް ކުރިޔަށް ގެންދިއުމަށް ވަނީ ހަމަޖެހިފަ އެވެ. އަދި މަސައްކަތްތައް އަންނަ ނޮވެމްބަރު މަހުގެ ނިޔަލަށް ނިންމާލެވޭނެކަމަށް އެމްޓީސީސީން ވަނީ ލަފާކޮށްފަ އެވެ.

