ކިތަންމެ ރީތި ސޫޓެއް ލައިގެން ހުރި ނަމަވެސް މާތް ﷲ އަންގަވާފައިވާ ގޮތަށް ޙުކުމް ތަންފީޛު ނުކޮށްފި މީހަކީ އަނިޔާވެރިއެއް ކަމަށާއި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުވެސް މިކަން ތަންފީޒު ނުކުރައްވައިފިނަމަ ވާނީ ފިނޑި ވެރިއަކަށްކަމަށް ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ސުޖާއު ވިދާޅުވެއްޖެއެވެ.
މެމްބަރު މިހެން ވިދާޅުވީ، ގުރައިދޫ ދާއިރާގެ މެންބަރު ހަނާން މުޙައްމަދު ރަޝީދު ހުށަހެޅުއްވި މަރުގެ އަދަބު ކަނޑައެޅުމާއީ ތަންފީޒުކުރުމުގެ ބިލަށް ބަހުސް ކުރައްވަމުންނެވެ.
މަޖިލީހުގެ ޖަލްސާގައި ވާހަކަދައްކަވަމުން ޝުޖާއު ވިދާޅުވީ، މަޖިލީހަށް ހުށަހެޅިފައިވާ މި ބިލަށް އޭނާ ފުރިހަމައަށް ތާއީދުކުރައްވާ ކަމަށެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މަރުގެ އަދަބު ތަންފީޒުކުރައްވަން މަސައްކަތްޕުޅު ކުރައްވާ ކަމަށާއި، މިފަދަ ބިލެއް މަޖިލީހަށް ފޮނުއްވާނީ އެމަނިކުފާނުގެ ކިބައިގައި އެ ކެރުންތެރިކަމާއި ހިތްވަރު ހުންނެވުމުން ކަމަށް ޤަބޫލުކުރައްވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ. ނަމަވެސް، ރައީސް މުޢިއްޒު ވެސް މިކަން ތަންފީޒު ނުކުރައްވައިފިނަމަ ވާނީ ފިނޑި ވެރިއަކަށް ކަމަށް ޝުޖާޢު ވިދާޅުވިއެވެ.
”ކިތަންމެ ރީތި ސޫޓެއް ލާފައި ހުއްޓަސް ﷲ އަންގަވާފައިވާ ގޮތަށް އަދަބު ތަންފީޛު ނުކޮށްފި މީހާއަކީ އަނިޔާވެރިއެއްކަމަށް ﷲ ޤުރުއާނުގައި ވަހީކުރައްވާފައިވޭ. މިއީ ދެބަސް ވެވޭނެ ކަމެއް ނޫން. އަޅުގަނޑުމެން ޖެހޭނީ ހިތްވަރާއިއެކު މިކަން ކުރަން. ރައީސް މުއިއްޒުވެސް މިކަން ތަންފީޒު ނުކޮށްފިނަމަ ވާނީ ފިނޑި ވެރިއަކަށް “ ޝުޖާޢު ވިދާޅުވިއެވެ.
އަދި މިފަދަ ބިލެއް މަޖިލީހަށް ހުށަހެޅުމާ އެކު އިދިކޮޅު އެމްޑީޕީގެ މެންބަރުން މި މައުޟޫޢާ ބީރައްޓެހި ގޮތަކަށް ވާހަކަދައްކަވާނެކަން ކުރިންވެސް އެނގިވަޑައިގަންނަވާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
ޝުޖާއު ވިދާޅުވީ، ޤިޞާޞް ހިފުމަކީ މިހިނދުން މިހިނދަށް މި ޤައުމުގައި ތަންފީޛުކުރަންޖެހޭ ކަމެއް ކަމަށާއި، މިއީ ވަކިން ޚާއްޞަ ޤާނޫނެއް އަންނަންޖެހޭ ކަމެއްވެސް ނޫން ކަމަށެވެ. އެގޮތުން ކީރިތި ޤުރުއާނުގެ ބަޤަރާ ސޫރަތުގެ 178 ވަނަ އާޔަތާއި، ޤިޞާޞް ހިފުމުގައި ދިރުމެއްވާ ކަމަށް ބަޔާންކުރައްވާފައިވާ އާޔަތްތަކުގެ މާނަ ވިދާޅުވެދެއްވަމުން އޭނާ ވިދާޅުވީ، މިއީ ސިޔާސީ ވާހަކައެއް ނޫން ކަމަށާއި މިއީ މާތް ﷲ ބާވައިލައްވާފައިވާ ސީދާ އަމުރުފުޅު ކަމަށެވެ.
ރާއްޖޭގެ ވޭތުވެދިޔަ ޙާލަތަށް އަލިއަޅުއްވާލައްވަމުން ޝުޖާއު ވިދާޅުވީ، ފެހި ޤާނޫނުއަސާސީ އައި ފަހުންވެސް މަގުމަތީގައި ރެޔާއި ދުވާލު މީހުން މެރުމާއި، ޒުވާނުން ބަދަލުހިފުމުގެ ރޫޙުގައި އެކަކު އަނެކަކު ގަޔަށް ވަޅިޖަހައި ޤައުމުގެ އަމާންކަން ގެއްލިގެން ދިޔަ ދުވަސްތައް ފެނިގެން ގޮސްފައިވާ ކަމަށެވެ. އަދި މިފަދަ ކަންކަން ހިނގަނީ އިސްލާމްދީނުގައި އަންގަވާފައިވާ ގޮތަށް ކަންކަން ތަންފީޛު ނުކުރެވި، ވެރިކަމުގައި ތިއްބެވި ބޭފުޅުން ފިނޑިވުމުން ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ޤައުމަށް އަމާންކަން ލިބޭނީ މާތް ﷲ އަންގަވާފައިވާ ގޮތަށް ކަންކަން ތަންފީޒުކޮށްގެންކަމަށް އޭނާ ވިދާޅުވިއެވެ. އަދި ވަކި ޤައުމަކާއި ދޭތެރޭ އޮންނަ ގުޅުމަށް ހީނަރުކަމެއް އައިސްދާނެތީ ބިރުން މާތް ﷲ އަންގަވާފައިވާ ގޮތަށް ކަންކަން ނުކުރުމުގެ ސަބަބުން އަޅުގަނޑުމެންނަށް ލިބިފައިވާ ނިއުމަތްތަށް ބީވެގެން ގޮސްދާނެކަމަށް އޭނާ ތަކުރާރުކުރެއްވިއެވެ.
މީގެއިތުރުން، ކުރީގެ ސަރުކާރުތަކުގައި މަރުގެ އަދަބު ތަންފީޛުކުރުމަށް ކޮށިގަނޑު ހަދައި، އިންޖެކްޝަން ގެނެސްފައި ހުރި ނަމަވެސް އެކަން ތަންފީޛު ނުކުރެވުނީ ވެރިންގެ ފިނޑިކަމުން ކަމަށް ޝުޖާއު ވިދާޅުވިއެވެ. އަދި ވަކި ޤައުމަކުން އެހީ ނުލިބިދާނެތީ ނުވަތަ ބޭރުގެ ގުޅުންތަކަށް ބުރޫއަރައިދާނެތީ ބިރުގަންނަނަމަ، ޤައުމަށް ލިބެމުންދާ ނިޢުމަތްތައް ހުއްޓިގެން ހިނގައިދާނެ ކަމުގެ އިންޒާރުވެސް އޭނާ ދެއްވިއެވެ.
ޝުޖާއުވަނީ މިފަދަ ބިލެއް މަޖިލީހަށް ފޮނުއްވާފައިވާތީ އުފާކުރައްވާކަމަށާއި ނަމަވެސް އިދިކޮޅު އެމްޑީޕީގެ ފަރާތުން މިބިލަށް ގޯކުޖަހާ ކަމަށާއި މަރަށް މަރު ހިފުމަކީ އިދިކޮޅުން އެއްގޮތަކަށްވެސް ޤަބޫލުކުރާ ކަމެއް ނޫންކަމަށް އޭނާ ތުހުމަތުކުރެއްވިއެވެ. އަދި މިއީ އެއްވެސް ވަރަކަށް އޭނާ ހައިރާންވެ އަޖައިބުވާކަމެއް ނޫންކަމަށް އޭނާ ވިދާޅުވިއެވެ.
ޝުޖާއުވަނީ ރައީސް ޑރ. މުއިއްޒު ޒުވާނުންނަށް ރީތިކޮށް އަމާންކޮށް އުޅުމަށް އިލްތިމާސްކުރައްވާފައިވާކަށާއި އެހެން ނޫންނަމަ ޤާނޫނު އަރާ ހަމަކުރާނެކަމަށް ވިދާޅުވެފައިވާކަން ހަދާންކޮށްދެއްވާފައެވެ. އަދި މިއަދު ޒުވާނުން މިގައުމުގެ ވަލީއުލް އަމްރު ދެއްކެވި ވާހަކަ އަޑުއަހައިފިކަމަށާއި މީގެ ކުރިން ނުރަނގަޅު މަގުން ގޮސްފައިވާ ޒުވާނުންވެސް އިސްލާހުވެފައިވާކަމަށް މެމްބަރު ވިދާޅުވިއެވެ. އަދި މިއީ ޤާނޫނި ވެރިކަމެއްގެ ރީތި މިސާލުކަމަށް އޭނާ ވިދާޅުވިއެވެ.

