ޓެކުހުގެ ގޮތުގައި ދައުލަތަށް ލިބޭ އާމްދަނީން ސަރުކާރުން ކުރަމުންދާ މައިގަނޑު މަސައްކަތަކީ ދަރަނިތައް ޚަލާސްކޮށް، ކުރިން ބަނގުރޫޓުކޮށްލާފައި އޮތް ގައުމު އަލުން އަނބުރާ ކޮޅަށް ޖެހުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.
މަޖިލީހުގެ ރައީސް މިހެން ވިދާޅުވީ، ޓެކްސް ނެގުމުގެ އިދާރީ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލުގެ ބަހުސް މަރުހަލާގެ ތެރެއިންނެވެ.
މި ބަހުސްގައި އިދިކޮޅު މެންބަރުން ވަނީ، ޓެކްސްތައް ބޮޑުކޮށްގެން ދައުލަތަށް ހޯދާ އާމްދަނީން ސަރުކާރުން ކުރަނީ ކޮން ކަމެއްތޯ ސުވާލު އުފައްދަވައި ސަރުކާރުގެ ސިޔާސަތުތަކަށް ފާޑުވިދާޅުވެފައެވެ.
އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތަކަށް ރައްދު ދެއްވަމުން އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ، ދައުލަތަށް ފައިސާ ހޯދައިގެން އެކި ސަރުކާރުތަކުގައި އެކި ރައީސުން ކުރައްވާނީ އެކި ކަންކަން ކަމަށެވެ. މާޒީގައި ބައެއް ވެރިންގެ އަމާޒަކަށް ވެފައި އޮތީ އަމިއްލަ އެދުން އިސްކުރެއްވުން ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
”އެއްބައި ބޭފުޅުން ކުރައްވާ ކަމަކީ އެ ބޭފުޅުންގެ ޖީބު ބޮޑު ކުރައްވައި، އަމިއްލަ ކުންފުނިތައް މުއްސަނދި ކުރެއްވުން. އަނެއްބައި ބޭފުޅުން ކުރައްވާ ކަމަކީ އެ ގޮތަށް އަމަލު ކުރެއްވި ބޭފުޅުން ބަނގުރޫޓު ކޮށްލާފަ އޮތް ގައުމު އަލުން ސަލާމަތްކޮށް، އިގްތިސާދު ނަގާ ކޮޅަށް ޖައްސަވައި، ދަރަނިތައް ދެއްކުން،“ މަޖިލީހުގެ ރައީސް ވިދާޅުވިއެވެ.
މަޖިލީހުގެ ރައީސް އިތުރަށް ވިދާޅުވީ، މި ސަރުކާރުން ޓެކްސް ފައިސާ ބޭނުންކޮށްގެން ގައުމު ސަލާމަތްކުރުމުގެ މަސައްކަތް ކުރާތީ މިއަދު އޭގެ ހެޔޮ ނަތީޖާ ފެންނަމުންދާ ކަމަށެވެ. އަދި ރައްޔިތުންގެ އަތުން ނަގާ ފައިސާ ޚަރަދުކުރަމުން ދަނީ ގައުމުގެ ހަމަޖެހުމާއި، ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
މަޖިލީހުގައި ކުރިއަށްދިޔަ ބަހުސްގައި ވާހަކަދެއްކެވި ސަރުކާރު ހިންގާ ޕާޓީގެ ގިނަ މެންބަރުން ވިދާޅުވީ، ޓެކްސް ނެގުމުގެ އިދާރީ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހުތަކަކީ ގައުމުގެ ތަރައްގީއަށް ކޮންމެހެން ބޭނުންތެރި އިސްލާހުތަކެއް ކަމަށެވެ. މި އިސްލާހުތަކުގެ ސަބަބުން، ހުއްޓުމެއް ނެތި ތަރައްގީގެ މުހިންމު މަޝްރޫއުތައް ކުރިއަށް ގެންދިއުމަށް މަގުފަހިވެގެންދާނެ ކަމަށް މެންބަރުން ފާހަގަކުރެއްވިއެވެ.
މީގެއިތުރުން، ޓެކްސް ނެގުމުގެ އިދާރީ ނިޒާމު މިހާރަށްވުރެ ހަރުދަނާކޮށް ދެފުށް ފެންނަ ގޮތަށް ބައްޓަންކުރުމަކީ، މުޅި ޓެކްސް ނިޒާމަށް ރައްޔިތުންނާއި ވިޔަފާރިވެރިން ކުރާ އިތުބާރު ބޮޑުވެގެންދާނެ ކަމެއް ކަމުގައިވެސް މެންބަރުންގެ ވާހަކައިގައި ފާހަގަކުރެއްވިއެވެ.

