ލާމަރުކަޒީ ގާނޫނަށް ބަދަލު ގެނެސް، ކައުންސިލްތަކުގެ އިހްތިސާސްގައި ހިމެނޭ ބިންތައް ސަރުކާރަށް ނެގޭ ގޮތް ހެދުމަކީ ލާމަރުކަޒީ ނިޒާމަށް އަރައިގަތުން ކަމަށް ވިދާޅުވެ، އެމްޑީޕީގެ އަންހެނުންގެ ރޫހުގެ ރައީސާ އަދި ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ ކުރީގެ މެންބަރު ރޮޒައިނާ އާދަމް ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ.
ސަންގު ޓީވީގެ ”ޚަބަރަށްފަހު“ ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ރޮޒައިނާ ވިދާޅުވީ، ރައްޔިތުންނާ އެއްވެސް މަޝްވަރާއެއް ކުރުމެއް ނެތި ކައުންސިލްތަކުގެ ބިންތައް އަތުލުމަކީ ބަލައިގަނެވޭނެ އުސޫލެއް ނޫން ކަމަށެވެ. އަދި މިގޮތަށް ބިންތައް ނެގުމުގެ ފަހަތުގައި ސިޔާސީ މަގުސަދުތަކެއް ހުރިކަން ފާހަގަކުރައްވައި އޭނާ ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.
ވަޒީރުންގެ މަޖިލީހަށް ފެންނަ ހިނދެއްގައި ކައުންސިލްތަކުގެ ބިންތައް ނެގޭ ގޮތަށް ގާނޫނު ބަދަލުކުރުމަށްފަހު، މާލެ ސިޓީގެ 14 ބިމެއް ސަރުކާރަށް ނަގާފައިވާ މައްސަލައަށް ރޮޒައިނާ އަލިއަޅުއްވާލެއްވިއެވެ.
”ކައުންސިލްތަކުގެ ބިންތައް ރައްޔިތުންނާ މަޝްވަރާ ނުކޮށް ނެގުމަކީ ރަނގަޅު އުސޫލެއް ނޫން. އަދި ސިޔާސީ މަސައްކަތްތަކާ ގުޅުވައިގެން ބިންތައް ނަގަން އުޅުމަކީ ބޮޑު މައްސަލެއް،“ ރޮޒައިނާ ވިދާޅުވިއެވެ.
ރޮޒައިނާ އިތުރަށް ވިދާޅުވީ، ސަރުކާރާއި ކައުންސިލްތަކާ ދެމެދު ރަނގަޅު ގުޅުމެއް އޮންނަ ނަމަ ސަރުކާރަށް މުހިންމު ބޭނުމަކަށް ބިން ބޭނުންވެއްޖެ ހިނދެއްގައި ކައުންސިލްތަކުން އެއްބާރުލުން ދީ ބިން ދޭނެ ކަމަށާއި، ބާރުގެ ބޭނުންކޮށްގެން ބިންތައް ފޭރިގަންނަން ނުޖެހޭނެ ކަމަށެވެ.
އެމްޑީޕީގެ ވެރިކަމުގައި ކައުންސިލްތައް ނިސްބަތްވާ ސިޔާސީ ޕާޓީއަކަށް ބެލުމެއް ނެތި ހިދުމަތްތައް ފޯރުކޮށްދީ، މިނިސްޓަރުންނާއި ކައުންސިލަރުންނާ ދެމެދު ބައްދަލުވުންތައް ބޭއްވޭނެ މަގު ތަނަވަސްކޮށްދިން ނަމަވެސް، މިހާރު ސަރުކާރާއި ކައުންސިލްތަކާ ދެމެދު އޮތް ގުޅުން ގޯސްވެ ބޮޑެތި ނުތަނަވަސްކަން އުފެދިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
ދިވެހިރާއްޖޭގައި ލާމަރުކަޒީ ނިޒާމު ގާއިމުކުރެވުނީ 2010 ވަނަ އަހަރު ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި އެ ގާނޫނު ތަސްދީގުކުރެއްވުމާ ގުޅިގެންނެވެ. އެ ގާނޫނުގެ މައިގަނޑު އަސާސަކީ ރައްޔިތުންނާ ގާތުން ހިދުމަތް ދިނުމާއި ރައްޔިތުންގެ ބައިވެރިވުމާއެކު ކަންކަން ނިންމުމުގެ ބާރު ކައުންސިލްތަކަށް ދިނުމެވެ.
ނަމަވެސް މިހާރުގެ ސަރުކާރުން ގާނޫނަށް މި ގެނައި ބަދަލަކީ ކައުންސިލްތަކުގެ ބާރު ކަނޑުވާލުމުގެ ނިޔަތުގައި ގެނައި ބަދަލެއް ކަމަށް އިދިކޮޅު ފަރާތްތަކުން ތުހުމަތުކުރެއެވެ. ހާއްސަކޮށް މާލެ ސިޓީ ކައުންސިލަކީ ސަރުކާރާ ސިޔާސީ ގޮތުން އިދިކޮޅު ފަރާތަކަށް ވުމުން، މާލޭގެ ބިންތައް އަތުލުމުގައި ސިޔާސީ ބޭނުންތަކެއް އެކުލެވިގެންވާ ކަމަށް ރޮޒައިނާ ވަނީ ފާހަގަކުރައްވާފައެވެ.

