ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފުލުހުންގެ ކޮމިޝަންޑް ރޭންކުތަކަށް ދާ އޮފިސަރުންގެ ކިބައިން ގާބިލު ލީޑަރޝިޕާއި ތަފާތު ފެންނަންޖެހޭ: ސީޕީ

ސީޕީ އަހުމަދު މުހައްމަދު/ ފޮޓޯ: ފުލުހުން
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހި ފުލުހުންގެ ޚިދުމަތުގެ ކޮމިޝަންޑް އޮފިސަރުންގެ ރޭންކުތަކާ ގުޅޭ ފުލުހުންނަކީ ހަމައެކަނި މަގާމުގެ ކުރިއެރުމެއް ނުވަތަ ރޭންކެއް ހޯދުމުގެ ނިޔަތުގައި ތިބޭ ބަޔަކަށް ނުވެ، މުއައްސަސާއާއި ރައްޔިތުން އެދޭ ފަދަ ގާބިލު ލީޑަރޝިޕެއް އަމަލީ މައިދާނުގައި ދައްކައި، ބޮޑެތި ޒިންމާތައް އުފުލޭނެ ބަޔަކަށް ވާންޖެހޭ ކަމަށް ކޮމިޝަނަރ އޮފް ޕޮލިސް އަހްމަދު މުހައްމަދު ވިދާޅުވެއްޖެއެވެ.

ކޮމިޝަނަރ މިހެން ވިދާޅުވީ، ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓް (އެން.ސީ.ޕީ.އެލް.އީ) އިން ހިންގި 6 ވަނަ އިންސްޕެކްޓަރ ކޯސް ނިންމުމުގެ ގޮތުން މިއަދު އިސްކަންދަރު ބިލްޑިންގގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ.

އެ ރަސްމިއްޔާތުގައި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ފަރުހާދު ފިކުރީއާއި، އެން.ސީ.ޕީ.އެލް.އީގެ އެގްޒެކެޓިވް ޑިރެކްޓަރ އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އަހްމަދު އަބްދުއްރަޙްމާން އަދި ފުލުހުންގެ ސީނިއަރ އޮފިސަރުންނާއި ދަސްވެނިވި އޮފިސަރުން ބައިވެރިވިއެވެ.

އެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ކޮމިޝަނަރ ވިދާޅުވީ، 9 މޮޑިއުލްގެ މައްޗަށް އެކުލެވޭ އެ ތަމްރީނު ފުރިހަމަކުރި 35 އޮފިސަރުންނަކީ ނަން-ކޮމިޝަންޑް ރޭންކުތަކުން ކޮމިޝަންޑް އޮފިސަރެއްގެ ގިންތިއަށް ބަދަލުވުމުގެ މަރުހަލާ ފުރިހަމަކޮށް، މާދަމާ މުއައްސަސާގެ އިސް ލީޑަރޝިޕްގެ ޒިންމާތަކާ ހަވާލުވުމަށް ތައްޔާރުވެފައިވާ ބައެއް ކަމަށެވެ. އަދި އެ ކޯހަކީ މުއައްސަސާގެ މުސްތަގުބަލުގެ ލީޑަރުން ބިނާކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއްގެ ގޮތުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އެ ކޯހުން އެއްވަނަ ހޯދާފައިވަނީ އަހްމަދު ނަދީމެވެ.

ފުލުހުންގެ ތަމްރީނުތަކަށް މުއައްސަސާއިން ކުރާ ބޮޑެތި އިންވެސްޓްމަންޓްތަކާއި ހޭދައަށް އަލިއަޅުއްވާލައްވަމުން ކޮމިޝަނަރ ވިދާޅުވީ، ރާއްޖެއާއި ރާއްޖެއިން ބޭރުން ލިބޭ މިފަދަ ފުރުސަތުތަކުގެ ބޭނުން ހިފަންވާނީ ހިދުމަތުގައި ދެމިތިބެ ރައްޔިތުންނަށް އިހުލާސްތެރިކަމާއެކު ހިދުމަތްކުރުމުގެ ހެޔޮ ނިޔަތުގައި ކަމަށެވެ. އަދި ފުލުހުންގެ ހިދުމަތަކީ ވަގުތީ ގޮތުން މަޑުކޮށްލާ ބަނދަރަކަށް ނުހަދައި، މުއައްސަސާގެ ކޮލިޓީ ދަމަހައްޓައި ދިގު މުއްދަތަކަށް ހިދުމަތުގައި ދެމިތިބުމަށް ހުރިހާ ފުލުހުންނަށް ކޮމިޝަނަރ އިލްތިމާސްކުރެއްވިއެވެ.

މުވައްޒަފުން ތަމްރީނުކޮށް، އިލްމާއި ހުނަރުގެ ފެންވަރު މަތިކުރުމަކީ މުއައްސަސާއިން ކޮންމެ ދުވަހަކުވެސް ހާއްސަ އިސްކަމެއް ދީގެން ކުރަމުން އަންނަ މަސައްކަތެއްކަން ފާހަގަކުރައްވަމުން، ދިވެހި ފުލުހުންގެ ހިދުމަތް ވެގެންދާނީ އިލްމީ ގޮތުން ގާބިލު، ހުނަރުވެރި، އަދި ރައްޔިތުން އިތުބާރުކުރާ ފަދަ ތަޖުރިބާކާރު ފުލުހުން ތިބި މުއައްސަސާއަކަށް ކަމަށް ކޮމިޝަނަރ އަހްމަދު މުހައްމަދު ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: