ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ތަންފީޒީ އިދާރާތަކުގެ ދައުރު އިތުރަށް ސާފުކޮށްދޭން ކުނި މެނޭޖްކުރުމުގެ ގާނޫނަށް އިސްލާޙެއް

ވެމްކޯ އިން ކުނި ވަކިކޮށްގެން އުކާލަނީ: ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ކުނި މެނޭޖްކުރުމުގެ ނިޒާމު ތަންފީޒުކުރާ އިދާރާތަކުގެ ދައުރު ސާފުކޮށް ބަޔާންކޮށް، އެ އިދާރާތަކުނ މަސްއޫލިއްޔަތު އަދާކުރުމުގައި ހުރި މައްސަލަތައް ހައްލުކުރަން ކަމަށް ބުނެ ސަރުކާރުގެ ފަރާތުން ކުނި މެނޭޖްކުރުމުގެ ގާނޫނަށް އިސްލާހު ހުށަހަޅައިފިއެވެ.

މިއަދު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވަނީ ކުނި މެނޭޖްކުރުމުގެ ގާނޫނަށް ހުށަހެޅި ދެވަނަ އިސްލާހުގެ ބިލުގެ ފުރަތަމަ ކިޔުން އިއްވައިފައެވެ. ސަރުކާރުގެ ފަރާތުން އެ އިސްލާޙު ހުށަހެޅުއްވި އުނގޫފާރު ދާއިރާގެ މެންބަރު އިބްރާހީމް ޝިފާޒެވެ.

ޝިފާޒް މިއަދު ވިދާޅުވީ، އެ އިސްލާހު ހުށަހަޅަނީ ކުނި މެނޭޖްކުރުމުގެ ނިޒާމު ތަންފީޒުކުރާ އިދާރާތައް ކަމަށްވާ މިނިސްޓްރީ އާއި ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީ (ޔޫއާރްއޭ) އާއި އެންވަޔަރަމެންޓް ރެގިއުލޭޓަރީ އޮތޯރިޓީން (އީއާރްއޭ) އަދާކުރަން ޖެހޭ ދައުރު އިތުރަށް ސާފުކުރުމަށް ކަމަށެވެ. އަދި ރާއްޖެއަށް ކުނި އެތެރެކުރުން އެއްކޮށް ހުއްޓުވަން ކަމަށެވެ.

ކުނި މެނޭޖްކުރުމުގެ ކަންކަން ދެމެހެއްޓެނިވި ގޮތެއްގައި ރާވައި ހިންގުމުގައި ތަފާތު ބާވަތްތަކުގެ ކުނި މެނޭޖްކުރުމުގެ ގޮތުން ގާނޫނުގައި ބަޔާންކުރާ އުސޫލުތައް މުރާޖައާކޮށް ތަންފީޒުކުރުމުގައި ދިމާވާ ދަތިތައް ހައްލުކުރުމަކީ ވެސް ގާނޫނު އިސްލާކުރާ އެއް ސަބަބު ކަމަށް އޭނާ ވިދާޅުވިއެވެ. ގާނޫނުގައި މިހާރު ހުރި އުނި ކަންކަން ހައްލުކޮށް ކުނި މެނޭޖްކުރުމުގެ ނިޒާމަށް ޒަމާނީ ބަދަލުތަކެއް އެ އިސްލާޙުން ގެނެވިގެންދާނެ ކަމަށް ޝިފާޒު ވިދާޅުވިއެވެ.

އޭގެ އިތުރުން އެ އިސްލާހާއެކު މުއައްސަސާތަކުގެ ދައުރު މިހާރަށް ވުރެ ސާފުވެ، މަސްއޫލިއްޔަތު އަދާކުރަން ފަސޭހަވެގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ. އެގޮތުން މިނިސްޓްރީ އާއި ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީ އާއި އެންވަޔަރަމެންޓް ރެގިއުލޭޓަރީ އޮތޯރިޓީ އަކީ އެއް އަމާޒަކަށް މަސައްކަތްކުރާ ހަލުވި އިންޖީނުތަކަކަށް ވެގެންދާނެ ކަމަށް ވިދާޅުވިއެވެ. އަދި އެއް މުއައްސަސާއިން އަނެއް މުއައްސަސާއަށް އިނގި ދިގުކުރުމުގެ ބަދަލުގައި ކޮންމެ މުއައްސަސާއަކީ ވެސް ނަތީޖާ ނެރެދޭ އަދި ޖަވާބުދާރީވަނިވި އިދާރާތަކަށް ހެދުމަކީ ވެސް އިސްލާހު ހުށަހެޅި އެއް މުހިންމު ސަބަބު ކަމަށް ޝިފާޒު ވިދާޅުވިއެވެ.

ކުނި މެނޭޖްކުރުމުގެ ގާނޫނަށް ހުށަހެޅި ދެވަނަ އިސްލާހުގައި ވަނީ، ގާނޫނުގައި ”އެޖެންސީ“ގެ ގޮތުގައި ކުރިން ބަޔާންކޮށްފައިވާ އިދާރާއަކީ އެންވަޔަރަމެންޓް ރެގިއުލޭޓަރީ އޮތޯރިޓީ ކަމަށް ސާފުކޮށް ބަޔާންކޮށްފައެވެ. އަދި ”އޮތޯރިޓީ“ ކަމަށް ބަޔާންކޮށްފައިވަނީ ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީ ކަމަށް އިސްލާހުގައި ބަޔާންކޮށްފައިވެއެވެ.

މީގެ ކުރިން އެއްވެސް ބާވަތެއްގެ ކުންޏެއް ރާއްޖެއަށް އެތެރެކުރެވޭނީ ހާއްސަ ހުއްދައެއް ހޯދައިގެންނެވެ. ނަމަވެސް، އިސްލާހުގައި ވަނީ އެއްވެސް ބާވަތެއްގެ ކުންޏެއް ރާއްޖެއަށް އެތެރެކުރުމަކީ ކުށެއް ކަމަށެވެ.

ފަތުރުވެރިކަމަށް ދޫކޮށްފައިވާ ރަށްރަށުގައާއި ސަރަޙައްދުތަކުގައި އަދި ޞިނާޢީ މަސައްކަތްތައް ކުރުމަށް ދޫކޮށްފައިވާ ރަށްރަށުގައާއި ސަރަޙައްދުތަކުގައި، އެ ރަށަކަށް ނުވަތަ އެ ސަރަޙައްދަކަށް އެކަށީގެންވާ ކުނި މެނޭޖުކުރުމުގެ ނިޒާމެއް ދެމެހެއްޓެނިވި ގޮތުގައި ހިންގަމުންދާކަން ކަށަވަރުކުރުމަކީ މިހާރު ގާނޫނު އޮންނަ ގޮތުން އީއާރްއޭގެ ޒިންމާއެކެވެ. ނަމަވެސް، އާ އިސްލާހުގެ ދަށުން ފަތުރުވެރިކަމަށް ދޫކޮށްފައިވާ ރަށްރަށުގެ ކުނި މެނޭޖްކުރުމާ ގުޅޭ ޕްލޭން ހިންގަމުންދާކަން ކަށަވަރުކުރުން އީއާރްއޭގެ ޒިންމާތަކުގެ ތެރެއިން ވަނީ ނަގައިފައެވެ. އަދި އެ މާއްދާގެ ދަށުން އީއާރްއޭއަށް ބެލޭނީ އިންޑަސްޓްރިއަލް ސަރަހައްދުތަކުގައި ކުނި މެނޭޖްކުރަމުންދޭތޯއެވެ.

އެ އިސްލާހުގައި ވަނީ އިންޑަސްޓްރިއަލް ސަރަހައްދުތަކުގައި އުފެދޭ ކުނި މެނޭޖުކުރަންވާނީ އެ ސަރަހައްދެއްގެ ވެރިފަރާތުން ނުވަތަ މެނޭޖްކުރާ ފަރާތްތަކުން ކަމަށެވެ. އަދި އެފަދަ އިގްތިސާދީ މަސައްކަތްކުރާ ތަންތަނުގައި އުފެދޭ ކުނި މެނޭޖްކުރުމުގެ ކަންކަން ހިނގާނެ ގޮތުގެ އޮޕަރޭޝަނަލް ޕްލޭންތައް އެ ތަންތަނުގެ ވެރިފަރާތުން ނުވަތަ މެނޭޖްކުރާ ފަރާތްތަކުން އެކުލަވާލަންވާނެ ކަމަށް އިސްލާހުގައިވެއެވެ. އަދި އެ ޕްލޭން ތަންފީޒުކުރުމަކީ އެ ފްލޭން އެކުލަވާލާ ފަރާތުގެ ޒިންމާއެކެވެ.

އެފަދަ ކުނި މެނޭޖްކުރުމުގެ ޕްލޭންތައް އެކުލަވާލަންވާނީ ގައުމީ ކުނި މެނޭޖްކުރުމުގެ ގައުމީ މާސްޓަރޕްލޭނާއި ރަށު ނުވަތަ ސިޓީ ފެންވަރުގައި ނުވަތަ ސަރައްދީ ފެންވަރުގައި ކުނި މެނޭޖްކުރުމުގެ އޮޕަރޭޝަނަލް ޕްލޭނާ އެއްގޮތްވާގޮތުގެ މަތިން ކަމަށް ވެސް އިސްލާހުގައިވެއެވެ.

އިންޑަސްޓްރިއަލް މަސައްކަތްކުރާ ތަންތަނުގެ ކުނި މެނޭޖްކުރުމުގެ ޕްލޭނެއް ހަދަން ޖެހޭ ފަރާތުން އެފަދަ ޕްލޭނެއް ނަހަދައިފިނަމަ ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީން އެ ފަރާތެއް 50،000ރ. އަށް ވުރެ ބޮޑުނޫން އަދަދަކުން ޖޫރިމަނާކުރެވޭނެއެވެ.

ކުނި މެނޭޖުކުރާ މަރުކަޒުތަކާއި، ރައްކާތެރިކަމާއެކު ކުނި ނައްތާލުމުގެ މަސައްކަތްކުރާ މަރުކަޒުތައް ގާއިމުކުރުމަށް ސަރަޙައްދުތައް ކަނޑައެޅުމާއި، ކުނި މެނޭޖުކުރުމުގެ ނިޒާމުތައް ފަރުމާކުރުމާއި، ގާއިމުކުރުމާއި، އެ ނިޒާމުތަކުން ހިދުމަތް ދިނުމާބެހޭ ގޮތުން މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުތަކާއި މިންގަނޑުތައް ތަންފީޒުކުރުމަކީ އީއާރްއޭއަށް ލިބިގެންވާ ބާރެއް ކަމަށް ގާނޫނުގައި ބަޔާންކޮށްފައިވާ 10 ވަނަ މާއްދާގެ (ރ) އުނިކުރަން ވެސް އިސްލާހުގައި ހުށަހަޅާފައިވެއެވެ.

ނުރައްކާތެރި ކުނި ދިވެހިރާއްޖޭގައި ރީސައިކަލްކޮށް، ބޭނުންތެރި މާއްދާތައް އިއާދަކޮށް، އަދި އެފަދަ އެހެން ބޭނުމެއް ކުރުމަށް ޕްރޮސެސްކޮށްގެން ނުވާނެ ކަމަށް ގާނޫނުގައި އޮންނަ އިރު އިސްލާހުގައި ހުށަހަޅާފައިވަނީ އީއާރްއޭއިން ހަދާ ގަވައިދެއްގެ ދަށުން އެ އިދާރާއިން ދޫކުރާ ހުއްދައެއް އޮވެގެން އެކަން ކުރެވޭނެ ގޮތަށެވެ.

ގާނޫނުގައި 13 ލަފުޒެއް އިސްލާހުގައި މާނަކޮށް، ހަތަރު ލަފްޒެއްގެ މާނައަށް ބަދަލުގެނެސްފައިވެއެވެ. އެގޮތުން ”ޕްލާސްޓިކް ކޮތަޅު“ ކަމަށް ބުނެފައި ވަނީ، މުދާ ބަންދުކޮށްފައި ހުންނަ ކޮތަޅު ފިޔަވައި، މުދާ އުފުލުމަށް ބޭނުންކުރާ ޕްލާސްޓިކުން (އޮކްސޯޑިގްރޭޑަބަލް އަދި ސިންތަޓިކް ޕޮލިމަރއިން އުފައްދާފައިވާ، އަމިއްލަ ޒާތުގައި ނެތިފަނާވާ (ޑިގްރޭޑަބަލް) ޕްލާސްޓިކްވެސް ހިމެނޭގޮތަށް) ހަދާފައި ހުންނަ ކޮތަޅު ކަމަށް ބަޔާންކޮށްފައިވެއެވެ.

އޭގެެ އިތުރުން، އެ އިސްލާހާ ގުޅިގެން ގަވައިދުތަކަށް ގެންނަންޖެހޭ ބަދަލުތަކާއި އެ ގަވައިދުގެ ދަށުން އަލަށް އެކުލަވާލަންޖެހޭ ގަވައިދުތައް އިސްލާހަށް އަމަލުކުރަން ފަަށާ ތާރީހުން ފެށިގެން 30 ދުވަހުގެ ތެރޭގައި އެކުލަވާލައި ސަރުކާރުގެ ގެޒެޓުގައި ޝާއިއުކުރަންވާނެ ކަމަށް ވެސް އިސްލާހުގައިވެެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: