ދިވެހި ފުލުހުންގެ ހިދުމަތުން މާލޭގައި ފުޅާދާއިރާއެއްގައި ގަވާއިދާ ހިލާފަށް ބަނގުރާ ފޯރުކޮށްދެމުންދިޔަ ނެޓްވޯކަކަށް އަމާޒުކޮށް ހިންގި ހާއްސަ އޮޕަރޭޝަނެއްގައި، ހެންވޭރުގައި ހުންނަ ގެއެއް ބަލައިފާސްކޮށް ގިނަ އަދަދެއްގެ ބަނގުރާ އަތުލައިގަނެ ތިން މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުގެ ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސާއި ޑްރަގް އެންފޯސްމަންޓް ގުޅިގެން ރެއިން ފެށިގެން ކުރިއަށް ގެންދިޔަ މި އޮޕަރޭޝަންގައި ބަލައިފާސްކޮށްފައިވަނީ ހ. މާދޫ ގޭގެ އެއްވަނަ ފަންގިފިލާއާއި ފަސްވަނަ ފަންގިފިލާއެވެ.
އެ އޮޕަރޭޝަންގެ ތެރެއިން ތިން މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާކަމަށް ފުލުހުން ވަނީ މައުލޫމާތުދީފައެވެ. އަދި އެ ގެއިން ގިނަ އަދަދެއްގެ ބަނގުރާ ފެނިފައިވެއެވެ.
އެ އޮޕަރޭޝަނާ ގުޅޭގޮތުން ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުގެ ހެޑް، ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަޙްމަދު މުސްލިމް ވިދާޅުވީ، އެއީ ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސާއި ޑްރަގް އެންފޯސްމަންޓް ގުޅިގެން ހިންގި އޮޕަރޭޝަނެއް ކަމަށާއި، އެ އޮޕަރޭޝަންގައި މާލެތެރޭގައި ފުޅާ ދާއިރާއެއްގައި ބަނގުރާ ފޯރުކޮށްދެމުންދާ ފަރާތްތަކެއް ދެނެގަނެވިފައިވާ ކަމަށެވެ.
އެ މައްސަލަ ދިވެހި ފުލުހުންގެ ޚިދުމަތުން ދަނީ އިތުރަށް ތަހުގީގުކުރަމުންނެވެ.

