ބްރިޖް ބެލެހެއްޓުމުގައި ދިވެހި އިންޖިނިއަރުންނަށް ޗައިނާގެ ހިލޭ އެހީގެ ދަށުން މަސައްކަތް ކުރަމުންދާނެ ކަމުގެ ޔަޤީންކަން ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ކޮންގް ޝިންހުއާ ދެއްވައިފިއެވެ.
ޗައިނާގެ 77 ވަނަ ގައުމީ ދުވަސް ފާހަގަކުރުމަށް ބޭއްވި ހަފުލާގައި ސަފީރު ވަނީ މީގެ ދުވަސްކޮޅެއް ކުރިން ސިނަމާލެ ބުރިޖުގައި އުޅަނދެއް ޖެހުމުން ޗައިނާގެ މެއިންޓެނަންސް ޓީމުން އެ ހާދިސާ ހިނގިތާ ކުޑަވަގުތުކޮޅެއްގެ ތެރޭޭގައި އިންސްޕެކްޝަނެއް ކުރިއަށް ގެންދިޔަކަން ފާހަގަކުރައްވާފައެވެ.
ސިނަމާލެ ބްރިޖުގައި އުޅަނދެއް ޖެހި ހިނގި ހާދިސާއަށްފަހު، ޗައިނާގެ އިންޖިނިއަރުން ކުރި ދިރާސާތަކުން ބްރިޖުގެ ރައްކާތެރިކަން ކަށަވަރުކުރެވިފައިވާ ކަމަށާއި، ބްރިޖް ބެލެހެއްޓުމުގައި ދިވެހި އިންޖިނިއަރުންނާއެކު ޗައިނާގެ ހިލޭ އެހީގެ ދަށުން މަސައްކަތް ކުރަމުންދާނެ ކަމުގެ ޔަޤީންކަން ސަފީރު ވަނީ ދެއްވާފައެވެ.
މި މައްސަލައަކީ މިއީ ބުރާސްފަތި ދުވަހުގެ ރޭ ގާތްގަނޑަކަށް 10:00 ހާއިރު މާލެ ސަރަހައްދަށް ކުރި ވިއްސާރައިގައި ޖެހުނު ގަދަ ކޮޅިގަނޑާއެކު، އެ ދެ އުޅަނދު އެކުގައި އަޅާފައި އޮތް ނަގިލި ކަނޑައިގެން ދިއުމުންނެވެ.
ނަގިލި ކަނޑައިގެން ގޮސް ކޮންޓްރޯލެއް ނެތި އޮޔާދިޔަ މި ދެ ބޯޓު އެންމެ ފުރަތަމަ އުރުނީ ކާނިވާ ސަރަހައްދުގެ ބޭރު ފަރަށެވެ. އެ ސަރަހައްދުގެ ފަރަށް ބޮޑެތި ގެއްލުންތަކެއް ލިބުމަށްފަހު، ދެ ބޯޓު ވަނީ ސިނަމާލެ ބްރިޖުގެ ދަށުން އޮޔާ ގޮސްފައެވެ. އެ ވަގުތު ބޯޓުގެ ދަގަނޑު އެންޓެނާއަކާއި ނެވިގޭޝަން ލައިޓް ބްރިޖުގެ ސުޕަރ ސްޓްރަކްޗާގައި ޖެހި، ކޫރުން އެޅިފައި ވެއެވެ. ބްރިޖު ދަށުން ދަތުރުކޮށް އެ އުޅަނދުތައް ނުކުތީ މާލޭގެ ދެކުނު ފަރާތު ކަނޑަށެވެ.
ސިނަމާލެ ބްރިޖު ބެލެހެއްޓުމާއި މަރާމާތުކުރުމުގެ ދާއިރާއިން ޓެކްނިކަލް ތަމްރީނު ހޯދުމަށް އިމާރާތްކުރުމާއި ބިނާރާ ބެހޭ ވުޒާރާގެ ފަސް މީހުންގެ ޓީމެއް ޗައިނާއަށް މިހާރު ވެސް ދަނީ ޒިޔާރަތްކުރަމުންނެވެ.
އެ ތަމްރީނު ޕްރޮގްރާމަކީ މި މަހުގެ 15 އިން 26 ގެ ނިޔަލަށް ޗައިނާގައި ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ 10 ދުވަހުގެ ޕްރޮގްރާމެކެވެ. މި ދަތުރަށް ފުރުމުގެ ކުރިން، ތަމްރީނުގައި ބައިވެރިވާ ޓީމާ ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ވަނީ ބައްދަލުކުރައްވާފައެވެ.

