އިލެކްޝަންސް ކޮމިޝަންގެ ރައީސް މުހައްމަދު ޝަކީލްގެ މައްޗަށް ޖިނާއީ ތަހުގީގެއް ހިންގައިދިނުމަށް އެދި ކުރީގެ ރައީސް އބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ޕީއެންއެފްއިން ފުލުހަށް ހުށަހެޅި މައްސަލަ ރަސްމީކޮށް ރަޖިސްޓްރީކޮށްފިއެވެ.
ޕީއެންއެފްގެ މެމްބަރުންގެ ދަފްތަރަށް ގަސްދުގައި އޮޅުވާލައިގެން ބަދަލު ގެންނަކަމަށް ބުނެ، ޝަކީލްއާއި ދެކޮޅަށް އީސީން މި މައްސަލަ ފުލުހަށް ހުށަހެޅީ މިދިޔަ ބުރާސްފަތި ދުވަހު އެވެ.
މައްސަލަ ރެޖިސްޓްރީ ކުރިކަން އަންގައި ފުލުހުން މިއަދު ފޮނުވި ސިޓީގައި ވަނީ މައްސަލަ ބަލައިގެންފައިވާކަމަށެވެ.
މި މައްސަލަ ފުލުހަށް ހުށަހަޅައި، ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވީ އެ ޕާޓީގެ ހޯދުންތަކުން އިލެކްޝަންސް ކޮމިޝަންގެ ތެރެއިން ގަވާއިދާ ހިލާފަށް ޕީއެންއެފްގެ މެންބަރުން ވަކިކުރަމުންދާކަން ސާފުކޮށް އެނގޭ ކަމަސެވެ.
ޖަމީލް ވިދާޅުވި ގޮތުގައި ޕީއެންއެފްގެ ދަފުތަރުން މީހުން ވަކިކޮށް، ޕީއެންސީގެ ދަފްތަރުގައި ދަނީ ޖައްސަމުންނެވެ. އަދި އީސީގެ ރައީސް ޝަކީލްގެ މައްޗަށް ޖިނާއީ ތަހުގީގެއް ހިންގުމަށް ހުށަހަޅަން ޖެހުނީ އެ ސަބަބާއި ހުރެކަމަށް ވިދާޅުވި އެވެ.
ތުހުމަތުތަކާއި ގުޅިގެން އިލެކްޝަންސް ކޮމިޝަނުން ބުނީ އާންމުންގެ މެދުގައި އެ ކޮމިޝަނަށާއި ޕާޓީތަކުގެ މެންބަޝިޕް ނިޒާމަށް އޮތް އިތުބާރު ގެއްލޭ ފަދަ ހަގީގަތާ ހިލާފު ވާހަކަތައް ނުފެތުރުމަށާއި، ހުރިހާ ސިޔާސީ ފަރާތްތަކުން ވެސް ޒިންމާދާރުކަމާ އެކު އަމަލު ކުރުމަށް އިލްތިމާސް ކުރާކަމަށެވެ.
އީސީގެ ބަޔާނުގައި ބުނީ ސިޔާސީ ޕާޓީތަކުގައި ރަޖިސްޓްރީވުމަށް މިހާރު ކަނޑައަޅާފައިވާ އޮންލައިން ނިޒާމުގެ ދަށުން، ކޮންމެ ރައްޔިތަކަށް ވެސް އީ-ފާސް ބޭނުންކޮށްގެން އަމިއްލަ އިހުތިޔާރުގައި ބޭނުން ވަގުތެއްގައި ޕާޓީއަކަށް ވަނުމާއި ވަކިވުމުގެ ފުރިހަމަ މިނިވަންކަން އޮންނާނެ ކަމަށެވެ. އެހެންކަމުން، މިއީ ސީދާ އެ މީހަކާއި ޕާޓީއާ ދެމެދު ހިނގާ މުއާމަލާތެއްކަމަށާއި، މި ނިޒާމުގެ ބޭރުން އެއްވެސް ފަރާތަކަށް ނޭނގި އެ މީހަކު ޕާޓީން ވަކިނުކުރެވޭނެކަމަށް އީސީން ބުނެއެވެ.

