ދިވެހިރާއްޖޭގެ ބާ ކައުންސިލުން އިންތިޒާމުކޮށްގެން ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އަލަށް 9 ބޭފުޅަކު ގާނޫނީ ވަކީލުކަމުގެ ހުވައިކުރައްވައި، ގާނޫނީ ވަކީލެއްގެ ގޮތުގައި މަސައްކަތްކުރުމުގެ ހުއްދަ ހޯއްދަވައިފިއެވެ.
މިއީ ގާނޫނީ ވަކީލުކަމުގެ ހުއްދަ ހަވާލުކުރުމަށްޓަކައި ބާ ކައުންސިލުން މި އަހަރު ބޭއްވި ހަތަރުވަނަ ރަސްމިއްޔާތެވެ.
29 އޮކްޓޫބަރުގައި ހުވައިކުރެއްވި ބޭފުޅުން ގާނޫނީ ފަންނާ ގުޅިވަޑައިގެންނެވީ، ކޮލިފައިންގ ލޯ ޑިގްރީއެއް ހާސިލުކުރެއްވުމަށްފަހު، މަސައްކަތުގެ އަމަލީ ތަޖުރިބާގެ ޕްރޮގްރާމް ފުރިހަމަކުރައްވައި، އަދި ބާ އިމްތިހާނުން ފާސްވެވަޑައިގެން، ބުރަ މަރުހަލާތަކެއް ކާމިޔާބުކުރައްވައިގެންނެވެ.
މި ރަސްމިއްޔާތުގައި އަލަށް ވަކީލުކަމުގެ ހުއްދަ ހާސިލުކުރެއްވި ބޭފުޅުންނަށް ހުވައި ލައިދެއްވީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު އަބްދުލްމާނިއު ހުސައިންއެވެ. އަދި ގާނޫނީ ވަކީލުކަމުގެ ހުއްދަ އެ ބޭފުޅުންނާ ހަވާލުކޮށްދެއްވީ، ރަސްމިއްޔާތުގެ ޝަރަފުވެރި މެހެމާން، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު މުހައްމަދު ސަލީމްއެވެ.
ހުވައިކުރެއްވި ބޭފުޅުންނާ މުހާތަބުކުރައްވައި ސުޕްރީމް ކޯޓުގެ ފަނޑިޔާރު މުހައްމަދު ސަލީމް ދެއްކެވި ވާހަކަފުޅުގައި، ގާނޫނީ ދާއިރާއާ އަލަށް ގުޅިވަޑައިގެންނެވި ވަކީލުންނަށް މަރުހަބާ ވިދާޅުވެ، އެތައް އަހަރެއްގެ ބުރަ މަސައްކަތުން ހާސިލުކުރެއްވި ގާނޫނީ އިލްމަކީ ބޮޑު މަސްއޫލިއްޔަތެއް އުފުލަންޖެހޭ ކަމެއްކަން ފާހަގަކުރެއްވިއެވެ. އަދި ގާނޫނީ އިލްމުގެ އެންމެ ހެޔޮ ބޭނުން ހިފައި، އަދުލު އިންސާފު ގާއިމުކުރުމަށާއި މުޅި މުޖުތަމައުގެ ލާބައަށްޓަކައި މަސައްކަތްކުރުމަށް އިލްތިމާސްކުރެއްވިއެވެ. މީގެ އިތުރުން، ޝަރުއީ ދާއިރާއަށް ރައްޔިތުން ކުރާ އިތުބާރު ދެމެހެއްޓުމުގައްޔާއި، ކޯޓުތަކުގެ ހުރުމަތް ރައްކާތެރިކުރުމުގައި ވަކީލުންގެ ދައުރު ފުރިހަމައަށް އަދާކުރެއްވުމުގެ މުހިންމުކަންވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ރަސްމިއްޔާތުގައި ބާ ކައުންސިލުގެ ރައީސް އަލްއުސްތާޛު ހުސައިން ސިރާޖް ދެއްކެވި ވާހަކަފުޅުގައި، ވަކީލުކަމުގެ ހުވަޔަކީ ގާނޫނުއަސާސީއާއި ގާނޫނު ނަގަހައްޓައި، ރައްޔިތުންގެ ހަގުތައް ރައްކާތެރިކޮށް، ތެދުވެރިކަމާއި އަމާނާތްތެރިކަމާއެކު ވާޖިބުތައް އަދާކުރުމަށް ވެވޭ ވަރުގަދަ އަހުދެއްކަން ބަޔާންކުރެއްވިއެވެ. އަދި މުވައްކިލުންގެ ސިއްރު ހިފެހެއްޓުމާއި، މަސްލަހަތު ފުށުއަރާ ހާލަތްތަކުން އެއްކިބާވުން ފަދަ ސުލޫކީ މިންގަނޑުތައް ހިފެހެއްޓެވުމަށާއި، ގާނޫނީ އެހީތެރިކަން ހޯދުމަށް ދަތިވެފައިވާ ފަރާތްތަކަށް ހިލޭ އެހީތެރިކަން ފޯރުކޮށްދިނުމަށް އިސްކަންދެއްވުމަށް އެދިވަޑައިގެންނެވިއެވެ.
މީގެ އިތުރުން، ކޮލިފައިންގ ލޯ ޑިގްރީ ޕްރޮގްރާމްތަކުގެ އެންމެ ދަށް މިންގަނޑުތަކަށް ބާ ކައުންސިލުން ގެނައި އިސްލާހާއެކު، 1 ޖަނަވަރީ 2027 އިން ފެށިގެން އެ ޕްރޮގްރާމްތަކުގެ އިމްތިހާނުތައް ހަދަންޖެހޭނީ ހާޒިރުވެގެން ކަމުގައި ކަނޑައަޅާފައިވާކަން ބާ ކައުންސިލުގެ ރައީސް ހާމަކުރެއްވިއެވެ. މި ބަދަލުގެ މަގްސަދަކީ ގާނޫނީ ހިދުމަތްދޭ ފަރާތްތަކަކީ ފުރިހަމައަށް ތައްޔާރުވެފައިވާ ގާބިލު ބައެއްކަން ކަށަވަރުކުރުން ކަމަށާއި، މި ބަދަލުގެ ސަބަބުން ކޯހުގެ މާއްދާތަކަށާއި މުއްދަތަށް އެއްވެސް ބަދަލެއް ނާންނާނެކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ގާނޫނީ ފަންނުގެ ގާނޫނުގެ ދަށުން މިހާތަނަށް 572 ފަރާތަކަށް ބާ ކައުންސިލުން ވަނީ ވަކީލުކަމުގެ ހުއްދަ ދޫކޮށްފައެވެ. އަދި މިއާއެކު، ރާއްޖޭގެ ގާނޫނީ ވަކީލުންގެ ދަފްތަރުގައި ހިމެނޭ ވަކީލުންގެ ޖުމްލަ އަދަދު މިހާރު ވަނީ 1,985 އަށް އަރާފައެވެ.
މި ރަސްމިއްޔާތުގައި ސުޕީރިއަރ ކޯޓުތަކުގެ ގާޟީންނާއި، ޖުޑީޝަލް ސަރވިސް ކޮމިޝަންގެ މެންބަރުންނާއި، ޔުނިވަރސިޓީތަކާއި ކޮލެޖުތަކުގެ ލޯ ފެކަލްޓީތަކުގެ އިސްވެރިންނާއި ލެކްޗަރާއިން އަދި ބާ ކައުންސިލްގެ އެގްޒެކެޓިވް ކޮމިޓީގެ މެންބަރުން ބައިވެރިވެވަޑައިގެންނެވިއެވެ.

