ހަރަދުކުޑަކުރުމުގެ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ޓަކައި، ސަރުކާރު މުވައްޒަފުން ބޭނުންވާ އަދަދު ބަލަން އޮޑިޓެއް ހަދަން ނިންމާފައިވާ ކަމަށް ފިނޭންސް މިނިސްޓަރު ހަސަަން ޒަރީރު ވިދާޅުވެއްޖެއެވެ.
އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ރައްޔިތުންގެ މަޖިލިހަށް ހުށަހެޅި ބަޖެޓް ދިރާސާކުރާ ކޮމިޓީން ބޭއްވި ބައްދަލުވުމުގައި ޒަރީރު ވިދާޅުވި ގޮތުގައި އެ އޮޑިޓް ހަދާނީ ފިނޭންސް މިނިސްޓްރީ އާއި ޕޭކޮމިޝަން ގުޅިގެންނެވެ.
އެ އޮޑިޓަށް ފަހު، ބޭނުންވާ ވަރަށް ވުރެެ އިތުރަށް މުވައްޒަފުން ތިބި ތަންތަނުން، ބޭނުންވާ ތަންތަނަށް މުވައްޒަފުން ބަދަލުކުރާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އޭނާ ވިދާޅުވި ގޮތުގައި އެއީ ދައުލަތުގެ ހަރަދުކުޑަކުރަން އަޅާ ގިނަ ފިޔަވަޅުތަކެއްގެ ތެެރެއިން އެއް ފިޔަވަޅެވެ.
އަންނަ އަހަރު އާ މަގާމުތައް ނުއުފައްދަން ރައީސް ނިންމަވާފައިވާ ކަމަށާއި ހަަމައެއާއެކު، ކޮންމެހެން ބޭނުންވާ މަގާމުތަކަށް އެކަނި ރިޕްލޭސްމަންޓް ނަގަން ނިންމާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
ޒަރީރު ވިދާޅުވީ، މިހާރު ވެސް ބަޖެޓުން އެންމެ ބޮޑު ހަރަދެއް ހިނގަނީ މުސާރައާއި ސަބްސިޑީއަށް ކަމަށެވެ. އެގޮތުން އަންނަ އަހަރަށް ލަފާކުރާ ބަޖެޓުގައި 17.1 ބިލިއަން ރުފިޔާ މުސާރަ އާއި އިނާޔަތްތައް ދިނުމަށް ކަނޑައަޅާފައިވާއިރު، ސަބްސިޑީގެ ގޮތުގައި ހަރަދުވާނެކަމަށް ލަފާކޮށްފައިވަނީ 13 ބިލިއަން ރުފިޔާއެވެ.
ހަރަދު ކުޑަކުރުމުގެ ގޮތުން މިހާރު ދޭ ގޮތަށް އެންމެންނަށް ސަބްސިޑީ ދިނުމުގެ ބަދަލުގައި ސަބްސިޑީ ކޮންމެހެން ދޭން ޖެހޭ މީހުންނަށް އެކަނިދޭ ”ޓާގެޓެޑް ސަބްސިޑީ“ ތައާރަފްކުރުމަށް ނިންމާފައިވާކަމަށް ވެސް ޒަރީރު ވިދާޅުވެފައިވެއެވެ.
އޭގެ އިތުރުން، ހަރަދުކުޑަކުރުމުގެ ގޮތުން، ރާއްޖޭގައި އުފައްދާ ހަކަތައިގެ 33 ޕަސެންޓަކީ ރިނިއުވަބުލް އެނާޖީގެ ތެރެއިން އުފައްދާ ހަކަތައަށް ބަދަލުކުރުމުގެ ޕްލޭނާ އެއްގޮަތަށް 150 މެގަވޮޓްގެ ދެ މަޝްރޫއު މިހާރު ކުރިއަށް ގެންދާ ކަމަށާއި އެ ދެ ޕްރޮޖެކްޓް ނިމޭ އިރު ގާތްގަނޑަކަށް 100 މިލިއަން ލީޓަރުގެ ތެޔޮ ސަލާމަތްކުރެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

