ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޕްލާސްޓިކް ކޮތަޅުން ނަގާ ފީއަށް ލުއި ދިނުމުގެ ބިލު ތަސްދީގުކޮށްފި

ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖެއަށް ކުނި އެތެރެކުރުން އެއްކޮށް މަނާކުރުމަށާއި ޕްލާސްޓިކް ކޮތަޅުން ނަގާ ފީއަށް ލުޔެއް ދިނުމަށް ޓަކައި ކުނި މެނޭޖުކުރުމުގެ ގާނޫނަށް ގެނެއި އިސްލާހުގެ ބިލު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތަޞްދީޤު ކުރައްވައިފިއެވެ.

އެ ބިލު ފާސްކޮށްފައިވަނީ، 17 އޮގަސްޓު 2026 ވީ ހޯމަ ދުވަހު ބޭއްވެވި، 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ 2026 ވަނަ އަހަރުގެ ދެވަނަ ދައުރުގެ 25 ވަނަ ޖަލްސާއިންނެވެ.

އެ އިސްލާޙުގައި، ކުނި މެނޭޖުކުރާ ނިޒާމުތަކާއި މަރުކަޒުތައް ޤާއިމުކުރުމާއި، މަރުކަޒުތަކުގައި ހުންނަންވީ މިންގަނޑުތަކާއި، ރައްކައުތެރިކަމާއެކު ކުނި ނައްތައިލުމާ ގުޅޭ އުސޫލުތަކާއި، ގެންގުޅޭ ވަޞީލަތްތަކާ ގުޅުންހުރި މިންގަނޑުތަކާއި އުސޫލުތައް ކަނޑައެޅުމުގައި، ޤާނޫނު ތަންފީޒުކުރާ ވުޒާރާއިން އަދާކުރަންޖެހޭ މަސްއޫލިއްޔަތުތަކަށާއި، ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީ އަދި އެންވަޔަރަންމަންޓަލް ރެގިއުލެޓަރީ އޮތޯރިޓީގެ މަސްއޫލިއްޔަތުތަކަށް ވަނީ އިޞްލާޙުގެންނަވާފައެވެ.

މީގެ އިތުރުން މިނިސްޓްރީން ކަނޑައަޅާ މިންގަނޑުތަކާ ޚިލާފަށް ކުނި މެނޭޖްކުރުމުގެ ސަބަބުން ތިމާވެއްޓަށް ނުވަތަ ޢާންމު ޞިއްޙަތަށް ނޭދެވޭ އަސަރެއް ކޮށްފި ޙާލަތެއްގައި، އެ ފަދައިން ޢަމަލުކުރާ ފަރާތްތައް، ޖޫރިމަނާ ކުރުމާ ގުޅޭ ގަވާއިދު ހެދުމުގެ ބާރު އެންވަޔަރަންމަންޓަލް ރެގިއުލޭޓަރީއަށް ދީ ޤާނޫނަށް އިޞްލާޙު ގެނެސްފައިވެއެވެ.

އެޭގެ އިތުރުން ކުނި މެނޭޖުކުރުމުގެ ޚިދުމަތްތައް ދިނުމުގައި ޢަމަލުކުރަންޖެހޭ މިންގަނޑުތަކާއި އުސޫލުތައް މި ޤާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ކަނޑައަޅައި، އެ އުސޫލުތަކާއި މިންގަނޑުތައް ތަންފީޒުކޮށް، އެ ކަންކަމާ ޚިލާފުވާ ފަރާތްތަކާމެދު އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގެ ޒިންމާ އާއި، އިގްތިސާދު ނުވަތަ އިންޑަސްޓްރިއަލް މަސައްކަތްތައް ކުރުމަށް ދޫކޮށްފައިވާ ރަށްރަށުގައާއި ސަރަޙައްދުތަކުގައި، އެ ރަށަކަށް ނުވަތަ އެ ސަރަޙައްދަކަށް އެކަށީގެންވާ ކުނި މެނޭޖުކުރުމުގެ ނިޒާމެއް ދެމެހެއްޓެނިވި ގޮތުގައި ހިންގަމުންދާކަން ކަށަވަރުކުރުމުގެ ޒިންމާ، ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީއަށް ވަނީ މަތިކުރައްވާފައެވެ.

އެ އިޞްލާޙުގައި، އިންޑަސްޓްރިއަލް މަސައްކަތެއް ކުރާ ތަންތަނުގައި އުފައްދާ ކުނި މެނޭޖުކުރުމުގެ ޕްލޭން އެކުލަވައިލާނެ ގޮތާއި، ތަންފީޛުކުރާނެ ފަރާތްތައް ބަޔާންކޮށްފައިވެއެވެ. އަދި މީހުން ދިރިއުޅޭ ރަށެއްގެ އިޚްތިޞާޞްގެ ތެރޭގައި ނުހިމެނޭ، އިގްތިސާދީ އަދި އިންޑަސްޓްރިއަލް މަސައްކަތްކުރާ ރަށްރަށުގައްޔާއި ސަރަހައްދުތަކުގައި އުފެދޭ ކުންޏާއި އުފައްދާ ކުނި، ދިވެހިރާއްޖޭގެ މީހުން ދިރިއުޅޭ ރަށެއްގެ ކުނި މެނޭޖުކުރާ މަރުކަޒަކަށް ގެންދެވޭނެ ގޮތަށް ކަނޑައަޅައިފައިވެއެވެ.

މީގެ އިތުރުން، ވިޔަފާރި ހަރަކާތްތަކުން ޕޮއިންޓް އޮފް ސޭލްގައި ކަސްޓަމަރަށް ވިއްކާ ނުވަތަ ފޯރުކޮށްދޭ ޕްލާސްޓިކް ކޮތަޅުން ނަގާ 2 (ދޭއް) ރުފިޔާ ނެގުން، 50 (ފަންސާސް) ކޮތަޅަށް ވުރެ ގިނަ އަދަދެއްގެ ޕްލާސްޓިކު ކޮތަޅު ހިމެނޭ ކޮތަޅު ބޮނޑިއަށް އިސްތިސްނާވުން ވަނީ އިޞްލާޙުގައި ހިމަނުއްވާފައެވެ. މިކަމުގެ ސަބަބުން އޭރު ނެގެމުން އައި ޑަބަލް ޓެކްސް ހުއްޓިގެންދާނެ ކަމަށް ސަރުކާރުން ބުނެއެވެ.

އެ ޤާނޫނަށް ޢަމަލުކުރަން ފެށުމުން، އެއްވެސް ފަރާތަކުން، އެއްވެސް ބާވަތެއްގެ ކުންޏެއް ދިވެހިރާއްޖެއަށް އެތެރެކުރުމަކީ ކުށެއްކަމުގައި ވަނީ ކަނޑައަޅުއްވާފައެވެ. އަދި އެ ޤާނޫނުގެ ދަށުން ހަދާ ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެމަތިން، އަދި އެންވަޔަރަންމަންޓަލް ރެގިއުލޭޓަރީ އޮތޯރިޓީން ދޫކޮށްފައިވާ ހުއްދައެއް އޮވެގެން މެނުވީ، ނުރައްކާތެރި ކުންޏާއި އެފަދަ ކުނި ހިމެނޭ އެއްވެސް އެއްޗެއް ދިވެހިރާއްޖޭގައި ވިއްކުމާއި، ބޭނުންކުރުމާއި، ޑިސްޓްރިބިއުޓް ކުރުމަކީވެސް ކުށެއްކަމުގައި ވަނީ ކަނޑައަޅުއްވާފައެވެ.

އެ އިޞްލާޙުތަކާ ގުޅިގެން އެ ޤާނޫނުގެ ދަށުން އެކުލަވާލާފައިވާ ގަވާއިދުތަކަށް ގެންނަންޖެހޭ އިޞްލާޙުތަކާއި، އެ ޤާނޫނުގެ ދަށުން އަލަށް އެކުލަވާލަންޖެހޭ ގަވާއިދުތައް، މި ޤާނޫނަށް ޢަމަލުކުރަން ފަށާ ތާރީޚުން ފެށިގެން 30 ދުވަހުގެ ތެރޭގައި އެކުލަވާލައި، ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރަންޖެހެއެވެ.

އެ ޤާނޫނަށް ޢަމަލުކުރަން ފަށާނީ، ރައީސުލްޖުމްހޫރިއްޔާ ބިލު ތަޞްދީޤުކުރައްވައި، ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރާ ތާރީޚުން ފެށިގެންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: