މާލޭ ސިޓީގައި ލޮކްޑައުންގައި ތިބި ރިސޯޓު މުވަޒަފުން ރަށަށް ދިއުމަށްޓަކައި، އަލުން ރަޖިސްޓްރީވުމުގެ ފުރުސަތު އަނެއްކާވެސް ހުޅުވާލައިފިއެވެ.
މިކަން ހާމަކޮށް ޓޫރިޒަމް މިނިސްޓްރީން ހޮނިހިރުވިލޭރޭ ނެރުނު ބަޔާނެއްގައި ބުނީ، ކޮވިޑް-19 އާއި ގުޅިގެން ރިސޯޓުތަކުގައި ވަޒީފާ އަދާކުރާ މުވައްޒަފުންނަށް، ރަށަށް ދިއުމަށްޓަކައި، މާލޭގައި އެބަތިބިކަމަށާއި، ނަމަވެސް ކުރިން ރަޖިސްޓްރީވާން ހުޅުވައިލި ފުރުސަތުގައި ބައެއް މުވައްޒަފުން ރަޖިސްޓްރީވެފައިނުވާ ކަމަށެވެ.
މި ގޮތުން، ކުރިން ހުޅުވައިލި ފުރުސަތުގައި ރަޖިސްޓްރީނުވެ މި ވަގުތު މާލޭގައި ތިބި ރިސޯޓު މުވައްޒަފުންނަށް އިތުރު ފުރުސަތެއް މިހާރު ހުޅުވާލާފައިވާކަމަށެވެ.
އެހެންކަމުން، އަންނަ ޖޫންމަހުގެ 1 ވަނަ ދުވަހުގެ މެންދުރުފަހު 14:00 ގެ ކުރިން، 7223131 އަށް މެސެޖުގެ ޒަރީޢާއިން ނުވަތަ، އެ މިނިސްޓްރީގެ މެއިލް އެޑްރެސް smu@tourism.gov.mv މެއިލް ޒަރީޢާއިން ނަންނޯޓުކުރަން އެދޭކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފައިވެއެވެ.

