އައިކެއަރ ހޮސްޕިޓަލުން ’އައިރިސް‘ އާ ގުޅިގެން، އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ބޭނުންކޮށްގެން ލޮލުގެ ސްކްރީން ކުރާ ޒަމާނީ ހިދުމަތެއް ރަސްމީކޮށް އިފްތިތާޙްކޮށްފިއެވެ.
މި ހިދުމަތް އިފްތިތާޙްކޮށްފައިވަނީ ނޮވެމްބަރު 5 ވަނަ ދުވަހު ހުޅުމާލެ ސެންޓްރަލް ޕާކުގައި ފެށިގެން ކުރިއަށްދާ ’މޯލްޑިވްސް ހެލްތް އެންޑް ފެމިލީ އެކްސްޕޯ 2026‘ ގައެވެ.
މި ހިދުމަތް ރަސްމީކޮށް އިފްތިތާޙްކޮށްދެއްވީ ޑެޕިއުޓީ މިނިސްޓަރ އޮފް ސްޓޭޓް ފޮ ހެލްތް، ފެމިލީ އެންޑް ވެލްފެއަރ އަލްފާޟިލް އަހްމަދު ހަމްދޫން ނާސިރު އަދި އައިކެއަރގެ މެނޭޖިންގ ޑައިރެކްޓަރ ޑރ. ޢަބްދުﷲ ޒާހިރުއެވެ. މި ހިދުމަތާއެކު އައިކެއަރގެ ސްކްރީނިންގ މަސައްކަތްތަކަށް އޭއައިގެ ޒަމާނީ ފަންނީ އެހީތެރިކަން ލިބި، ލޮލުގެ ބަލިތަކުގެ އަލާމާތްތައް ކުރިއާލާ ދެނެގަނެ އިތުރު ތަހުލީލުތަކާއި ފަރުވާ ބޭނުންވާ ފަރާތްތައް އަވަހަށް ފާހަގަކުރުމަށް މަގުފަހިވެގެންދާނެއެވެ.
ސްކްރީން ކުރުމުގެ މަރުހަލާގައި ހާއްސަ ކެމެރާއެއް ބޭނުންކޮށްގެން ލޮލުގެ ފަހަތުގައިވާ ފަންތީގެ ފޮޓޯ ނެގުމަށްފަހު، އެ ފޮޓޯތައް ތަހުލީލުކުރަނީ އައިރިސްގެ އޭއައި ސިސްޓަމް މެދުވެރިކޮށެވެ. މީގެ އެހީގައި ހަކުރުބަލީގެ ސަބަބުން ލޮލަށް ދިމާވާ މައްސަލަތަކާއި، ގްލޮކޯމާގެ އިތުރުން އުމުރުން ދުވަސްވުމުން ލޮލުގެ ފެނުމަށް ދިމާވާ މައްސަލަތައް ދެނެގަނެވެއެވެ. މި ސިސްޓަމުން ތައްޔާރުކުރާ ތަފްސީލީ ރިޕޯޓުގެ އެހީގައި، ކުޑަވަގުތުކޮޅެއްގެ ތެރޭގައި މިފަދަ މައްސަލަތައް ދެނެގަނެވި، އިތުރު ފަރުވާ ބޭނުންވާ ފަރާތްތަކުން ލަސްނުކޮށް ފަރުވާ ހޯދަންޖެހޭކަން ކަށަވަރުކުރެވޭނެއެވެ.
ލޮލުގެ ދުޅަހެޔޮކަން ދަމަހައްޓައި ފެނުން ސަލާމަތްކުރުމުގައި ބަލިތައް ކުރިއާލާ ދެނެގަތުމަކީ މުހިންމު ކަމެކެވެ. ވަކިން ހާއްސަކޮށް، އުމުރުން ދުވަސްވާ ވަރަކަށް ކުރިމަތިވާ ލޮލުގެ ބައެއް ބަލިތަކަކީ އެއްވެސް އަލާމާތެއް ނުފެނި ޖެހޭ ބަލިތަކަށް ވުމާއެކު، ފެނުމަށް ދާއިމީ ބަދަލެއް އައުމުގެ ކުރިން މިފަދަ ސްކްރީނިންގް ތަކުގެ އެހީގައި ބަލި ދެނެގަތުމަށް ބޮޑު އެހީތެރިކަމެއް ލިބެއެވެ.
އޭއައި ޓެކްނޮލޮޖީއާއި ތަޖުރިބާކާރު ޑޮކްޓަރުންގެ އިރުޝާދު އެކުލެވޭ މި ހިދުމަތުގެ ސަބަބުން، ލޮލުގެ ފަރުވާއާ މެދު އަވަސް އަދި ސައްހަ ނިންމުންތައް ނިންމުމަށް ބާރުއަޅާނެއެވެ. އައިކެއަރ ހޮސްޕިޓަލުގެ އަމާޒަކީ ލޯ ސްކްރީން ކުރުމުގެ ހިދުމަތް އާންމުންނަށް ވީހާވެސް ފަސޭހައިން ލިބޭނެ އިންތިޒާމު ހަމަޖައްސައި، ލޮލުގެ ފެނުން ރައްކާތެރިކުރުމަށް ގިނަ ބަޔަކު ހޭލުންތެރިކުރުވުމެވެ.
މި ހިދުމަތް ވަރަށް އަވަހަށް މާލޭގެ އޯކިޑްމަގުގައި ހުންނަ އައިކެއަރ ހޮސްޕިޓަލުން ރަސްމީކޮށް ލިބެން ފަށާނެއެވެ. މީގެ އިތުރުން، މޯލްޑިވްސް ހެލްތް އެންޑް ފެމިލީ އެކްސްޕޯއަށް ޒިޔާރަތްކުރާ ފަރާތްތަކަށް ނޮވެމްބަރު 7 ގެ ނިޔަލަށް އައިކެއަރގެ ސްޓޯލުން މި ހިދުމަތް ތަޖުރިބާކޮށްލުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ. އެކްސްޕޯ ހުޅުވިފައި ހުންނާނީ ކޮންމެ ދުވަހަކު ހަވީރު 4:00 އިން 6:00 އަށް އަދި ރޭގަނޑު 8:00 އިން 11:00 އަށެވެ.

