މާލޭގެ ބިންތަކަކީ އަމިއްލަ ރިޔާސީ ކެމްޕޭނު ޖަގަހަތަކަކަށް ހެދުމާއި، ދައުލަތުގެ ބަޖެޓާއި ރަސްމީ މަޤާމުގެ ހައިސިއްޔަތު އަމިއްލަ ކެމްޕޭނު ވަސީލަތްތަކަކަށް ހެދުމަކީ ލާމަރުކަޒީ ޤާނޫނު ހުއްދަކުރާ ކަމެއް ނޫން ކަމަށް ވިދާޅުވެ، ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ.
މިކަމާ ގުޅިގެން ފާޅުކުރެއްވި ކަންބޮޑުވުންތަކުގައި ޝުޖާއު ފާހަގަކުރެއްވި ގޮތުގައި، ލާމަރުކަޒީ ނިޒާމުގެ ޗެމްޕިއަން ކަމަށް ދައުވާކުރާ އެމްޑީޕީއަށް، ރަސްމީ މަޤާމުގެ ނުފޫޒާއި ދައުލަތުގެ ވަސީލަތްތައް އަމިއްލަ ސިޔާސީ ބޭނުންތަކަށް ބޭނުންނުކުރެވޭނެކަން ނޭނގުމަކީ ނުހަނު ހިތާމަވެރި ކަމެކެވެ.
މީގެއިތުރުން، ކައުންސިލްތަކުގެ ބާރުތަކާއި ވަސީލަތްތައް ވަކި ފަރުދެއްގެ ނުވަތަ ވަކި ސިޔާސީ ޕާޓީއެއްގެ ރިޔާސީ ކެމްޕޭނަށް ބޭނުންކުރުމަކީ ޤާނޫނުގެ ރޫޙާ މުޅިން ޚިލާފު އަމަލެއް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ހައުސިން މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނެފައިވަނީ މާލެއާއި ވިލިމާލޭގެ އާބާދީއަށް ބޭނުންވާ ތަރައްގީގެ މަސައްކަތްކުރުމަށާއި އިންފްރާސްޓްރަކްޗާގެ ހިދުމަތް ދިނުމަށްޓަކައި ކައުންސިލުގެ ދަށުން ބައެއް ބިންތައް ވަކިކޮށް ދައުލަތުގެ ބެލުމުގެ ދަށަށް ނަގަން ނިންމާފައިވާ ކަމަށެވެ.
ސަރުކާރުން ނެގި ސިޓީ ކައުންސިލުގެ ބިންތައް:
- ސަލްޓަން ޕާކާއި ގައުމީ ދާރުލްއާސާރު
- މަސް މާރުކޭޓު
- މަސް މާރުކޭޓުގެ ހިއްކައިފައި އޮތް ސަރަހައްދު
- ލޯކަލް މާރުކޭޓު
- މާލޭ ސިޓީ ކައުންސިލުގެ މަސައްކަތްތެރިންގެ އެކޮމޮޑޭޝަން ބިލްޑިން ހުންނަ ބިން
- ވިޔަފާރިވެރިންގެ ޖަމިއްޔާގެ އޮފީސް ހިންގާ އިމާރާތް
- ކާނިވާ ސަރަހައްދު
- އާޓިފިޝަލް ބީޗު
- މަސްވެރިންގެ މައިޒާން
- ތައިސޭ ކޮށި
- ކުލީ ފާޚާނާ ނަންބަރު 2
- ގަސްގަހާގެހި ރައްކާކުރަން ކައުންސިލުން ބޭނުންކުރާ ބިން
- ބޮނޑިބަތް ޕާކު
- ރަސްފަންނު
އެކަމާ ގުޅޭ އެއްވެސް ޝަކުވާއެއް ނުވަތަ ހިޔާލެއް އޮތް ނަމަ ފެށިގެން 14 ދުވަހުގެ ތެރޭގައި ހައުސިން މިނިސްޓްރީއަށް ހުށަހަޅަން ވެސް މިނިސްޓްރީން ވަނީ އެދިފައެވެ.
މާލޭ ސިޓީ ކައުންސިލުން ނިންމާފައި ވަނީ ބިންތައް އަތުލި މައްސަލަ ކޯޓަށް ހުށަހެޅުމަށެވެ. އެގޮތަށް ނިންމީ ހުކުރު ދުވަހުގެ ރޭ ބޭއްވި ސިޓީ ކައުންސިލްގެ ކުއްލި ޖަލްސާގައެވެ.
ތަރައްގީގެ މަޝްރޫއުތަކަށް ކައުންސިލްތަކުގެ އިހްތިސާސްގައިވާ ބިންތައް ކެބިނެޓުގެ ނިންމުމަކުން ސަރުކާރަށް ނެގޭ ގޮތަށް ލާމަރުކަޒީ ގާނޫނަށް އިސްލާހު ގެނައީ މިދިޔަ މަހުއެވެ.
އޭގެ އިތުރުން، ސަރުކާރުން ހިންގާ މަޝްރޫއުތަކާ އެއްވެސް ކައުންސިލަރަކު ދެކޮޅު ހެދުމަކީ މަނާ ކަމަކަށް ހަދާފައިވާއިރު، ސަރުކާރުން ކުރިއަށް ގެންދަން ނިންމާ މަޝްރޫއުތަކަށް ފުރިހަމަ އެއްބާރުލުން ދިނުމަކީ ކައުންސިލަރުންގެ މަސައްކަތުގެ ސުލޫކުގެ ތެރޭގައި ހިމެނޭ ކަމަކަށް ހަދަން ވެސް ގާނޫނު އިސްލާހުކޮށްފައިވެއެވެ.
ކައުންސިލުގެ ބިންތައް އަތުލެވޭ އިސްލާހަށް ފުރަތަމަ ފަހަރަށް އަމަލުކޮށްފައިވާއިރު، އަތޮޅު ކައުންސިލުތަކުގެ ބަދަލުގައި ސަރުކާރުގެ ހިދުމާތު މަރުކަޒުގެ ނަމުގައި ރައީސް ވަނީ ކޮންމެ އަތޮޅެއްގައި ސަރުކާރުގެ ހާއްސަ އޮފީސްތަކެއް ވެސް މިދިޔަ ހަފްތާގެ ތެރޭގައި އުފައްދަވައިފައެވެ.

