މޯލްޑިވްސް ރިޓަޔަރމަންޓް ޕެންޝަން ސްކީމުގެ ބައިވެރީންގެ ސޭވިންގްސް އެކައުންޓުގައި ޖަމާވެފައިވާ ފައިސާއިން ފަރުޟު ހައްޖުގެ އަޅުކަން އަދާކުރުމަށް ފައިސާ ދޫކުރުމާއި ޖާގަ ރިޒާވްކުރުމާ ގުޅޭ އުސޫލުތައް އިތުރަށް ހަރުދަނާކޮށް، ”ފަރުޟު ހައްޖުވުމަށް މޯލްޑިވްސް ރިޓަޔަރމަންޓް ޕެންޝަން ސްކީމުން ފައިސާ ދޫކުރުމާބެހޭ ގަވާއިދު“އަށް ދެވަނަ އިސްލާހު ގެނެސްފިއެވެ.
މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުން މި ގެނައި އިސްލާހުތައް ހިމެނޭ ގަވާއިދު (ގަވާއިދު ނަންބަރު: R-92/2026) މިހާރު ވަނީ ދިވެހި ސަރުކާރުގެ ގެޒެޓުގައި (ވޮލިއުމް 55، އަދަދު 163) ޝާއިއުކޮށް، އަމަލުކުރަން ފަށައިފައެވެ.
މި އިސްލާހުގެ ދަށުން، ހައްޖަށް މީހުން ގެންދާ ސަރުކާރުގެ ކުންފުނި މެދުވެރިކޮށް ހައްޖަށް ދިއުމަށް ޖާގަ ރިޒާވްކުރުމަށްޓަކައި، ކަނޑައެޅިފައިވާ ޖުމްލަ އަގުގެ 20 އިންސައްތަ އެ ކުންފުންޏަށް ދެއްކުމަށްފަހު، ބާކީވާ 80 އިންސައްތަ ފައިސާ ރިޓަޔަރމަންޓް ސޭވިންގްސް އެކައުންޓުން ހަމަޖައްސައިދިނުމަށް އެދި ޕެންޝަން އޮފީހަށް ހުށަހެޅޭނެ އިންތިޒާމު ވަނީ ހަމަޖައްސައިފައެވެ. އަދި ޝަރުތު ފުރިހަމަވާ ފަރާތްތަކުގެ އެކައުންޓުން އެ ފައިސާ ހިފެހެއްޓުމަށްފަހު، ތަރުތީބުން ޖާގަ ރިޒާވްކޮށްދިނުމަށް ކަނޑައަޅާފައިވެއެވެ.
މީގެ އިތުރުން، ޕެންޝަން އުމުރު ހަމަވެފައިވާ ނުވަތަ ހައްޖަށް ދެވޭ އަހަރު އުމުރު ހަމަވާ ފަރާތްތަކުގެ ތެރެއިން އަމިއްލައަށް ފައިސާ ދައްކައިގެން ކުރިން ޖާގަ ރިޒާވްކޮށްފައިވާ މީހުންނަށްވެސް، މި ގަވާއިދުގެ ދަށުން ޕެންޝަން ފަންޑުން ފައިސާ ހަމަޖެއްސުމުގެ ފުރުސަތު ވަނީ ފަހިކޮށްދީފައެވެ. މިގޮތަށް ހަމަޖެހުމުން، އެ ފަރާތްތަކުން ދައްކާފައިވާ ފައިސާއިން 20 އިންސައްތަ އުނިކުރުމަށްފަހު ބާކީބައި އަނބުރާ ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށްވެސް ގަވާއިދުގައި ބަޔާންކޮށްފައިވެއެވެ.
އައު ގަވާއިދުގައިވާ ގޮތުން، ހައްޖުވުމަށް ޝަރުތު ހަމަވާ ހުރިހާ ބައިވެރީންނަށްވެސް ފައިސާ ދޫކުރެވޭނެއެވެ. އަދި ހައްޖަށް މީހުން ގެންދާ ސަރުކާރުގެ ކުންފުނިން، ހިޖުރީ ކޮންމެ އަހަރެއްގެ ހައްޖު ދުވަހުގެ މަދުވެގެން 8 މަސްދުވަސް ކުރިން ފައިސާ ހޯދުމަށް ޕެންޝަން އޮފީހަށް ހުށަހަޅަންޖެހޭނެއެވެ. އަދި ހުށަހަޅާތާ 15 ދުވަހުގެ ތެރޭގައި ޕެންޝަން އޮފީހުން އެ ފައިސާ ހައްޖަށް ގެންދާ ފަރާތަށް ޓްރާންސްފަރ ކުރަންޖެހެއެވެ.
މި އިސްލާހުގައި އިތުރަށް ބަޔާންކޮށްފައިވާ ގޮތުގައި، އެއްވެސް ސަބަބަކާހުރެ ފައިސާ ދޫކުރެވުނު މީހަކަށް ހައްޖަށް ނުދެވިއްޖެނަމަ، ހައްޖު ދުވަހަށްފަހު ގިނަވެގެން 30 ދުވަހުގެ ތެރޭގައި އެ ފައިސާ ޕެންޝަން އޮފީހަށް އަނބުރާ ރައްދުކުރަންޖެހެއެވެ. އަދި އެ ފައިސާ އަނބުރާ ލިބޭތާ 15 ދުވަހުގެ ތެރޭގައި ބައިވެރިޔާގެ އެކައުންޓަށް އަލުން ޖަމާކޮށްދޭންޖެހެއެވެ. މީގެ އިތުރުން މި ގަވާއިދުގައި ބަޔާންކޮށްފައިވާ މުއްދަތުތައް ގުނުމުގައި ބަލާނީ ރަސްމީ ބަންދު ދުވަސްތައް ނުހިމަނައި ކަމަށްވެސް ގަވާއިދުގައި ވަނީ ކަނޑައަޅައިފައެވެ.

