ރައްޔިތުންގެ މަޖިލީހަށް އެކި މައްސަލަތަކާއި ކަންކަމާ ގުޅޭގޮތުން މެންބަރުން ހުށަހަޅުއްވާ ގަރާރުތަކަށް ބަހުސްކުރުމުގެ ކުރިން، އެ ގަރާރެއް ބަލައިގަތުމާމެދު ވޯޓަށް އަހަންޖެހޭ ގޮތަށް ރައްޔިތުންގެ މަޖިލީހުގެ ގަވާއިދަށް ބަދަލުތަކެއް ގެނެސް މިއަދު ފާސްކޮށްފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 191 ވަނަ މާއްދާއަށް މި އިސްލާހު ހުށަހެޅުއްވީ ތުޅާދޫ ދާއިރާގެ އަމިއްލަ މެންބަރު، އަބްދުލްހަންނާނު އަބޫބަކުރެވެ.
މި އިސްލާހު މަޖިލީހުގެ ތަޅުމުން ފާސްކުރީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ ތެރެއިން 56 މެންބަރުންގެ އަޣުލަބިއްޔަތުންނެވެ. މި ބަދަލު ގެނައުމާ ދެކޮޅަށް ވޯޓު ދެއްވީ 11 މެންބަރުންނެވެ.
މަޖިލީހުގެ ގަވާއިދަށް މި އިސްލާހު ގެނައުމަށް އާންމު ކޮމިޓީން ދިރާސާކޮށް އެކުލަވައިލި ރިޕޯޓަށް ތަޅުމުގައި ބަހުސްކުރި މަރުހަލާގައި، އެ އަކުރު އުނިކުރުމަށް ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ) އިސްލާހެއް ހުށަހެޅުއްވިއެވެ. ނަމަވެސް، މަޖިލީހުގެ އަޣުލަބިއްޔަތު އޮންނަ ޕީއެންސީގެ މެންބަރުން ވަނީ އެ އިސްލާހާ ދެކޮޅަށް ވޯޓު ދެއްވައި، ގަވާއިދު ބަދަލުކުރުމަށް ފާސްކޮށްފައެވެ.
މި ބަދަލު ގެނައުމުގެ ކުރިން މަޖިލީހުގެ ގަވާއިދު ހަމަޖެހިފައި އޮތް ގޮތުން، މަޖިލީހަށް ގަރާރެއް ހުށަހަޅައިފިނަމަ އެ ގަރާރެއް ބަލައިގަތުމާމެދު ގޮތެއް ނިންމުމަށް ވޯޓަށް އަހަނީ ފުރަތަމަ އެ ގަރާރަށް މެންބަރުން ފުޅާ ދާއިރާއެއްގައި ބަހުސްކުރެއްވުމަށްފަހުގައެވެ. އެހެންކަމުން، ގަރާރު ބަލައިނުގަތް ނަމަވެސް، އެ ގަރާރުގައި ހިމެނޭ މައްސަލައާ މެދު މަޖިލީހުގެ ތަޅުމުގައި ވާހަކަދެއްކުމުގެ ފުރުސަތު މެންބަރުންނަށް މީގެ ކުރިން ލިބިގެންދެއެވެ.
ނަމަވެސް، އަލަށް ގެނައި އިސްލާހުގެ ދަށުން ދެން އަމަލުކުރާނީ މުޅިން ތަފާތު އުސޫލަކަށެވެ. އެގޮތުން:
- މަޖިލީހަށް ހުށަހަޅާ ގަރާރު ބަލައިގަތުމާމެދު ވޯޓަށް އަހާނީ ގަރާރުގެ އިބްތިދާއީ ބަހުސް ފެށުމުގެ ކުރިންނެވެ.
- ބަހުސް ފެށުމުގެ ކުރިން ނަގާ އެ ވޯޓުން ގަރާރު ބަލައިގަންނަން ފާސްނުވެއްޖެނަމަ، އެ ހިސާބުން އެ ގަރާރު ބާތިލުވާނެއެވެ.
- ބާތިލުވާ ގަރާރުތަކަށް މަޖިލީހުގެ ތަޅުމުގައި ބަހުސްކުރުމުގެ އެއްވެސް ފުރުސަތެއް މެންބަރުންނަކަށް ނޯންނާނެއެވެ.
މަޖިލީހުގެ ގަވާއިދުގައި ކޮންމެ މެންބަރަކަށް ވެސް ގަރާރު ހުށަހެޅުމުގެ ހައްގު ދީފައިވަނީ ގައުމީ އަދި ދާއިރާތަކުގެ ތަފާތު މުހިންމު މައްސަލަތައް މަޖިލީހުގެ ސަމާލުކަމަށާއި ސަރުކާރުގެ އިތުރުން އާންމު ރައްޔިތުންގެ ސަމާލުކަމަށް ގެނައުމުގެ މަގުސަދުގައެވެ. ހާއްސަކޮށް، މައިނޯރިޓީ ޕާޓީތަކާއި އަމިއްލަ މެންބަރުންނަށް ކަންކަމުގައި އަޑުއުފުލުމަށް ލިބޭ މުހިންމު ވަސީލަތަކަށް ގަރާރު ވެގެންދެއެވެ.
މިއަދު ފާސްކުރި ބަދަލާއެކު، މަޖިލީހުގެ މެޖޯރިޓީ އޮންނަ ޕާޓީން ބޭނުންނުވާ މައްސަލަތަކުގައި ތަޅުމުގައި ބަހުސްކުރުމުގެ ފުރުސަތު މުޅިން ބަންދުވެގެންދާނެ ކަމުގެ ކަންބޮޑުވުން ވަނީ އުފެދިފައެވެ. އެހެންކަމުން، ގަރާރުތައް ހުށަހަޅައިގެން މައްސަލަތަކަށް ސަމާލުކަން ހޯދުމަށް އޮތް ފުރުސަތު ހަނިވެ، މަޖިލީހުގެ ތެރޭގައި ހިޔާލުފާޅުކުރުމާއި ބަހުސްކުރުމުގެ ދައުރު ހަނިވެގެންދާނެ ކަމަށް ސިޔާސީ ފަރާތްތަކުން ދެކެއެވެ.

