އަންނަ 2027 ވަނަ އަހަރަށް ސަރުކާރުން ހުށަހަޅާފައިވާ 59.7 ބިލިއަން ރުފިޔާގެ ބަޖެޓަކީ ޚަރަދު ބޮޑު، ޑެފިސިޓް ބޮޑު އަދި ދަރަނި ވެސް އިންތިހާއަށް ބޮޑު ބަޖެޓެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ވައިކަރަދޫ ދާއިރާގެ މެންބަރު ޙުސައިން ޒިޔާދު ވިދާޅުވެއްޖެއެވެ.
ދައުލަތުގެ ބަޖެޓުގެ ބަހުސްގައި ވާހަކަދައްކަވަމުން މެންބަރު ޒިޔާދު ވިދާޅުވީ، 2027 ވަނަ އަހަރަށް ހުށަހަޅާފައިވާ ބަޖެޓަކީ ކުޑަ ބަޖެޓެއްގެ ގޮތުގައި މަޖިލީހުގެ ބައެއް މެންބަރުން ސިފަކުރެއްވި ނަމަވެސް، އެއީ ޙަޤީޤަތުގައި ކުޑަ ބަޖެޓެއް ނޫން ކަމަށެވެ. އަދި 2026 ވަނަ އަހަރުގެ ބަޖެޓާ އަޅާބަލާއިރު މި ބަޖެޓުން ކުޑަވަނީ ހަމައެކަނި ސުކޫކާއި ލޯނުތައް ދެއްކުމަށް ކަނޑައަޅާފައިވާ ފައިސާގެ އަދަދު އެކަނި ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
”މިދިޔަ މިހިނގާ 26 ވަނަ އަހަރުގެ ބަޖެޓަށްވުރެ މިބަޖެޓު ކުޑަ. ކުޑަވަނީ ހަމަ އެކަނި އެ ސުކޫކަށް ދައްކަންވާ ފައިސާއާ ލޯނަށް ދައްކަންވާ ފައިސާއާ އެކަނި. މި ބަޖެޓަކީ ޚަރަދު ބޮޑު، ޑެފިސިޓް ބޮޑު، ދަރަނި ބޮޑު ބަޖެޓެއް. އެއީ ޙަޤީޤަތް،“ ޒިޔާދު ވިދާޅުވިއެވެ.
ފާއިތުވި އަހަރުތަކުގެ ބަޖެޓުތަކަށް އަލިއަޅުއްވާލައްވަމުން ޒިޔާދު ވިދާޅުވީ، 2024 ވަނަ އަހަރު ރަސްމާލެ މަޝްރޫޢަށް ކަނޑައެޅި 400 މިލިއަން ރުފިޔާ އުނިކުރި ކަމަށް ބުނެ ވާހަކަ ދެއްކި ނަމަވެސް، އެ ފައިސާ ބަދަލުކުރީ ގުޅީފަޅާއި ތިލަފުއްޓާއި އަދި އިތުރު ތަންތަނުގެ ބޯހިޔާވަހިކަމުގެ ފެނާއި ނަރުދަމާއަށާއި މަގުތައް ހެދުމަށް ކަމަށެވެ. އެހެންނަމަވެސް، އެ އަހަރުގެ ބަޖެޓު ނިމިގެން ދިޔައިރު ބަޖެޓުގައި ހިމަނާފައިނުވާ ޑްރޯންތަކެއް ގަތުމަށް 37 މިލިއަން ޑޮލަރު (ގާތްގަނޑަކަށް 570 މިލިއަން ރުފިޔާ) ޚަރަދުކޮށްފައިވާ ކަމަށް އޭނާ ތުހުމަތުކުރެއްވިއެވެ.
މީގެއިތުރުން، 2025 ވަނަ އަހަރު 56.6 ބިލިއަން ރުފިޔާގެ ބަޖެޓެއް ފާސްކޮށް، ގެދޮރުވެރިކަމަށް ޖުމްލަ 2.7 ބިލިއަން ރުފިޔާ އަދި ހައުސިންގއަށް 1.8 ބިލިއަން ރުފިޔާ ހިމެނި ނަމަވެސް، އަހަރު ނިމުނުއިރު ބޯހިޔާވަހިކަމަށް ޚަރަދުކުރެވުނީ އެންމެ 196 މިލިއަން ރުފިޔާ ކަމަށް ޒިޔާދު ވިދާޅުވިއެވެ. އަދި 40 ހަފްތާ ވަންދެން އެ އަހަރުގެ ބަޖެޓު ސާޕްލަސްގައި އޮތްއިރު ވެސް، ރާއްޖޭގެ އެއްވެސް ރަށެއްގައި ބޯހިޔާވަހިކަމަށް ޓިނުގަނޑެއްގެ މިންވަރު ވެސް ބޯމައްޗަށް އަރުވާލެވިފައި ނުވާ ކަމަށް ވިދާޅުވިއެވެ.
ހަމައެއާއެކު، 2026 ވަނަ އަހަރަށް 54 ބިލިއަން ރުފިޔާގެ ރެކޯޑު ބަޖެޓެއް ފާސްކުރިއިރު ސިއްހީ ދާއިރާއަށް ބޮޑެތި ކުރިއެރުންތަކެއް ލިބޭނެ ކަމަށް ބުނި ނަމަވެސް، އުތުރުގެ ހުރިހާ ހޮސްޕިޓަލްތަކަށް ބަޖެޓު ބޮޑުކުރިއިރު ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގެ ބަޖެޓުން 7 މިލިއަން ރުފިޔާ އުނިކޮށްފައިވާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
މެންބަރު ޒިޔާދު ވިދާޅުވީ، ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ހުށަހަޅާ ބަޖެޓުތަކަކީ ރައްޔިތުންނަށް އޮޅުވާލައިގެން ހުށަހަޅާފައިވާ ބަޖެޓުތަކެއް ކަމަށެވެ. އަދި 2027 ވަނަ އަހަރަށް ހުށަހަޅާފައިވާ 59.7 ބިލިއަން ރުފިޔާގެ މި ބަޖެޓަކީ ވެސް ދަރަންޏާއި ޚަރަދު އިންތިހާއަށް ބޮޑު ބަޖެޓެއް ކަމަށް ފާހަގަކުރައްވައި، މި ބަޖެޓާ މެދު މިހާރު އޮތީ ހަމައެކަނި ހެޔޮ ދުޢާކުރުން ކަމަށް ވިދާޅުވެ އޭނާ ކަންބޮޑުވުން ފާޅުކުރެއްވިއެވެ.

