ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ލިޔުއްވުން ވެސް، ވިދާޅުވުން ވެސް ވަރަށް ފުރިހަމައެވެ.

ޝެއާރކޮށްލާ ކަހަލަދޯ؟

އެ ތަފާތު އަޑުގެ މަތިން ހަނދާންނެތޭނެތޯއެވެ. އެ އަޑުގައި ހުރި މޫސީޤީ އަސަރު ހިތުން ފޮހެވޭނެތޯއެވެ. އެ އަޑުން ވިދާޅުވި މަޢުނަވީ ލަފުޒުތަކާއި، އޮމާން ސާފު ޖުމްލަތަކަށް، ނަޒަރު ނުހުއްޓޭ ވަރެއްތޯއެވެ. ޤަދަރު ނުކުރެވޭ ވަރެއްތޯއެވެ. އަސަރު ނުކުރާވަރެއްތޯއެވެ. ފިކުރު ނުކުރެވޭ ވަރެއްތޯއެވެ. 

އަޅުގަނޑު މި ދަންނަވަނީ، އަޑު ރީތި އަންހެން ކުއްޖެއްގެ ވާހަކައެއް ނޫން އިނގޭތޯއެވެ. ލަވަކިޔުންތެރިއެއްގެ ވާހަކައެއް ވެސް ނޫން އިގޭތޯއެވެ. އަދި ކީއްތަ، އަޅުގަނޑު މި ދަންނަވަނީ، އެ އަޑުގެ ޒަރީޢާއިން ތިޔަ އެންމެ ބޭފުޅުންނަށް ވެސް ހިތްހަމަޖެހުން ލިބިދޭ، އެ އަޑުގެ މަތިން ހަނދާން ނުނެތޭނެ ފަދަ ހިތްގައިމު އަޑުގެ ވެރިޔާ ހ.ހާޖަރާގޭ އަލްމަރުޙޫމް މުޙައްމަދު ތައުފީޤުގެ ހިތްގައިމު އަޑުގެ ވާހަކައެވެ. އެނާގެ ދެވަނައެއް ނެތް ފަދަ އަޑުން ގެނެސްދެއްވާފައިވާ ”ކީރިތި ރަސޫލާގެ ސިޔަރަތު“ ގެ ވާހަކަ އިނގޭތޯއެވެ.

އާދެ! ”އައްސީރަތުއް ނަބަވިއްޔާ“ ނުވަތަ ކީރިތި ރަސޫލާގެ ސިޔަރަތަކީ، ދިވެހި އަދަބުގައި ދެވަނައެއްނެތްފަދަ އަދީބު ފަޟީލަތުއްޝައިޚު ޙުސައިން ޞަލާޙުއްދީން ލިޔުއްވާފައިވާ އަގުހުރި ފޮތެކެވެ. އެ މަނިކުފާނު މި ފޮތް ލިޔުއްވަން ފެއްޓެވީ ހިޖުރީ ސަނަތުން ތޭރަ ސަތޭކަ ސަތާޅީސް(1347) ވަނަ އަހަރުގެ ޛުލްޤައިދާމަހުގެ އޮނަވިހި(19) ވަނަ ދުވަހުގައެވެ. މީލާދީ ސަނަތުން އެއީ، އޮނަވިހި ސަތޭކަީ އޮނަތިރީސް(29) ވަނަ އަހަރުގެ އޭޕްރީލްމަހުގެ ސާދަ (14) ވަނަ ދުވަހެވެ. ފޮތް އެއްކޮށް ލިޔުއްވައި ނިންމަވައިލެއްވީ، ތޭރަ ސަތޭކަ ސައުރަވަންނަ (1354) ވަނަ އަހަރުގެ ޞަފަރުމަހުގެ ދެއެއް(2) ވީ ހޯމަވިލޭރޭގައެވެ. އެއީ މީލާދީ ގޮތުން، އޮނަވިހި ސަތޭކަ ފަންސަތިރީސް (1935) ވަނަ އަހަރުގެ މެއިމަހުގެ ހަވަނަ ދުވަހެވެ. 

މި އަގުހުރި ފޮތުގެ ފަސްވަނަ ބާބުގެ 218 ވަނަ ސަފުޙާއިން ފެށިގެން، އެ ބާބު ނިމެންދެން ލިޔުއްވީ، ހިމިތީ އިސްމާއީލް ކަލޭފާނުގެ ފުތް މުޙައްމަދު ކަލޭފާނުކަމަށްވެއެވެ. ނަމަވެސް، ހަ ބާބެއްގެ މައްޗަށް އެކުލެވިފައިވާ މި ފޮތުގެ ބާކީ ހުރި ހުރިހައި ބައެއްވެސް ލިޔުއްވެވީ ޚުދު ޙުސައިން ޞަލާޙުއްދީނުގެ އަތްޕުޅުންކަން ފާހަގަކޮށްލަމެވެ.

މި ފޮތާއިމެދު އަޅުގަނޑު އެއްޗެކޭ މި ދަންނަވަނީ، ވަރަށް ވެސް ޖެހިލުންވެހުރެއެވެ. ސަބަބަކީ، ސިއްރަކީ އެ ފޮތުގައިވާ ފުރިހަމަކަމާ ހުރެއެވެ. އެއްވެސް ޝައްކެއް ނެތް ގޮތުގައި އެ ފޮތަކީ، ދިވެހިންނަށް ލިބިފައިވާ ރަންމުތެކެވެ. އެކި ދާއިރާތަކުން ނުވަތަ އެކި ރޮނގުރޮނގުން، އިންސާނާއަށް އެތަކެއް ފައިދާތަކެއް ލިބިދޭ ފޮތެކެކެވެ. ދީނީ ގޮތުން ބެލިޔަސް ނުވަތަ ދުނިޔަވީ ގޮތުން އެތައް ޢިލްމެއް ލިބޭނެ ފަދަ ފޮތެކެވެ. 

އެހެން ފަދައަކުން ދަންނަވާނަމަ ދިވެހި ލިޔުންތެރިކަމުގެ ލާމަސީލު މިސާލެކެވެ. ނާދަލު (ނާދިރު) މިސާލެކެވެ. އަދަބީ ޚަޒާނާއެކެވެ. އަދަބީ ތަރިކައެކެވެ. މަޢުލޫމާތުގެ ޞަފުޙާތަކެކެވެ.  މައުފޮޅުވާ ޢިބާރާތްތަކެކެވެ. ފޭރާންހެޔޮ މިސާލުޖެހުން ތަކެކެވެ. މުއްސަނދި ބަސްކޮށާރެކެވެ. އަދި ކީއެއްތަ  މަންފާހުރި ރައުސްމާލެއް ވެސް މެއެވެ. 

މިހާ ހިސާބުން ސިޔަރަތުގެ ސަފުހާއެއް ބައްލަވާލަމާ ހިންގަވާށެވެ.

މާކަގިނައިރުތަކެއް ނުވަނީސް އިތުރު ރަސޫލުއްﷲ ގެފާނުން ވަޑައިގެން ރުކުނުލްޔަމާނީއާއި ޙަޖަރުލްއަސްވަދާއި ދެމެދުގައި ނަމާދުފުޅުކުރައްވާން ފައްޓަވައިފިއެވެ. ސަޖިދަޔަށް ހަމަ ވަޑައިގަތުމުން، އަބޫޖަހުލު އެއްކަލަ ހިލަހިފައިގެން ފުންމައިގެން ތެދުވެގެން އިތުރު އެކަލޭގެފާނާއި ދިމާޔަށް ހިގައިގެންފިއެވެ. ޤުރައިޝުވަންހައިގެމީހުން، މިއަދަކީ ބޮޑުދުވަހެއްތާއޭ، ޢަބްދުމަނާފުވަންހައިގެ ސިންގާތައް އަންނައިރު ވަރެއްހުންނާނެއޭ. ކިޔަކިޔައިތިއްބައި، އެކަލޭގެފާނާއި ދާދިކައިރިޔަށްގޮސްފައި ކުއްލިޔަކަށް އެބުރިގެން ތުރުތުރުއަޅަމުން ޒާތަކަށްތެޅެމުން ދުވަމުންއަތުވެއްޖެއެވެ. ދެއަތުން ހިފައިފާ އޮތް ހިލަވެސް އަތުން ނައްޓައިލެވުނީ އެހެންމީހުންގެ ބާރާއިލައިގެންނެވެ. މޫނުގެކުލަހުރީ ތަޣައްޔަރުވެ ރީދޫވެފައެވެ. ދެން ޤުރައިޝުވަންހައިގެ ބޮޑުން އެފުށްމިފުށުން އައިސް މަލާމަތްކޮށް އުޅެގަތީމާ އިރުކޮޅަކު އިނދެ ބަލިފިލުވައިގެން ބުނެފިޔޭ. އަހަރެންދިޔައީ، ރޭގައި އެ ވާހަކަދެއްކިގޮތަށް އެކަންތައް ކުރާން ޤަސްދުކޮށްގެންނެވެ. ތިޔަބައިމީހުންނަށްވެސް މަށަށް އެފެނުނުކަންތައް ފެނުނުނަމަކަ ތިޔަ އެއްޗެއްސެއް ނުކިޔާނޫއެވެ. އެކަލޭގެފާނުންގެ އަރިހުގައި އެވަނީ ދުވަހަކު އަހަރެން ނުދެކޭ ޒާތަކުގެ ބޮޑު ފިރިހެން ޖަމަލެކެވެ. އަގަ ހުޅުވައިގަތީމާ މަ އޮތީ އަގައިގެތެރޭގައެވެ. އެ އަގަލައްޕައިލިނަމަކަ މަށަކު ތިޔަބައިމީހުންދެކޭކަށެއް ދެނެއް ނެތީހެވެ. އެމީހުން ބުނެފޫއޭ ތިޔަހަރީވެސް އެކަލޭގެފާނުންގެ ސިހުރުވެރިކަމުގެ ކަންތަކެވެ. އަބޫޖަހުލު ބުންޏޭ، ސިހުރަކަސް ކޮންމެއެއްޗަކަސް އެހެރީޔަކީ އާދަމުގެދަރީންނަކާ ކުޅަދާނަޒާތުގެ ކަންތަކެއްވާނޫނެވެ.“

ވަރަށް ވެސް ފުރިހަމަ ދޮގެއްތޯއެވެ. އަދި ކީއްތޯއެވެ. ސިޔަރަތު ވިދާޅުވި ހާޖަރާގޭ މުޙައްމަދު ތައުފީޤުގެ އަޑު އެހާވެސް ފުރިހަމައެވެ. އޭނާގެ މަޚުރަޖާއ، ލަހުޖާގައިހުރި ފުރިހަމަކަމާއެވެ. ލަފުޒުތައް އަޑު އިއްވަމުން، އެ ލަފުޒުތައް ގަތައިލައްވަމުން ސިޔަރަތު ކުރިއަށް ގެންދަވާފައިވާ ގޮތުގެ ފާޑުވެރިކަމާއެވެ. 

 އެއްވެސް ޝައްކެއްނެތެވެ. ފަޟީލަތުއްޝައިޚު ޙުސެއިން ޞަލާޙުއްދީނު ލިޔުއްވާފައިވާ، ހެންވޭރު ހާޖަރާގޭ މުޙައްމަދު ތައުފީޤު ވިދާޅުވެފައިވާ މި ސިޔަރަތު އިވުނީމާ އަޖައިބުނުވެ ހުރެވޭވަރެއްނޫނެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: