އެކަހެރިކުރުމުގެ މަރުކަޒުތަކާއި، ކަރަންޓީނުކުރުމުގެ މަރުކަޒުތައް ހުންނަންޖެހޭ މިންގަނޑު ހެލްތު ޕްރޮޓެކްޝަން އެޖެންސީން ކަނޑައަޅައިފިއެވެ.
މި މިންގަނޑު ކަނޑައަޅާފައިވަނީ، ޢާންމު ސިއްހަތު ރައްކާތެރިކުރުމުގެ ޤާނޫނުގެ 94 ވަނަ މާއްދާގެ (ތ)އާއި، އެ މާއްދާގެ (ލ)ގެ ދަށުން އެކުލަވާލާފައިވާ، ’އެކަހެރިކުރުމާއި ކަރަންޓީނުކުރުމުގެ މަރުކަޒުތަކާބެހޭ ގަވާއިދު“ ގައެވެ.
މި ގޮތުން ޢާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތުގައި އެކަހެރިކުރަންޖެހޭ މީހުންނާއި، ކަރަންޓީނުކުރަންޖެހޭ މީހުން ބައިތިއްބާ މަރުކަޒުތައް ހުންނަންވާނެކަމަށް އެޗްޕީއޭއިން ކަނޑައަޅާފައިވާ މިންގަނޑުގެތެރޭގައި، އެ ފަދަ މަރުކަޒެއްގައި ވެއިޓިންގ އޭރިއާ އާއި، ކޮޓަރި(ފާޚާނާއާއެކު) އާއި، ކްލިނިކަލް އެގްޒަމިނޭޝަން ނުވަތަ ޓްރީޓްމަންޓް ކޮޓަރިއެއް ހުންނަންވާނެކަމަށް ބުނެފައިވެއެވެ.
އަދި އެ ކޮޓަރި ވާންވާނީ އިމަރޖެންސީ ހާލަތުގައި، ބަލިމީހާއަށް ފަރުވާކުރެވޭ އަދި ފަރުވާކުރަން ބޭނުންކުރާ ހުރިހައި ބާވަތެއްގެ ބޭސް ރައްކާތެރިކޮށްފައި ބެހެއްޓޭނެ ކޮޓަރިއަކަށް ވާންޖެހޭކަމަށް އެޗްޕީއޭއިން ބުނެފައިވެއެވެ.
މީގެ އިތުރުން ސްޓޯރޫމާއި، މަރުކަޒުގެ ފެސިލިޓީ މެނޭޖަރާއި، ސިއްހީ މަސައްކަތްތެރިންނާއި، ސެކިއުރިޓީ މުވައްޒަފުންނާއި، ސަޕޯޓް ސްޓާފުން އަރާމުކުރުމަށް ފާޚާނައާއެކު ޤާއިމުކުރެވިފައިވާ ކޮޓަރި ހުންނަންވާނެ ކަމަށްވެސް ބުނެފައިވެއެވެ.
އަދި އެ ކޮޓަރިތައް ހުންނަންވާނީ، ކަރަންޓީނުކުރާ ނުވަތަ އެކަހެރިކުރާ މީހުން ބައިތިއްބާ ކޮޓަރިތަކާ ވަކިންކަމަށް ވެސް ބުނެފައިވެއެވެ.
ހަމައެއާއެކު އަތްދޮވެވޭނެ ނިޒާމު ޤާއިމުކޮށްފައިވާ ޗޭންޖިންގ ރޫމާއި، މަރުކަޒަށް ކޮންމެހެން ބޭނުންވާނަމަ ޑޮނިންގ އަދި ޑޮފިންގ ރޫމާއި، ލޯންޑްރީ ފެސިލިޓީއަކާއި، ކޭޓަރިންގ ފެސިލިޓީއެއްގެ އިތުރުން، ކުމި ބެހެއްޓުމަށް ޚާއްސަކޮށްފައިވާ ވަކި ސަރަހައްދަކާއި، ރައްކާތެރިގޮތުގައި ކުނި ނައްތާލެވޭނެ ނިޒާމެއް ޤާއިމުކުރެވިފައި ހުންނަންޖެހޭނެކަމަށް ގަވާއިދުގައިވެއެވެ.
އެޗްޕީއޭއިން ބުނިގޮތުގައި، ކޮޓަރިތަކުގެ ވެންޓިލޭޝަން ރަނގަޅުކުރުމުގެ އިތުރުން، އަތްދޮވުމާއި ފާޚާނާގެ އިންތިޒާމު ޤާއިމުކޮށްފައިވާ ސިންގަލް ރޫމަކަށް ވާންޖެހޭކަމަށް ބުނެފައިވެއެވެ.
ނަމަވެސް ސިންގަލް ރޫމް ނުހުންނަ ހާލަތުގައި، ޑޯމިޓަރީގައި ބަހައްޓާ ކޮންމެ ދެ އެނދެއްގައި، 03 ފޫޓުގެ ދުރުމިނެއް ހުންނަންޖެހޭނެކަމަށާއި، ކޮންމެ 10 މީހަކަށް އެއް ފާޚާނާ ހުންނަގޮތަށް ފާޚާނާކުރެވޭނެ އިންތިޒާމު ހަމަޖައްސާފައި ހުންނަންވާނެކަމަށް ވެސް ބުނެފައިވެއެވެ.
މީގެ އިތުރުން، މަރުކަޒުގައި މަސައްކަތްކުރާ އެންމެހައި މީހުންގެ ރައްކާތެރިކަމަށް ބޭނުންވާ ޕަރސަނަލް ޕްރޮޓެކްޓިވް އިކުއިޕްމަންޓާއި، އެކަހެރިކުރެވޭ މަރުކަޒެއްނަމަ، އެ ތަނަށް ގެންދާ ބަލިމީހުންނަށް ފަރުވާދިނުމަށްޓަކައި ބޭނުންވާ އިމަރޖެންސީ ސެޓަޕް ވެސް ހުންނަންވާނެކަމަށް ބުނެފައިވެއެވެ.

