އީގަލް ހިލްސްއާ އެކު ވެފައިވާ އެއްބަސްވުމުގެ ދަށުން ރަސްމާލެއިން ދޫކުރާ 500 ހެކްޓަރުގެ ބިމުގެ އަގު 24 ބިލިއަން އެމެރިކާ ޑޮލަރަށް އަރާނެ ކަމަށް ބުނެ ނޫހެއްގައި ޝާއިއުކޮށްފައިވާ ރިޕޯޓަކީ ހަގީގަތާ ޚިލާފު އަދި ބިމުގެ އަގު ވަޒަންކުރުމުގެ އަސާސްތަކާ ނުބައްދަލު ހިސާބުތަކެއްގެ މައްޗަށް އެކުލަވާލާފައިވާ ވާހަކައެއް ކަމަށް މިނިސްޓަރ އޮފް އިންފްރާސްޓްރަކްޗަރ، ހައުސިންގ އެންޑް އާބަން ޑިވެލޮޕްމަންޓް ޑރ. ޢަބްދުﷲ މުއްޠަލިބު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މިހެން ވިދާޅުވީ، ރަސްމާލޭގެ ބިން އެއްވެސް އަގެއް ނެތް ގޮތަކަށް ދޫކޮށްލާފައިވާ ކަމަށާއި، ގަރުނެއް ފާއިތުވާއިރު ވެސް އެ ބިމުގެ ހަގީގީ އަގު ދައުލަތަށް އަނބުރާ ނުލިބޭނެ ކަމަށް ބުނެ ”ދައުރު“ ނޫހުގައި ޝާއިއުކުރި ރިޕޯޓަކަށް ރައްދު ދެއްވައި ލިޔުއްވި ލިޔުމެއްގައެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި، ދައުލަތުގެ މިލްކިއްޔާތުގައިވާ އެންމެ އަގުބޮޑު އެއް ވަސީލަތަކީ ބިން ކަމަށް ވާއިރު، އެ ބިމަކުން އާންމުންނަށް ހަގީގަތުގައި ލިބެން އޮތް މަންފާއަށް ބަލައި އަގު ކަނޑައެޅުމަކީ މުހިންމު ކަމެކެވެ. ނަމަވެސް އެ ނޫހުގައި ބިމުގެ އަގު އަންދާޒާކޮށްފައިވަނީ ހަގީގީ ދުނިޔޭގެ މިންގަނޑުތަކާ މުޅިން ޚިލާފަށް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މުއްޠަލިބު ވިދާޅުވި ގޮތުގައި، 24 ބިލިއަން ޑޮލަރުގެ އަގު ނެރެފައިވަނީ ހުޅުމާލޭގެ ބިމުގެ މިހާރުގެ އެވްރެޖް އަގު ކަމުގައިވާ އަކަފޫޓަކަށް 7،500 ރުފިޔާ، އަލަށް ހިއްކަމުންދާ ރަސްމާލޭގެ 500 ހެކްޓަރުގެ ކޮންމެ އަކަފޫޓަކަށް އެއްވަރަކަށް ޖަހައިގެންނެވެ. އެހެންނަމަވެސް މިއީ ބޮޑު ގޯހެއް ކަމަށާއި، ހުޅުމާލެ ހިއްކި ދުވަސްވަރު ވެސް އެތަނުގެ އަގަކީ އަކަފޫޓަކަށް 7،500 ރުފިޔާ ނޫން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ހުޅުމާލެ ހިއްކަން ފެށީ 1997 ވަނަ އަހަރު ކަމަށާއި، އެންމެ ފުރަތަމަ 1،000 މީހުން އެތަނަށް ދިރިއުޅުން ބަދަލުކުރީ 2004 ވަނަ އަހަރުކަން މިނިސްޓަރު ހަނދާންކޮށްދެއްވިއެވެ. އަދި އޭގެ ފަހުން މާލެއާއި ހުޅުމާލެ ގުޅުވައިދިން ސިނަމާލެ ބްރިޖް 2018 ގައި ހުޅުވުމާ ހަމައަށް އާބާދީ 50،000 އަށް އެރި ކަމަށާއި، މިހާރު ހުޅުމާލޭގެ ބިމަށް ލިބޭ އަގަކީ ފާއިތުވި 20 އަހަރަށް ވުރެ ގިނަ ދުވަހު ދައުލަތުން މަގުތަކާއި ފެނާއި ނަރުދަމާއާއި ސްކޫލްތަކާއި ސިއްހީ ޚިދުމަތްތައް ފަދަ އިންފްރާސްޓްރަކްޗަރަށް ކުރި ބޮޑެތި އިންވެސްޓްމަންޓްތަކުގެ ނަތީޖާ ކަމަށް ވިދާޅުވިއެވެ.
”ރަސްމާލޭގައި އަދި އެއިން އެއްވެސް ވަސީލަތެއް ނެތް. ބްރިޖެއް ނެތް، އަސާސީ ޚިދުމަތްތަކެއް އަދި އިގްތިސާދީ ހަރަކާތެއް ވެސް ނެތް. ތަރައްގީކޮށް ނިމިފައިވާ ފުރިހަމަ ސިޓީއެއްގެ އަގު، އަދި ކިރިޔާ ހިއްކަމުންދާ ބިމަކަށް ނުޖެހޭނެ،“ މުއްޠަލިބު ވިދާޅުވިއެވެ.
ރަސްމާލޭގެ ބިމުގެ އަގު އަޅާކިޔަން އެންމެ އެކަށީގެންވާ ތަނަކީ އެ ސަރަހައްދުގައި ހިއްކާފައިވާ ތިލަފުށި ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ. ތިލަފުށިން ސިނާއީ ބިން ވިއްކާފައިވަނީ އަކަފޫޓަކަށް ގާތްގަނޑަކަށް 1،750 ރުފިޔާއަށް ކަމަށާއި، ތިލަފުއްޓަކީ މިހާރު ވެސް ވިޔަފާރިތައް ހިނގަމުންދާ އަދި މާލެއާ ގުޅުވައިދޭ ބްރިޖްގެ މަސައްކަތް ކުރިއަށްދާ ތަނެއް ކަމަށް ވިދާޅުވިއެވެ. އެހެންކަމުން، މިހާރުގެ ހާލަތަށް ބަލާއިރު ރަސްމާލެއާ ތިލަފުށި އަޅާކިޔުމަކީ ވެސް ރަސްމާލެއަށް ދެވޭ ވަރަށް ދީލަތި އަގެއް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ސިޓީއެއް ތަރައްގީކުރާއިރު އެތަނުގެ ހުރިހާ ބިމަކީ ވިއްކޭނެ ބިން ނޫންކަން ބަޔާންކުރައްވަމުން، ހުޅުމާލޭގެ ލޭންޑް ޔޫސް ޕްލޭނަށް މިނިސްޓަރު އަލިއަޅުވާލެއްވިއެވެ. ހުޅުމާލޭގެ ފުރަތަމަ ފިޔަވައްސާއި ދެވަނަ ފިޔަވަހީގެ ޕްލޭނަށް ބަލާއިރު، ވިއްކޭނެ ނުވަތަ ވިޔަފާރި އުސޫލުން ބޭނުންކުރެވެނީ މުޅި ބިމުގެ ގާތްގަނޑަކަށް 48 އިންސައްތައެވެ.
އެގޮތުން ހުޅުމާލޭގެ ބިން ބަހާލެވިފައިވާ ގޮތުގެ ތަފްސީލު:
- ބޯހިޔާވަހިކަން: %29.84
- އޮފީސްތަކާއި ވިޔަފާރި ބޭނުންތައް: %10.2
- ސިނާއީ ބޭނުންތައް: %7.5
- މަގުތަކާއި، ހުސްޖާގަތަކާއި، ކުޅިވަރު ކުޅޭ ސަރަހައްދުތައް: %29.4
- ސްކޫލްތަކާއި، މިސްކިތްތަކާއި، އިދާރީ އިމާރާތްތައް: %17.5
- ޔުޓިލިޓީ އަދި މުނިސިޕަލް ޚިދުމަތްތައް: %5.3
މިނިސްޓަރު. މުއްޠަލިބު ވިދާޅުވީ، ރަސްމާލޭގެ 500 ހެކްޓަރުގެ ބިމަކީ ވެސް މަގުތަކާއި، ޕާކުތަކާއި، މިސްކިތްތަކާއި، ސްކޫލްތައް ހިމެނޭހެން ޕްލޭންކުރެވިގެން ތަރައްގީކުރެވޭނެ ތަނަކަށް ވާއިރު، މުޅި ބިމުގެ ހުރިހާ އަކަފޫޓަކަށް އަގުޖަހައިގެން ހަދާފައިވާ ހިސާބުތަކަކީ އެއްވެސް އިލްމީ އަދި ފަންނީ ހަމައެއްގެ މައްޗަށް ބިނާވެފައިވާ ހިސާބުތަކެއް ނޫން ކަމަށެވެ.

