ޕެންޝަން ފަންޑަށް ޖަމާކުރާ ފައިސާ ރާއްޖޭގައި އިންވެސްޓް ކުރެވޭނެ އެކަށީގެންވާ ފުރުސަތުތަކެއް ނެތް ކަމަށް ޕެންޝަން އޮފީހުން ބުނެފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ބޭއްވި ބައްދަލުވުމުގައި ޕެންޝަން ފަންޑުގެ ސީއީއޯ ސުޖާތާ ހަލީމް ވިދާޅުވީ އަސާސީ ޕެންޝަންގައި ބައިވެރިވެފައިވާ 23،000 މީހުންނަށް މިދިޔަ މަހު އެކަނި ވެސް 100 މިލިއަން ރުފިޔާ ހަރަދުކުރި ކަމަށެވެ. އޭގެ އިތުރުން އެހެނިހެން ޕެންޝަންގެ ގޮތުގައި 33 މިލިއަން ރުފިޔާ ދޫކޮށްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
ރިޓަޔަމަންޓް ޕެންޝަން ސްކީމުގައި 122،000 މީހުން އެކައުންޓް ހުޅުވައި މަހަކު 143 މިލިއަން ރުފިޔާ ޖަމާކުރާ ކަމަށް ސުޖާތާ ވިދާޅުވިއެވެ. އަދި އެ ފައިސާ އިންވެސްޓް ކުރާއިރު އަބަދުވެސް އަމާޒަކީ އާމްދަނީގެ ގޮތުގައި އެވްރެޖުކޮށް މަދުވެގެން 50 ޕަސެންޓް ހޯދައިދިނުން ކަމަށާއި އަދި އިންވެސްޓް ކުރަނީ ވެސް ބަލަނީ އެންމެ ރަނގަޅު އަދި ފައިދާ ލިބޭ ތަންތަނުގައި ކަމަށް އޭނާ ވިދާޅުވިއެވެ.
”މިހާތަނަށް ފުލް ފަންޑުގެ ގޮތުގައި 5.1 ބިލިއަން ރުފިޔާ ފައިދާ ލިބިފައި އެބަހުރި. ޕެންޝަން ފަންޑުން އިންވެސްޓްކުރަން ހުރި ގޮންޖެހުންތައް އެއީ ރާއްޖޭގައި އިންވެސްޓްމަންޓް އޮޕޮޗިއުނިޓީތައް ވަރަށް ކުޑަ. ޑޮލަރު ހޯދުމަކީ ފަސޭހަ ކަމަކަށް ނުވޭ. އިންވެސްޓްމަންޓުތައް އިތުރު މަސައްކަތްތަކެއްކޮށް ހަރުދަނާ ކުރަން ބޭނުންވޭ. އަޅުގަނޑުމެން ސައިޑުން ވަރަށް މަސައްކަތް ކުރަން“
ސުޖާތާ ވިދާޅުވީ އެމްއެމްއޭގެ ހުއްދަ ލިބިފައިވާ ބޭންކުތަކާއި ސެކިއުރިޓީ އަދި ސްޓޮކް އެކްސްޗޭންޖާއި ހުއްދަ ލިބިގެން ހިންގާ ފަންޑުތަކުގައި އިންވެސްޓްކުރާ ކަމަށެވެ. އަދި އޭގެ ސަބަބުން އެވްރެޖުކޮށް ފަސް ޕަސެންޓުގައި ފައިދާ ހިފެހެއްޓޭ ކަމަށް ޕެންޝަން އޮފީހުން ބުންޏެވެ.
ޕެންޝަން ފަންޑުން މިހާތަނަށް އެންމެ ބޮޑަށް އިންވެސްޓްކޮށްފައިވަނީ ޓްރެޒަރީ ބިލަށެވެ. އޭގެ އިތުރުން މިދިޔަ އަހަރުން ފެށިގެން ޕްރައިވެޓް ޕްލޭސް މާކެޓް ސްޓޮކް އެކްސްޗޭންޖުގައި ގާއިމްކޮށް ފުރުސަތު ލިބޭ ވަރަކުން އިންވެސްޓް ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ. ނަމަވެސް، އިންޓަނޭޝަނަލް މާކެޓުގައި އިންވެސްޓް ކުރުމަކީ މިހާރު އޮތް ގޮންޖެހުމެއް ކަން ޕެންޝަން އޮފީހުން ފާހަގަކުރެ އެވެ.
ޕެންޝަނާ ގުޅޭ ކުއްލި ބަދަލުތަކަކީ ވަރަށް ބޮޑު ގޮންޖެހުމެއް ކަމަށާއި އިންޓްރޮޑިއުސްކުރާ ކޮންމެ ޕްރޮޑަކްޓަކީ ވެސް އެއާ ގުޅިގެން ފުދޭ ވަރަކަށް ރިސާޗު ބޭސްޑުކޮށް އިންޓރޮޑިއުސް ކުރާ އެއްޗެސް ކަމަށް ވިދާޅުވިއެވެ. އަދި އެ ނޫން ގޮތަކަށް މި އެއްޗެހި އައުމުން ނިޒާމަށް ވަރަށް ބޮޑު ލޮޅުންތަކެއް އަރާނެ ކަމަށާއި އެއީ ވަރަށް ބޮޑު ކަންބޮޑުވުމެއް ކަމަށް ސިޖާތާ ވުދާޅުވއެވެ.

