ދިވެހިރާއްޖޭގެ ތާރީޚުގައި ވެސް ހިންގޭ އެންމެ ބޮޑު އެއް ބޯހިޔާވަހިކަމާއި އިޤްތިޞާދީ މަޝްރޫޢުގެ ގޮތުގައި ސަރުކާރުން އިޢުލާނުކުރި ”ރަސްމާލެ“ މަޝްރޫޢަކީ ފެށުނީއްސުރެ ވެސް ޢާންމުންގެ ސަމާލުކަމާއި ބަހުސްތައް އަމާޒުވެފައިވާ މަޝްރޫޢެކެވެ.
ރަސްމާލެ ތަރައްޤީކުރާނެ ގޮތުގެ ތަޞައްވުރު ސަރުކާރުގެ އިސް ވެރިން އެކި މަރުޙަލާތަކުގައި ހާމަކުރައްވަމުން ގެންދެވި ނަމަވެސް، އެ ސިޓީގައި ދިރިއުޅުމުގެ ވައްޓަފާޅި އަދި ވިޔަފާރީގެ އުސޫލުތައް ހަމަޖެހިގެންދާނެ ގޮތާމެދު ސަރުކާރުގެ އެތެރޭގައި ޚިޔާލު ތަފާތުވުންތަކެއް ހުރިކަން ދާދިފަހުން ފެންމަތިވި ވާހަކަތަކުން ވަނީ ހާމަވެފައެވެ.
ވަކިން ޚާއްޞަކޮށް، ރަސްމާލޭގައި ބަނގުރާ ވިއްކުމާއި ބޭނުންކުރުމާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްކެވި ވާހަކަފުޅުތަކާއި، ބަންޑާރަނައިބު އަޙްމަދު އުޝާމް ދެއްކެވި ވާހަކަފުޅުތަކުގެ މެދުގައި ހުރި ފުށުއެރުންތަކަކީ މުސްތަޤުބަލުގައި އެ ސިޓީ ހިންގުމުގައި ކުރިމަތިވެދާނެ ޤާނޫނީ އަދި އިޖުތިމާޢީ ގޮންޖެހުންތަކަށް އަލިއަޅުވާލާ މުހިންމު ކަމެކެވެ.
ރަސްމާލެ މަޝްރޫޢު ތަޢާރަފުކުރައްވަމުން ރައީސް ޑރ. މުޙައްމަދު މުޢިއްޒު އެންމެ ބޮޑަށް ބާރުއެޅުއްވި އެއް ކަމަކީ، އެއީ ފުރިހަމަ އިސްލާމީ އަޚްލާޤާއި އުސޫލުތައް ދަމަހައްޓާ ސިޓީއަކަށް ހެދުމެވެ. މިގޮތުން، އެ ސިޓީގައި ދިރިއުޅޭނީ މުޅިންހެން މުސްލިމުން ކަމަށާއި، ފަސް ވަގުތު ބަންގީގެ އަޑު އިވޭނެ އަމާން މާޙައުލެއް ޤާއިމުކުރެވޭނެ ކަމަށް އެމަނިކުފާނު އިޢުލާނުކުރެއްވިއެވެ. ވަކިން ޚާއްޞަކޮށް، ރަސްމާލޭގައި އެއްވެސް ވަރަކަށް ބަނގުރާ ނުވިއްކޭނެ ކަމަށާއި، ރަލުގެ އިތުރުން އޫރުމަސް ވެސް އެ ސިޓީގައި މުޅިން މަނާވާނެ ކަމަށް ރައީސް ވަރަށް ސާފު ބަހުން ވިދާޅުވިއެވެ. ރިސޯޓުތަކުގައި އޮންނަ ފަދަ ލުއިތަކެއް އެތަނުގައި ނޯންނާނެ ކަމަށް ވިދާޅުވެ ދެއްވި ޔަޤީންކަމަކީ، ދީނީ ގޮތުން ހޭލުންތެރި ޢާންމު ރައްޔިތުންނާއި ދީނީ ޢިލްމުވެރިންގެ ފަރާތުން ސަރުކާރަށް އިތުބާރު ހޯދުމަށް އެޅުނު މުހިންމު ބިންގަލެއް ކަމަށްވިއެވެ.
ނަމަވެސް، ދީނީ ޢިލްމުވެރިންނާ އެކު ބޭއްވި ބައްދަލުވުމެއްގައި ބަންޑާރަނައިބު އަޙްމަދު އުޝާމް ދެއްކެވި ކަމަށް ބުނާ ވާހަކަތަކުގެ އޯޑިއޯ ލީކުވުމާ ގުޅިގެން މުޅި މަންޒަރު ވަނީ ބަދަލުވެފައެވެ.
ބަންޑާރަނައިބު ފާހަގަކުރެއްވި ގޮތުގައި، ރަސްމާލެ ތަރައްޤީކުރެވެނީ ވަކި ރަށެއްގެ ގޮތުގައި ކަމަށްވުމުން، ޓޫރިޒަމްގެ ޤާނޫނާއި ޤަވާޢިދުތަކުގެ ދަށުން ލައިސަންސް ނަގައިގެން އެތަނުގެ ވަކި ހޮޓާތަކެއްގެ ރެސްޓޯރަންޓްތަކުގައި ބަނގުރާ ވިއްކުމުގެ ފުރުޞަތު އޮންނާނެއެވެ.
އުޝާމް ވިދާޅުވީ ޢާންމުކޮށް ހުޅުވާލައިގެން ރާ ނުވިއްކި ނަމަވެސް، ކަނޑައެޅޭ ވަކި ހޮޓާތަކެއްގައި ލިމިޓެޑްކޮށް އެ ޚިދުމަތް ދިނުން މުޅިން މަނާނުކުރެވޭނެ ކަމަށެވެ. އަދި ދިވެހިންނަށް އެ ތަންތަނަށް ވަދެ ރާ ބުއިމުގެ ފުރުޞަތެއް ނޯންނާނެ ކަމަށާއި، ޤާނޫނުގައި އޮންނަ އުސޫލުން އެއީ ހަމައެކަނި ފަތުރުވެރިންނަށް ޚާއްޞަ ޚިދުމަތަކަށް ވާނެ ކަމަށް ވެސް އޭނާ ބަޔާންކުރެއްވިއެވެ.
މި ވާހަކަތަކުން ދޭހަވަނީ އިޤްތިޞާދީ އަދި ފަތުރުވެރިކަމުގެ ބޭނުމަށްޓަކައި ބަނގުރާ އެއްކޮށް މަނާކުރުމަކީ އުނދަގޫ ކަމެއްގެ ގޮތުގައި ދައުލަތުގެ ޤާނޫނީ އިސް ފަރާތުން ދެކޭ ކަމެވެ.
ރައީސް ޑރ މުއިއްޒުއާއި ބަންޑާރަނައިބު އުޝާމުގެ ވާހަކަފުޅުތަކުން ފެންނަ އެންމެ ބޮޑު މައްސަލައަކީ ދައުލަތުގެ އިސް ފަންތީގައި ސިޔާސަތުތައް އެކަށައެޅުމުގައި އޮތް ފުށުއެރުމެވެ. ރައީސުލްޖުމްހޫރިއްޔާގެ ސިޔާސީ ވަޢުދަކީ މުޅިން ބަނގުރަލާ ދުރު އިސްލާމީ ސިޓީއަކަށް ރަސްމާލެ ހެދުން ކަމުގައި ވިޔަސް، ބަންޑާރަނައިބުގެ ވާހަކަތަކުން ފެންނަނީ ޤާނޫނީ ހަމަތަކާއި އިޤްތިޞާދީ މަޖުބޫރުވުންތަކުގެ ތެރެއިން އެކަމަށް ލުއިތަކެއް ދިނުމުގެ ވިސްނުމެވެ. މިއީ މުޖުތަމަޢުގެ ތެރޭގައި ސަރުކާރުގެ އިޚްލާޞްތެރިކަމާމެދު ސުވާލު އުފެދެން މެދުވެރިވާ ސަބަބެކެވެ. އިޤްތިޞާދީ ބޮޑު މަޝްރޫޢެއްގައި ބައިނަލްއަޤްވާމީ އިންވެސްޓަރުންނާއި ފަތުރުވެރިން ޝައުޤުވެރިކުރުވުމަށް ބައެއް ލުއިތައް ބޭނުންވި ނަމަވެސް، ރައްޔިތުންނަށް ދެވޭ ޔަޤީންކަމާ އެ ޢަމަލުތައް ދިމާނުވުމަކީ އިޖުތިމާޢީ ހަމަޖެހުމަށް ބުރޫއަރާނެ ކަމެކެވެ.
ރަސްމާލޭގެ މުސްތަޤުބަލަށް ބަލާއިރު، މި މައްސަލަ ހައްލުކުރުމަށްޓަކައި ސަރުކާރުން ސާފު، އެއްގޮތް ސިޔާސަތެއް އިޢުލާނުކުރަން ޖެހެއެވެ. ފަތުރުވެރިކަން ފުޅާކުރުމަށްޓަކައި ރަސްމާލެއަކީ ހަމައެކަނި ރިސޯޓު ކޮންސެޕްޓަށް ބަރޯސާވާ ތަނަކަށް ހެދުމުގެ ބަދަލުގައި، އިސްލާމީ ފަތުރުވެރިކަމާއި ޒަމާނީ ސަގާފީ ދާއިރާތަކަށް ފުރުޞަތު ހުޅުވާލައިގެން ވެސް އާމްދަނީ ހޯދިދާނެއެވެ. ވަކި ހޮޓާތަކެއްގައި ބަނގުރާ ވިއްކުމުގެ ހުއްދަ ދީފިނަމަ، ދިވެހިން އާބާދުވެ ދިރިއުޅޭ ސިޓީއެއްގައި ޤާނޫނު ތަންފީޛުކުރުމާއި، ބަނގުރާ ޢާންމު މުޖުތަމަޢުގެ ތެރެއަށް ލީކުވިޔަ ނުދީ ހިފެހެއްޓުމަކީ ފުލުހުންނަށާއި ކަމާބެހޭ އިދާރާތަކަށް ކުރިމަތިވާނެ ބޮޑު އިމްތިޙާނެކެވެ.
ރަސްމާލެ ތަރައްޤީވެގެން އަންނައިރު، އެތަނަކީ ރައްޔިތުންނަށް ވެފައިވާ ވަޢުދުތަކާ އެއްގޮތަށް ބިނާކުރެވޭ ތަނަކަށް ހެދުމަށްޓަކައި، ޤާނޫނީ އޮނިގަނޑުތައް ހަރުދަނާކޮށް، ސަރުކާރުގެ އެތެރޭގެ ތަޞައްވުރު އެއް މިސްރާބަކަށް ގެންނަން ޖެހެއެވެ.
ސިޔާސީ ގޮތުން ދައްކާ ވާހަކަތަކާއި ބިމުގެ ޢަމަލީ ޙަޤީޤަތާ ދެމެދު އޮތް ފަރަގު ކުޑަކުރެވިގެން މެނުވީ، ރަސްމާލެއަކީ ރައްޔިތުން އެދޭ ފަދަ އަމާން، އިސްލާމީ މުޖުތަމަޢަކަށް ހެދުމުގެ އަމާޒަށް ވާސިލެއް ނުވެވޭނެއެވެ.

