194 ޝަރުޢީ ކޯޓު ރާއްޖެގައި ހިންގަމުންދާ ކަމަށާއި، އެ ކޯޓުތަކުގެ ދާޚިލީ އިޖުރާޢާތްތައް އެއްގޮތް ކުރުމުގެ މަސައްކަތަކީ ކޯޓުތަކުގެ އިސްނެގުމުގައި ކުރެވުނު މުހިންމު މަސައްކަތެއް ކަމަށް އުއްތަމަ ފަނޑިޔާރު ޢަބްދުލްޣަނީ މުޙައްމަދު ވިދާޅުވެއްޖެއެވެ.
ސުޕްރީމް ކޯޓުގެ އަހަރީ ދުވަސް ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އުއްތަމަ ފަނޑިޔާރު ޢަބްދުލްޣަނީ މުޙައްމަދު ވަނީ އެ ކޯޓުގެ މަސައްކަތްތައް މިހާރު ބައްޓަން ކުރަމުންދާގޮތަށް އަލިއަޅުއްވާލައްވާފައެވެ. އުއްތަމަ ފަނޑިޔާރު ވިދާޅުވީ، އެ ކޯޓުގެ މަސައްކަތް ވަޒަންކުރަންޖެހެނީ އަދުލު އިންސާފު ޤާއިމްކުރުމުގެ އެންމެ މަތީ މަސްލަހަތު ޤާނޫނުން ހަވާލުކުރެވިފައިވާ ފަރާތުގެ ހައިސިއްޔަތުން ތިން ބާރުގެ ތެރެއިން އެއް ބާރުގެ އާރުކާޓީގެ ގޮތުގައި ކަމަށެވެ. އަދި މިވޭތުވެ ދިޔަ އަހަރު ކޯޓުން މަސައްކަތްކޮށްފައިވާނީ އެ ވިސްނުމުގައި ކަމަށް ވިދާޅުވިއެވެ.
އުއްތަމަ ފަނޑިޔާރު ވަނީ ކޯޓުން ކޮށްފައިވާ މުހިންމު ބައެއް މަސައްކަތްތައް އަލިއަޅުއްވާލައްވާފައެވެ. ސުޕްރީމް ކޯޓު ހިމެނޭހެން 194 ޝަރުޢީ ކޯޓު ރާއްޖެގައި ހިންގަމުންދާ ކަމަށާއި، އެ ކޯޓުތަކުގެ ދާޚިލީ އިޖުރާޢާތްތައް އެއްގޮތް ކުރުމުގެ މަސައްކަތަކީ ކޯޓުތަކުގެ އިސްނެގުމަށް ކުރެވުނު މުހިންމު މަސައްކަތެއް ކަމަށް އުއްތަމަ ފަނޑިޔާރު ވިދާޅުވިއެވެ. އަދި އެ ޤަވާއިދު އެކުލަވާލުމުގައި ސުޕްރީމް ކޯޓުން އަދާކޮށްފައިވާ ދައުރުން ސާބިތުކޮށްދެނީ ކޯޓުތަކުގެ ކަންބޮޑުވުން އަޑު އެހުމުގައި ސުޕްރީމް ކޯޓު އަދާކުރާ ދައުރުކަމަށް އުއްތަމަ ފަނޑިޔާރު ވިދާޅުވިއެވެ.
އުއްތަމަ ފަނޑިޔާރުގެ ވާހަކައިގައި، ފާއިތުވި އަހަރު ތެރޭގައި ޝަރުޢީ ދާއިރާގެ މާލީ މިނިވަންކަން ލިބުމާއެކު ގިނަ ކަންކަން ކުރުމަށް ރޭވިގެން ދިޔަ ކަމަށް ވިދާޅުވިއެވެ. އަދި ވޭތުވެ ދިޔަ އަހަރުގެ ތެރޭގައި އެމަގަށް ކާމިޔާބު މަސައްކަތްތަކެއް ކުރެވިފައިވާކަމަށް ވިދާޅުވިއެވެ. ކޯޓުތަކަށް އިދާރީ ގޮތުންނާއި ނިޒާމީ ގޮތުން ދިމާވާ މައްސަލަތައް ހައްލުކުރުމަށް ޖޭއެސްސީ އާއި ޑީޖޭއޭ ހިމެނޭހެން އިދާރާތަކާއި ގުޅިގެން މަސައްކަތް ކުރަމުން އަންނަކަމަށް ވެސް އުއްތަމަ ފަނޑިޔާރު ވިދާޅުވިއެވެ.
ސުޕްރީމް ކޯޓުގެ އައު އިދާރީ އޮނިގަނޑު ފާސްކޮށްފައިވާކަން ފާހަގަކުރައްވަމުން އުއްތަމަ ފަނޑިޔާރު ވަނީ ކޯޓަށް ބޭނުންވާ ފަންނީ މުވައްޒަފުން ނެގުމުގެ މަސައްކަތް މިހާރު ކުރިއަށްދާކަމަށް ވިދާޅުވެފައެވެ. އެ މަސައްކަތް ކުރިއަށްދާއިރު ކޯޓުގައި މިހާރު މަސައްކަތް ކުރައްވާ ޤާބިލް މުވައްޒަފުންނަށް އިތުރު ފުރުސުތުތައް ލިބޭނެ ކަމަށް އުއްމީދުކުރައްވާކަމަށް ވިދާޅުވިއެވެ.

