ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދިއްދޫ ކައުންސިލުން އެންމެ ބޮޑު ސަމާލުކަމެއް ދެމުން މިދަނީ ސިއްހީ ދާއިރާއަށް: ޒާހިރު

ހއ. ދިއްދޫ ކައުންސިލްގެ ނައިބު މުޙައްމަދު ޒާހިރު ސަންގުޓީވީގެ ޚަބަރަށްފަހު ޕްރޮގްރާމްގައި ވާހަކަދައްކަނީ
ޝެއާރކޮށްލާ ކަހަލަދޯ؟

ދިއްދޫ ކައުންސިލުން އެންމެ ބޮޑު ސަމާލުކަމެއް ދެމުން އަންނަނީ ސިއްހީ ދާއިރާއަށް ކަމަށާއި ކައުންސިލްގެ ބަޖެޓުން ހަރަދުކޮށްގެން ނަމަވެސް ދިއްދޫ ހޮސްޕިޓަލަށް އިތުރު ކޮޓަރިއެއް ގާއިމްކޮށްދެއްވާނެ ކަމަށް ހއ. ދިއްދޫ ކައުންސިލްގެ ނައިބު މުހައްމަދު ޒާހިރު ވިދާޅުވެއްޖެއެވެ.

ޒާހިރު މިހެން ވިދާޅުވީ ސަންގު ޓީވީގެ ”ފުރަމެންދުރު“ ޕްރޮގްރާމުގައި ވާހަކަދައްކަވަމުންނެވެ. އޭނާ ވިދާޅުވީ، ދިއްދޫ ކައުންސިލުން އެންމެ ބޮޑު ކަންބޮޑުވުމަކާއެކު ސަމާލުކަމެއް ދެމުން އަންނަނީ ސިއްހީ ދާއިރާއަށް ކަމަށެވެ.

އެގޮތުން ހއ. އަތޮޅު ހޮސްޕިޓަލް ހުންނަނީ ދިއްދޫގައި ކަމަށްވާތީ، ކައުންސިލް އިންތިހާބުވިތާ މަދު ދުވަސްކޮޅެއްގެ ތެރޭގައި ރަށުގެ މުއައްސަސާތަކާ ބައްދަލުކޮށް، ހޮސްޕިޓަލަށް ދިމާވެފައިވާ ދަތިތައް އޮޅުންފިލުވައި އެކަންކަން މައި ސަރުކާރާ ހިއްސާކޮށްފައިވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

”އަޅުގަނޑުމެން އެެންމެ ބޮޑަށް ސަމާލުކަންދޭ އެއްކަމަކީ ހެލްތު ސެކްޓަރ. ހެލްތު ސެކްޓަރަކީ މުޅި ރާއްޖޭގައިވެސް ދަށްވެފައި އޮތް ސެކްޓަރު. ހއ. ދިއްދޫއަކީ މިއަތޮޅުގެ ހޮސްޕިޓަލް ހިމެނޭ ރަށްކަމަށްވާތީވެ މިރަށު ހޮސްޕިޓަލަށް ވަރަށް ބޮޑު ސަމާލުކަމެއްދެން،“ ޒާހިރު ވިދާޅުވިއެވެ.

މީގެ އިތުރުން، ދާދިފަހުން ވެސް ކައުންސިލުން ހޮސްޕިޓަލަށް ޒިޔާރަތްކޮށް ހާލަތު ބަލާފައިވާ ކަމަށާއި، އަހަރު ނިމެން ކައިރިވެފައިވާއިރު ބަޖެޓުގެ ތާށިކަމާ ހުރެ އެތަނަށް ބޭނުންވާ މުހިންމު ކަންކަން ނުކުރެވި ހުރިކަން ފާހަގަކުރެވުނު ކަމަށް ޒާހިރު ވިދާޅުވިއެވެ. އެހެންކަމުން އެ ހޮސްޕިޓަލް ތަރައްގީކުރުމަށް ކައުންސިލަށް ކޮށްދެވޭނީ ކޮން ކަމެއްތޯ ބަލައި، ވަގުތުން ހައްލުކުރަންޖެހޭ ދެ ކަމެއް ފާހަގަކުރެވުނު ކަމަށް އޭނާ ވިދާޅުވިއެވެ.

ޒާހިރު ފާހަގަކުރެއްވީ ހޮސްޕިޓަލުގައި ޑޮކްޓަރުން ބަލާނެ ކޮޓަރިތައް މަދުވުމުގެ މައްސަލަ ދިމާވެފައިވާ ކަމެވެ. އެގޮތުން މިވަގުތު ޗުއްޓީގައި ހުންނެވި ޑޮކްޓަރު އެނބުރިވަޑައިގަންނަވާއިރު ބަލި މީހުން ބައްލަވާނެ ކޮޓަރިއެއް ނެތުމުގެ ކަންބޮޑުވުން ހޮސްޕިޓަލުން ފާޅުކޮށްފައިވާ ކަމަށް ވިދާޅުވިއެވެ.

ޒާހިރު އިތުރަށް ވިދާޅުވީ، އެހެން ގޮތަކުން އެކަން ހަމަނުޖެހިއްޖެނަމަ، ދިއްދޫ ކައުންސިލްގެ ބަޖެޓުން ހަރަދުކޮށްގެން ނަމަވެސް އެ ކޮޓަރި ހަދައިދިނުމަށް ކައުންސިލަރުންގެ މެދުގައި މަޝްވަރާކޮށް ނިންމާފައިވާ ކަމަށެވެ. އަދި މާތް ﷲ ގެ ވާގިފުޅާއެކު، މިއަހަރު ނިމުމުގެ ކުރިން އެ މަސައްކަތް ނިންމައި ހޮސްޕިޓަލަށް އެ ކޮޓަރި ހަމަޖައްސައިދޭނެ ކަމުގެ ޔަގީންކަން ޒާހިރު ވަނީ ދެއްވާފައެވެ.

އޭގެ އިތުރުން، ހޮސްޕިޓަލަށް ގެނެސްފައިވާ ޑެންޓަލް މެޝިނާއި ތެލެސީމިއާ ޓެސްޓު ހަދަން ގެނައި މެޝިންތައް ވޯލްޓޭޖު ދަށްވުމުގެ ސަބަބުން ބޭނުން ނުކުރެވި ހުރި މައްސަލަ ވެސް ފާހަގަކުރެއްވިއެވެ. އެ މައްސަލަ ހައްލުކުރުމަށް ޓަކައި ސްޓެލްކޯގެ ބޭފުޅުންނާ ބައްދަލުކޮށް މަޝްވަރާކުރެވުނު ކަމަށާއި، އެ ބޭފުޅުންގެ ފަރާތުން ބޮޑު އެއްބާރުލުމެއް ލިބި، ގިނަވެގެން އެއް މަސް ދުވަހުގެ ތެރޭގައި ނުވަތަ ދެ ހަފްތާއެއްހާ ދުވަހުގެ ތެރޭގައި އެކަން ހައްލުކޮށްދޭނެކަމުގެ ޔަގީންކަން ދީފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ކައުންސިލުން އެ މަސައްކަތް ވަރަށް ގާތުން ބަލަމުން އަންނައިރު، ކުރިއަށް އޮތް ދެ ހަފްތާއެއްހާ ދުވަހުގެ ތެރޭގައި އެ މެޝިންތަކުން ހިދުމަތް ދޭން ފެށޭނެ ކަމަށް އުއްމީދުކުރައްވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 100%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: