ކައުންސިލުތަކުގެ ބިންތައް ސަރުކާރުގެ ބާރުގެ ދަށަށް ގެންދެވޭ ގޮތަށް ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހުގެ ބޭނުން ފުރަތަމަ ފަހަރަށް ހިފައި، މާލޭ ސިޓީ ކައުންސިލުގެ 14 ބިމެއް ސަރުކާރުގެ ބާރުގެ ދަށަށް ގެންގޮސްފިއެވެ.
ހައުސިން މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނެފައިވަނީ މާލެއާއި ވިލިމާލޭގެ އާބާދީއަށް ބޭނުންވާ ތަރައްގީގެ މަސައްކަތްކުރުމަށާއި އިންފްރާސްޓްރަކްޗާގެ ހިދުމަތް ދިނުމަށްޓަކައި ކައުންސިލުގެ ދަށުން ބައެއް ބިންތައް ވަކިކޮށް ދައުލަތުގެ ބެލުމުގެ ދަށަށް ނަގަން ނިންމާފައިވާ ކަމަށެވެ.
ސަރުކާރުން ނެގި ސިޓީ ކައުންސިލުގެ ބިންތައް:
- ސަލްޓަން ޕާކާއި ގައުމީ ދާރުލްއާސާރު
- މަސް މާރުކޭޓު
- މަސް މާރުކޭޓުގެ ހިއްކައިފައި އޮތް ސަރަހައްދު
- ލޯކަލް މާރުކޭޓު
- މާލޭ ސިޓީ ކައުންސިލުގެ މަސައްކަތްތެރިންގެ އެކޮމޮޑޭޝަން ބިލްޑިން ހުންނަ ބިން
- ވިޔަފާރިވެރިންގެ ޖަމިއްޔާގެ އޮފީސް ހިންގާ އިމާރާތް
- ކާނިވާ ސަރަހައްދު
- އާޓިފިޝަލް ބީޗު
- މަސްވެރިންގެ މައިޒާން
- ތައިސޭ ކޮށި
- ކުލީ ފާޚާނާ ނަންބަރު 2
- ގަސްގަހާގެހި ރައްކާކުރަން ކައުންސިލުން ބޭނުންކުރާ ބިން
- ބޮނޑިބަތް ޕާކު
- ރަސްފަންނު
އެކަމާ ގުޅޭ އެއްވެސް ޝަކުވާއެއް ނުވަތަ ހިޔާލެއް އޮތް ނަމަ ފެށިގެން 14 ދުވަހުގެ ތެރޭގައި ހައުސިން މިނިސްޓްރީއަށް ހުށަހަޅަން ވެސް މިނިސްޓްރީން ވަނީ އެދިފައެވެ.
ތަރައްގީގެ މަޝްރޫއުތަކަށް ކައުންސިލްތަކުގެ އިހްތިސާސްގައިވާ ބިންތައް ކެބިނެޓުގެ ނިންމުމަކުން ސަރުކާރަށް ނެގޭ ގޮތަށް ލާމަރުކަޒީ ގާނޫނަށް އިސްލާހު ގެނައީ މިދިޔަ މަހުއެވެ.
އޭގެ އިތުރުން، ސަރުކާރުން ހިންގާ މަޝްރޫއުތަކާ އެއްވެސް ކައުންސިލަރަކު ދެކޮޅު ހެދުމަކީ މަނާ ކަމަކަށް ހަދާފައިވާއިރު، ސަރުކާރުން ކުރިއަށް ގެންދަން ނިންމާ މަޝްރޫއުތަކަށް ފުރިހަމަ އެއްބާރުލުން ދިނުމަކީ ކައުންސިލަރުންގެ މަސައްކަތުގެ ސުލޫކުގެ ތެރޭގައި ހިމެނޭ ކަމަކަށް ހަދަން ވެސް ގާނޫނު އިސްލާހުކޮށްފައިވެއެވެ.
ކައުންސިލުގެ ބިންތައް އަތުލެވޭ އިސްލާހަށް ފުރަތަމަ ފަހަރަށް އަމަލުކޮށްފައިވާއިރު، އަތޮޅު ކައުންސިލުތަކުގެ ބަދަލުގައި ސަރުކާރުގެ ހިދުމާތު މަރުކަޒުގެ ނަމުގައި ރައީސް ވަނީ ކޮންމެ އަތޮޅެއްގައި ސަރުކާރުގެ ހާއްސަ އޮފީސްތަކެއް ވެސް މިދިޔަ ހަފްތާގެ ތެރޭގައި އުފައްދަވައިފައެވެ.

