ޒަރޫރީ ކަންކަމުގައި ކައިރި ރަށްތަކަށް ދަތުރުކުރުމުގައި ކައުންސިލްތަކުން ދޭންޖެހޭ ހުއްދަތައް ދިނުމުގައި ލަސްވަނީ ސާފު މައުލޫމާތު ނުދެވުން ނުވަތަ އެ ހުއްދައެއް ދޫކުރުމަށް އެހެން އިދާރާއަކުން ބޭނުންވާ ލިޔެކިއުމެއް ނެތުމުގެ ސަބަބުން ކަމަށް ލޯކަލް ގަވަމެންޓް އޮތޯރިޓީން ބުނެފިއެވެ.
ބޭސްފަރުވާގެ ކަންކަމުގައި ހުއްދައަށް އެދުމުން ލަސްތަކެއް ވާހަކަމާއި، އަދި ހަރުކަށި ގޮތަކަށް އަމަލު ކުރާތީ އެކަމާއި ގުޅޭގޮތުން ”ސަންގު“ އިން ސުވާލު ކުރުމުން އެލްޖީއޭގެ ޑިރެކްޓަރ ޖެނެރަލް އާދަމް ޝަރީފް ވިދާޅުވެއްޖެ އެވެ. އާދަމް ޝަރީފް ވިދާޅުވީ ސާފު މައުލޫމާތުތައް ކައުންސިލްތަކަށް ދޭނަމަ އެއްވެސް މައްސަލައެއް ދިމާވާނެކަމަށް ގަބޫލެއް ނުކުރެވޭ ކަމަށެވެ. ފުރިހަމަ ކުރަންޖެހޭ ބައެއް ކަންތައް ހުންނާނެކަމަށާއި ހުއްދަތައް ދޫކުރަނީ އެ ރަށެއްގެ ހޮސްޕިޓަލަކުން އެކަމާއި ގުޅޭ ފަރުވާއެއް އެ ހޮސްޕިޓަލުން ދެވެން ނެތް ކަމުގެ ލިއުންތައް ދިނުމުން ކަމަށެވެ. އަދި އެ ހުއްދައަކާއި އެކު ކައުންސިލަކަށް ދިއުމުން، ބޭސްފަރުވާގެ ކަންކަން ފުރިހަމަ ކުރުމަށް ކައިރި ރަށަށް ދިއުމުގެ ހުއްދަ ލިބިގެންދާނެ ކަމަށެވެ. އާދަމް ޝަރީފް ވިދާޅުވީ މި ޕްރޮސެސްގެ ތެރެއިން އެއްވެސް މައްސަލައެއް ފެންމަތިވެއްޖެ ނަމަ، ނުވަތަ ހުށަހެޅިއްޖެނަމަ އެކަން ބަލަމުން ދާ ކަމަށެވެ. އެހެން ނަމަވެސް ލަސްވުން ފަދަ ކަންކަން، އަދި ހަރުކަށިކޮށް އަމަލުކުރުން އެއީ ނުހިނގާ ކަމެއްގެ ގޮތުގައި ބުނާކަށް ނޭނގޭކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ.
ކައުންސިލްތަކުން އެކި ހުއްދަތައް ދޫކުރި ނަމަވެސް، ބައެއް ހާލަތްތަކުގައި އެހެން އިދާރާތްތަކުގެ ހުއްދަތައް ވެސް ބޭނުންވާ ކަމަށާއި، އެހެން ކަމުން އެ ތަނެއްގެ ލިއުމެއް ނެތްނަމަ ހުއްދަ ދިނުމުގައި ދަތިވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ދަރުބާރުގޭގައި ކުރިޔަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އާދަމް ޝަރީފް ވިދާޅުވެފައިވަނީ ރަށް ރަށުން މާލެއަށް މުދާ ހިފައިގެން އަންނަ އޮޑިފަހަރުން މީހުން ފައިބާ މައްސަލަ ފާހަގަ ކުރެވެމުން ދާ ކަމަށެވެ. ނަމަވެސް އެއީ މަނާ ކަމެއް ކަމަށާއި، މާލެއަށް ފައިބާ މީހެއްނަމަ ކަރަންޓީންގެ މުއްދަތެއް ފުރިހަމަ ކުރަން ޖެހޭނެ ކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ. އެ މީހަކާއި މާލެއަށް ފައިބާ، އިތުރ މީހަކާއި ބައްދަލުވެފައިވާ މީހެއް ނަމަ ދެން އެ ރަށަކަށް ދެވޭނީ ކަރަންޓީނަށްފަހު ކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ.
އެމްޕީއެލް ސަރަހައްދުގައި ގާއިމްކޮށްފައިވާ ހިދުމަތްތަކަށް އިޝާރާތް ކުރައްވާ އާދަމް ޝަރީފް ވިދާޅުވީ މިކަންކަން މޮނީޓާރ ކުރުމުގެ ގޮތުން ހުރިހާ ކައުންސިލްތަކެއްގެ ވެސް ލައިވް މޫވްމެންޓް ޑޭޓާތަކެއް އައިސީޕީއަށް ލިބެމުން ދާނެ ކަމަށެވެ. އެގޮތުން ރާއްޖޭގެ ރަށްތަކަށް ކާޑުގެ ބާވަތްތަކާއި، ގޭސް ހިފައިގެން ދަތުރުކުރާ ބޯޓުގެ މޫވްމެންޓުތައް އެނގޭނެ ކަމަށާއި، އެ ބޯޓު އޮތީ މާލޭގައި ތޯ ނުވަތަ އެ ރަށެއްގައި ތޯ ވެސް ވަގުތުން ބެލޭނެ ކަމަށެވެ.
އެއް ރަށުން އަނެއް ރަށަށް ޒަރޫރީ މުދާތައް ގެންދިއުމުގައި އިންތިޒާމުތައް ހަމަޖެއްސުމުގައި އެކި އިދާރާތްތައް ހަރަކާތްތެރިވާނެ ކަން ފާހަގަކުރައްވާ އާދަމް ޝަރީފް ވިދާޅުވީ ރަށަކުން މުދަލެއް ހުސްވެއްޖެނަމަ އެ އަތޮޅަކުން އެ ރަށަށް މުދާ ގެނެވޭނެ ގޮތް ވެސް ހަމަޖައްސަމުން ދާ ކަމަށެވެ. މާލެއިން މުދާތައް ބަރުކޮށްގެން އަތޮޅުތަކަށް އެ ސަޕްލައި ކުރާއިރު ކައުންސިލްތަކުގެ އިންތިޒާމުތަކެއް ހަމަޖެހިފައިވާ ކަމަށް ޝަރީފް ވިދާޅުވިއެވެ.
ކޮވިޑާއި އެކު ތަންފީޒު ކުރަމުން ދިޔަ ފިޔަވަޅުތަކަށް ލުޔެއް ދިނުމަށް ނިންމާފައިވާއިރު، ޒަރޫރީ ބޭނުންތަކުގައި އެއް ރަށުން އަނެއް ރަށަށް ދިއުމުގެ ހުއްދަތަށް މިހާރު ވެސް ދޫކުރަމުން ދަނީ ކައުންސިލްތަކުންނެވެ. ޝަރީފް ވިދާޅުވީ ބޭސްފަރުވާއަކަށް އެއް ރަށުން އަނެއް ރަށަށް ދާން ޖެހޭނަމަ އެކަމުގެ ހުއްދަ ދޭނީ ކައުންސިލްތަކުން ކަމަށެވެ. އަދި އެ ސިއްހީ ހިދުމަތަކީ އެ ރަށަކުން ލިބެން ނެތް ހިދުމަތެއް ނަމަ ދަތުރާއި ބެހޭ އިންތިޒާމުތައް ކައުންސިލްތަކުން ފުރިހަމަ ކުރާނެ ކަމަށެވެ.

