ޗައިނާ-ރާއްޖެ މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ ތެރެއިން އިތުރު ފުރުސަތުތައް ފަހިވަމުންދާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ، ޗައިނާގެ 77 ވަނަ ގައުމީ ދުވަހުގެ މުނާސަބާގައި ރާއްޖޭގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސްގެ ވާހަކަފުޅު ފަައްޓަވަމުން ވަނީ ޗައިނާގެ ގައުމީ ދުވަހުގެ ތަހުނިޔާ އެ ގައުމުގެ ރައީސް ޝީ ޖިންގްޕިން އަދި އެ ގައުމުގެ ސަރުކާރައި ރައްޔިތުންނަށް އަރިސްކުރައްވާފައެވެ. އެ މަނިކުފާނުގެ ވާހަކަފުޅު ބިނާކުރެއްވީ ދެ ގައުމުގެ ގާތް ގުޅުމަށާއި، ގުޅުމުގެ ފައިދާތަކުގެ މައްޗަށެވެ. ރައީސް ވަނީ ޗައިނާގެ އުމްރާނީ ތަރައްގީއާއި، ކުރިއެރުމަކީ ދުނިޔެއިން ބަލައިގަނެފައިވާ ކުރިއެރުންތަކެއް ކަމަށް ވިދާޅުވެފައެވެ.
ޗައިނާ އާއި ރާއްޖެއަކީ ސަރަހައްދީ ގޮތުން ދުރުގައި އޮތް ދެ ގައުމު ނަމަވެސް، ދެ ގައުމުގެ އެކުވެރިކަމަކީ ދޭދޭ ގައުމުގެ މެދުގައި އޮތް ގުޅުން އެންމެ ބޮޑަށް ދައްކުވައިދޭ ސިފަކަމަށް ރައީސް ވިދާޅުވިއެވެ. އަދި ރާއްޖެއިން ޗައިނާއާއި ރާއްޖެއާއި ދެމެދު އޮތް ގުޅުމަކީ ވަރަށް މުހިންމު ގުޅުމެއް ކަމުގައި ދެކިވަޑައިގަންނަވާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އެ ގުޅުން ބިނާވެފައިވަނީ އިޙުތިރާމާއި އިސްތިގުލާލައި ސުލްހަމަސަލަސްކަމުގެ މައްޗަށާއި ވަން ޗައިނާ ސިޔާސަތުގައި ރާއްޖެ ދެމިއޮތުމުގެ ޔަގީންކަމުގެ މައްޗަށް ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވަނީ އެމަނިކުފާނު ޗައިނާއަށް މިދިޔަ އަހަރު ކުރެއްވި ފުރަމާނަ ދަތުރުފުޅަށްފަހު ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިވެގެން ދިޔަކަން ފާހަގަކުރައްވައި މިއީ ހަމައެކަނި ލިއެކިއުމުގެ އޮތް ބަދަލެއް ނޫން ކަމަށް ވިދާޅުވެފައެވެ. އެމަނިކުފާނު ވިދާޅުވީ މި ގުޅުން ދިވެހި ރައްޔިތުންގެ ދިރިއުޅުމުން ސިދާ ފެނިގެންދާ ކަމަށެވެ. އަދި ޗައިނާއާއެކު ސޮއިކޮށްފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ ތެރެއިން އިތުރު ފުރުސަތުތައްވެސް ފަހިވަމުންދާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ރައީސް ވިދާޅުވީ ޗައިނާއާއި ދިވެހިރާއްޖޭގެ ގުޅުން، ސިނަމާލެ ބްރިޖުން ދައްކުވައިދޭއިރު، ތަރައްގީވެފައިވާ ގައުމަކަށްވުމަށް ރާއްޖެއިން ކުރާ މިދަތުރުގައި ޗައިނާއަކީ މުހިންމު ބައިވެރިއެއް ކަމަށެވެ.

