ހއ. ދިއްދޫގައި ފެށިފައިވާ ތަރައްގީގެ މަޝްރޫއުތައް ދިގުލައިގެން ގޮސް، މަގުތަކާއި ކުނީގެ މައްސަލައިގައި ރައްޔިތުންގެ ބޮޑެތި ކަންބޮޑުވުންތަކެއް އެބަހުރި ކަމަށް ހއ. ދިއްދޫ ކައުންސިލްގެ ނައިބު މުހައްމަދު ޒާހިރު ވިދާޅުވެއްޖެއެވެ.
އޭނާ މިހެން ވިދާޅުވީ، ސަންގު ޓީވީގެ ”ފުރަމެންދުރު“ ޕްރޮގްރާމުގައި ވާހަކަދައްކަވަމުންނެވެ. ޒާހިރު ފާހަގަކުރެއްވި ގޮތުގައި، ވޭތުވެދިޔަ ތިން އަހަރުގެ ތެރޭގައި އެ ރަށުގައި ގިނަ މަޝްރޫއުތަކެއް ވަނީ ފެށިފައެވެ. ނަމަވެސް، އޭގެ ތެރެއިން ރައްޔިތުންގެ އެންމެ ބޮޑު ޝަކުވާއެއް އޮތީ މަގު ހެދުމުގެ މަޝްރޫއު ނުނިމި ދިގުލައިގެންދާތީކަމަށް ވިދާޅުވިއެވެ.
އެ މަޝްރޫއަކީ ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސާލިހުގެ ވެރިކަމުގެ ފަހު ދޮޅު އަހަރެއްހާ ދުވަހުގެ ތެރޭގައި ފެށުނު މަސައްކަތެއް ނަމަވެސް، އެ މަސައްކަތް އޭރު އޮތް ހިސާބުން ފެށިގެން، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރަށް މިވީ މުއްދަތުގެ ތެރޭގައިވެސް އެދެވޭ އެއްވެސް ހައްލެއް ފެންނަން ނެތް ކަމުގެ ކަންބޮޑުވުން އޭނާ ވަނީ ފާޅުކުރައްވައިފައެވެ.
”ވޭތުވެދިޔަ ތިން އަހަރުގެ ތެރޭގައި ރަށުގައި ގިނަ މަޝްރޫއުތަކެއް ފެށުނު. އެންމެ ބޮޑު އިހުމާލަކީ ޕްރޮޖެކްޓުތައް މިހާ ދިގުލައިގެން ދިޔުން. އެއީ ރައްޔިތުން އެންމެ ކަންބޮޑުވާކަމަކީ،“ ޒާހިރު
މި މައްސަލަ ހައްލުކުރުމަށް ކަމާ ބެހޭ ހުރިހާ މުއައްސަސާތަކަކާ ބައްދަލުކޮށްފައިވާ ކަމަށާއި، ހާއްސަކޮށް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ)އާ ބައްދަލުކޮށް މަގުތަކުގައި ހޮޅި ޖަހާފައި ހުރުމުގެ ސަބަބުން ރައްޔިތުންނަށް ދިމާވާ ތަކުލީފުތައް ހިއްސާކޮށްފައިވާނެކަމަށް އޭނާ ވިދާޅުވިއެވެ. އެގޮތުން އެ ބައްދަލުވުމުގައި މި އަހަރުގެ ޑިސެންބަރު މަހަށް ތާރު އަޅައި މަގުތައް ނިންމައިދޭނެ ކަމަށް އާރްޑީސީން ބުނި ނަމަވެސް، އެ މަސައްކަތް ނިމޭނެކަމުގެ އެއްވެސް އަލިމަގެއް ފެންނަން ނެތް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ. އަދި މިހާރު އެ މަޝްރޫއު އެމްޓީސީސީއާ ހަވާލުކުރަން ނިންމާފައިވީނަމަވެސް، ރަސްމީކޮށް ސައިޓް އަދި ބަދަލުވެފައި ނުވާތީ، ސައިޓް ހަވާލުވިހާ އަވަހަކަށް އެމްޓީސީސީއާއެކު މަޝްވަރާކޮށް މަސައްކަތް އަވަސްކުރުމަށް މަސައްކަތްކުރާނެ ކަމަށް ޒާހިރު ވިދާޅުވިއެވެ.
”އެބޭފުޅުން ވިދާޅުވީ މި އަހަރުގެ ޑިސެމްބަރު މަހު ތާރު އަޅައި ނިންމާލަދޭނަމޭ. އެހެންނަމަވެސް އަޅުގަނޑުމެންނަކަށް ތާރު އަޅައި ނިންމާލެވޭނެކަމުގެ އެއްވެސް ހެއްކެއް ނެތް ފެންނާކަށް. ހަމަ އެއޮތްގޮތަށް މިއަދުވެސް އެ އޮތީ،“ ޒާހިރު
މަގުތަކުގެ އިތުރުން ރަށުގެ ކުނި މެނޭޖްކުރުމުގައި ވެސް ބޮޑެތި މައްސަލަތަކެއް އެބަހުރިކަން ފާހަގަކުރައްވައި، ޒާހިރު ވަނީ ކުނިގޮނޑުން ދުން އެރުމުގެ މައްސަލައަކީ ރައްޔިތުންގެ ވަރަށް ބޮޑު ކަންބޮޑުވުމެއް ކަމަށާއި ހިދުމަތް ރަނގަޅު ފެންވަރެއްގައި ދިނުމަށްޓަކައި ވޭސްޓް މެނޭޖްމަންޓް ސެންޓަރު ވެމްކޯއާ ހަވާލުކުރި ނަމަވެސް، އަދިވެސް އެދެވޭ ފެންވަރަކަށް ކަންކަން ނުދާ ކަމަށް ވިދާޅުވެފައެވެ. އަދި ގާނޫނާ ހިލާފަށް ކުނި އެންދުމުގެ މައްސަލަތައް ފެންމަތިވަމުންދާކަން ފާހަގަކުރައްވައި އޭނާ ވިދާޅުވީ، ބައެއް ބާވަތްތަކުގެ ކުނި ރަސްމީކޮށް ނުނެގޭ މައްސަލައަށް ހައްލެއް ހޯދުމަށް ކައުންސިލުން ވެމްކޯއަށް ފުރިހަމަ އެއްބާރުލުން ދެމުން ގެންދާކަމަށެވެ.
ދިއްދޫ ރައްޔިތުންނަށް މިވަގުތު އެންމެ ބޮޑަށް ދިމާވެފައިވާ ގޮންޖެހުންތަކަކީ މަގުތަކުގެ މައްސަލައާއި، ކުނީގެ މައްސަލައިގެ އިތުރުން ސިއްހީ ދާއިރާގައި ހުރި ދަތިތައް ކަމަށާއި، ސަރުކާރުގެ އެހީތެރިކަމާއެކު އެ ހުރިހާ މަޝްރޫއުތަކާއި މައްސަލަތަކަށް ވީހާވެސް އަވަހަކަށް ދާއިމީ ހައްލެއް ލިބިގެންދާނެ ކަމަށް އުންމީދުކުރައްވާ ކަމަށް ޒާހިރު ވިދާޅުވިއެވެ.

